Sunday, 26 July 2026

Ads by

ދެ އިންތިޚާބު އެއްދުވަހަކަށް: ސިޔާސީ ރައުޔު އިދިކީލިއެއް ކަމަކު ވެރިންގެ ވިސްނުން އެއްގަލަކަށް !

އެކި ގްރެފިކްސް: ހުސެން ފައުޒާން

ދިވެހިރާއްޖޭގެ ސިޔާސީ ތާރީޚަށް ބަލާއިރު، 2008 ވަނަ އަހަރު އަމަލުކުރަން ފެށި އައު ޤާނޫނުއަސާސީގެ ދަށުން ބޭއްވުނު ކޮންމެ ރިޔާސީ އިންތިޚާބަކަށްފަހު، ރާއްޖޭގެ ސިޔާސީ މަޝްރަޙުން ފެންނަނީ އެއްގޮތް މަންޒަރުތަކެކެވެ. ރިޔާސީ އިންތިޚާބަށްފަހު އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ، ވެރިކަމަށް އަންނަ ކޮންމެ ސަރުކާރަކަށްވެސް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމެވެ. މިކަމުގެ ސަބަބުން ޤައުމުގެ ހިންގުމަށާއި ސިޔާސީ ހަމަޖެހުމަށް ކުރާ ނޭދެވޭ އަސަރުތަކަށް ބަލާއިރު، ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ މިއަދު ހުރިހާ ސިޔާސީ ލީޑަރުންވެސް އެއްބަސްވާންޖެހޭ ޙަޤީޤަތެކެވެ.

2008 ގެ ފަހުން ބޭއްވުނު ކޮންމެ އިންތިޚާބެއްގައިވެސް ފެނިގެންދަނީ، ރައްޔިތުން ފަސް އަހަރުގެ މުއްދަތަށް ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބު ކުރުމަށްފަހު، އެ ސަރުކާރަށް މަސައްކަތް ކުރެވޭނީ މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށްވާތީ، ވެރިކަމުގެ ފުރަތަމަ ހަ މަސްދުވަސް އެކަމުގެ ތެރޭގައި ހޭދަވެގެންދާ ތަނެވެ. 2019 އަދި 2023 ގެ އިންތިޚާބުތަކަށް ބަލާއިރު، ރައްޔިތުން ވަނީ ވެރިކަން ކުރާ ޕާޓީއަށް މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައި ގޮނޑި ދީފައެވެ. މިއީ ސަރުކާރަށް މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމަށް ރައްޔިތުން ބޭނުންވާކަމުގެ ހެއްކެކެވެ. ނަމަވެސް މިހާރު އޮތް ނިޒާމުގެ ތެރެއިން، ރިޔާސީ އިންތިޚާބަށްފަހު މަޖިލީސް އިންތިޚާބު އަންނަންދެން އޮންނަ މުއްދަތަކީ ސިޔާސީ ގޮތުން ނުތަނަވަސް ދުވަސްވަރެކެވެ.

މި މުއްދަތުގެ ތެރޭގައި، މަޖިލީހުގެ އޭރު އޮންނަ މެޖޯރިޓީ ބޭނުންކޮށްގެން އަލަށް އުފެދޭ ސަރުކާރަށް ޖެއްސުންކުރުމާއި، ސަރުކާރުގެ ފުރަތަމަ ބަޖެޓް ހާވިޔާކޮށްލުމަކީ އާންމު ކަމަކަށް ވެއްޖެއެވެ. އަދި ބައެއް ފަހަރު، ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ހޮވާފައި ހުންނަވާ ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން މަސައްކަތް ކުރުމަކީވެސް ދުރުނޫން މާޒީއެއްގައި ތަޖުރިބާ ކުރި ކަންކަމެވެ. އެގޮތުން މިއީ ފާއިތުވި 19 ވަނަ މަޖިލީހުގައި ފެނިފައިވާ ހިތްދަތި ޙަޤީޤަތެކެވެ. މީގެ އިތުރުން، ރިޔާސީ އިންތިޚާބާ ވިއްދައިގެން އޮންނަ މަޖިލީސް އިންތިޚާބުގެ ސަބަބުން، ވެރިކަން އެކުލަވާލުމުގައި ހަދާ ކޯލިޝަންތައް ރޫޅި، ސަރުކާރު ހިންގުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރުވައެވެ.

