ބ. އޭދަފުއްޓަށް މަސްތުވާތަކެތި އެތެރެކޮށް، އެ ވިއްކައި، އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އެ ރަށުން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނެފައިވަނީ، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އަލީ ޝަކީބު، ދޭދަރުގެ / ބ. އޭދަފުށި (56އ) ކަމަށެވެ. އެގޮތުން މި މަހުގެ 10 ވަނަ ދުވަހުގެ ރޭ އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ކަރުދާސްކޮޅެއް އޭނާގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން އަލީ ޝަކީބުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ ފަސް ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން ގެންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.