އާ ސަރުކާރެއް އުފެދި، ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމަށް މަސައްކަތް ފަށާއިރު، އިދިކޮޅު މެޖޯރިޓީއެއް އޮންނަ މަޖިލީހަކުން ސަރުކާރަށް ކުރެވެން އޮތް ހުރިހާ ގޮތަކުން ފިއްތުންތައް ކުރިމަތިކުރެއެވެ. މި މަންޒަރު މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ކުރީކޮޅުވެސް ވަނީ ވަރަށް ސާފުކޮށް ފެނިގެން ގޮސްފައެވެ. ވަޒީރުންނަށް ރުހުން ދިނުމުގައްޔާއި، ބަޖެޓުގެ ކަންކަމުގައި މަޖިލީހުން ކުރިމަތިކުރި ހުރަސްތަކަކީ ގައުމުގެ ތަރައްޤީއަށްވުރެ ސިޔާސީ ވާދަވެރިކަން އިސްކުރުމުގެ ނަތީޖާއެވެ. މީގެ ސަބަބުން ސީދާ ގެއްލުންވަނީ ދިވެހި ރައްޔިތުންނަށެވެ.

ފާއިތުވި ތާރީޚަށް ބަލާއިރު، ރައީސް ޔާމީންގެ ވެރިކަމުގައްޔާއި، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައިވެސް މަޖިލީސް އިންތިޚާބާ ދިމާކޮށް ސިޔާސީ ބޭނުމަށް ދަޢުލަތުގެ ވަސީލަތްތައް ބޭނުންކުރުމުގެ ސަގާފަތެއް އޮތީ އުފެދިފައެވެ. ސަރުކާރު ހިންގާ ޕާޓީން މަޖިލީހުގެ މެޖޯރިޓީ ހޯދުމަށްޓަކައި، ދައުލަތުގެ ފައިސާއާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ކެމްޕޭން ކުރުމަކީ ކޮންމެ ސަރުކާރަކުންވެސް ކުރަމުން އައިސްފައިވާ ކަމެކެވެ. ރައީސް ޔާމީންގެ ދައުރުގައި މަޝްރޫއުތައް އިންތިޚާބާ ދިމާކޮށް އިޢުލާންކުރުމާއި، ރައީސް ޞާލިޙްގެ ދައުރުގައިވެސް އިންތިޚާބާ ދިމާކޮށް ވަޒީފާތައް ދިނުމާއި ގޯތި ބެހުން ފަދަ ކަންކަމަކީ ދެ ބާރުގެ މެޖޯރިޓީ ހޯދުމަށް ކުރެވުނު މަސައްކަތްތަކެވެ. މީގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ބޮޑު ބުރައެއް އުފުލަންޖެހެއެވެ.

މި މައްސަލައަށް އޮތް ހައްލަކީ ދެ އިންތިޚާބު އެއްކޮށްލުން ކަމަށް ރާއްޖޭގެ ގިނަ ސިޔާސީ ލީޑަރުން މިހާރު އިއްތިފާގުވެއެވެ. ރައީސް ޑރ. މުޢިއްޒު ވަނީ ދެ އިންތިޚާބު އެއްކޮށްލުމަކީ ދައުލަތުގެ ޚަރަދު ކުޑަވެ، ސިޔާސީ ހަމަޖެހުން ލިބޭނެ ކަމެއް ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނުގެ މި ހުށަހެޅުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ތާއީދުކުރެއްވިއެވެ. ނަމަވެސް ”ސިޔާސީ“ ސަބަބުތަކާއި ހުރެ، އެ ވިސްނުމުން ފަހުން ރުޖޫއަވެވަޑައިގަތެވެ.

ހަމަ އެގޮތަށް، އެމްޑީޕީގެ ދެވަނަ ވެރިކަމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްވެސް ވަނީ ރާއްޖޭގައި ބާއްވާ ތިން އިންތިޚާބު އެކީގައި ބާއްވަން ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ޚިޔާލު ފާޅުކުރައްވާފައެވެ. އެހެން ނަމަވެސް މިއަދު ކިޔުއްވާ ލަވަ ތަފާތެވެ. ތިމާމެން ނޫން ބަޔަކު މިކަމާ އުޅޭތީކަމަށްވެދާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން އެމްޑީއޭ އިންވެސް ތާއީދުކުރާކަން އެ ޕާޓީން ރަސްމީކޮށް ހާމަކޮށްފައިވެއެވެ. އެމްޑީއޭއިން ބުނީ، ލޯކަލް އިންތިހާބުތައް އެއް ދުވަހެއްގައި ބާއްވަން އެ ޕާޓީން ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ. އަދި މިއީ ރާއްޖޭގެ މިހާރުގެ އިގްތިސާދީ ހާލަތަށާއި، ޤައުމުގެ ސުލްހަމަސަލަސްކަމަށް ބަލާއިރު، ދައުލަތަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ކަމަށް އެ ޕާޓީން ގަބޫލުކުރާ ކަމަށެވެ.

ޖުމްހޫރީ ޕާޓީއިންވެސް މި އިސްލާހަށް ތާއީދުކުރާކަން ހާމަކުރައްވަމުން އެ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެފައި ވަނީ ޤައުމުގެ ސިޔާސީ ހަމަޖެހުމަށްޓަކައި, މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ މިހާރު ކުރަން ލަސްވެސް ވެއްޖެ ކަމެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވެފައި ވަނީ ރައްޔިތުންގެ ޓެކްސް ފައިސާއިން 120 މިލިއަންއަށް ވުރެ ގިނަ ފައިސާ މި ސަލާމަތްކުރެވުމާއި، އެފައިސާ ރައްޔިތުންގެ އެހެންބޭނުންތަކަށް ބޭނުންކުރުމަށް ފުރުޞަތު ލިބިގެންދިއުމާއި، މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ސިޔާސީ ޕާޓީތަކުން ކުރާ މަސައްކަތްތަކާއި ގުޅިގެން ސިޔާސީ ނިޒާމުގައި މިހާތަނަށް އުފެދިފައިވާ ހަމަނުޖެހުންތަކާއި، އިންތިޚާބާއި ގުޅުންހުންނަ ކަމަށް ކުރެވޭ ކަރަޕްޝަންގެ ތުހުމަތު ތައް ވެސް މިކަމުގެ ސަބަބުން ކުޑަވެގެންދާނެކަމީ ޝައްކެތް އޮތް ކަމެއް ނޫން ކަމަށެވެ.

ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޛާ ދިޔާނާ ސައީދު ވިދާޅުވަނީ ދެ އިންތިޚާބުގެ ދެމެދުގައި ހަ މަސް އޮންނަ ސްޓެގާޑް ނިޒާމުގެ ތެރެއިން ސަރުކާރު ޖަވާބުދާރީކުރެވޭނެ އެންމެ މަޖިލީހެއް ވެސް ފާއިތުވި ގާތްގަނޑަކަށް 15 އަހަރު ތެރޭ ލިބިފައި ނުވާ ކަމަށެވެ. އެހެންކަމުން ދެން ހުރި ފުރުސަތުތައް ބެލުމަށް ލާޒިމްވެފައިވާ ކަމަށާއި، ކޮންކަރެންޓް އިންތިޚާބު ޓެސްޓުކުރުން މުހިންމު ކަމަށެވެ. މީގެ އިތުރުން، އެއް ތާރީޚެއްގައި އިންތިޚާބު ބޭއްވުމުން އިދާރީ ޚަރަދާ އެކު ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރެވުމުގެ ފުރުސަތު ވެސް ކުޑަވާނެ ކަމަށް ދިޔާނާ ދެކިވަޑައިގަންނަވައެވެ.

އަދާލަތު ޕާޓީއިންވެސް ވަނީ މި އިސްލާހަށް ތާއީދު ކުރައްވާފައެވެ. އެ ޕާޓީގެ އަމީންޢާންމު ޙުސައިން ޒިނާޙް މިކަން ހާމަކުރައްވާފައި ވަނީ މި ދިޔަމަހުގެ ދެވަނަ ދުވަހު ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއިން ބަންޑާރަނައިބުގެ އޮފީހާއި އިލެކްޝަންސް ކޮމިޝަނާއި ސިޔާސީ ޕާޓީތަކާއި އެކު ބޭއްވި ބައްދަލުވުމުގައެވެ. މީގެ އިތުރުން މަޖްލީހުގެ އަދި ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދުވެސް ދާދިފަހުން މިކަމަށް ވަނީ ތާއީދުކުރައްވާފައެވެ.

ރައީސް ޑރ. ވަހީދު، އެމްއެންޕީގެ ލީޑަރު ނާޒިމް، އަދި މަޖިލީހުގެ ކުރީގެ އެތައް މެންބަރުންނާއި، ޤާނޫނީ ދާއިރާގެ މާހިރުން ދަނީ މިކަމަށް ތާއީދުކޮށް ވާހަކަ ދައްކަމުންނެވެ. މަޢުލޫމާތު ލިބޭ ގޮތުގައި ކުރީގެ ރައީސް ޔާމީނަށްވެސް މި ބަދަލު ކަމުދެއެވެ. އެހެންނަމަވެސް ރަސްމީކޮށް ފާޅުގައި މިކަމަށް އަދި ތާއީދުކުރައްވާފައި ނުވަނީ ޔާމީނު އެކަނިއެވެ.

ޤާނޫނު އަސާސީ އިސްލާހުކުރި ދުވަސްވަރުވެސް ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުއެކީ ބޭއްވުމަށް ބަހުސްކުރިކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމްވެސް ވަނީ ހާމަކުރައްވާފައެވެ.

ރާއްޖޭގައި އެންމެ ގިނަ މީހުން ވޯޓުލާން ނުކުންނަ އެންމެ ބޮޑު 2 އިންތިޚާބު އެކުގައި، އެއްދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ހުށައެޅުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ދަނީ އެމަސައްކަތް ކުރަމުންނެވެ. މިކަމުގައި ރައްޔިތުންގެ ޚިޔާލަށް ހުޅުވާލާއިރު 2 ފަރާތަށްވެސް މިކަމުގައި އަންނަނީ ބަހުސް ކުރަމުންނެވެ. އެގޮތުން ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ވާހަކަދައްކަމުންދާ ފަރާތްތަކުން ފާހަގަކުރާ އެއްކަމަކީ މިއީ ދަޢުލަތުގެ ޚަރަދު ކުޑަކުރެވޭނެ ކަމެކެވެ.

ދެއިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ މާލީގޮތުން ދުރުރާސްތާއަށް ބަލާއިރު ހުރިހާ ފަރާތަކަށްވެސް މީގެ ފައިދާކުރާނެ ކަމެއްކަމަށް އިލެކްޝަންސް ކޮމިޝަނުން ދެކެއެވެ. އަދި ސިޔާސީ ވިސްނުން ދޫކޮށް ފަރުދީ ވިސްނުމަކުން މިއީ ރާއްޖޭގެ ސިޔާސީ ވެރިންނަށްވެސް ޤަބޫލުކުރެވޭ ޙަޤީޤަތްވެސް މެއެވެ.

މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް