ބޮޑު ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ސަރުކާރުގެ ވިސްނުމަށް ތާއީދު ކުރައްވާ ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ބުނެފި އެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު ސިޔާމް މުހައްމަދު (ސަންޓްރެވެލް ސިޔާމް) ލީޑަރުކަން ކުރާ ޕާޓީ އެމްޑީއޭ އިން މި ނިންމުމަށް ތާއީދުކޮށްފައިވާއިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހިމް ވެސް ވަނީ މި ނިންމުމަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައެވެ. އެމްޑީއޭއިން ވަނީ މި ސަރުކާރު ގެނައުމަށް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ތާއީދުކޮށްފައެވެ. އެހެން ނަމަވެސް ފަހުން ވަނީ ޕީއެންސީ ސަރުކާރުގެ ކޯލިޝަނުން ވަކިވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެއަށްފަހު ސަރުކާރުގެ ނިންމުމަކަށް އެމްޑީއޭއިން ތާއީދުކުރި މިއީ ފުރަތަމަ ފަހަރެވެ.
މި ކަމާއި ގުޅިގެން އެމްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމަށް ތާއީދު ކުރާ ކަމަށެވެ. އަދި އެ ނިންމުމަށް އެ ޕާޓީން މަރުޙަބާ ކިޔާ ކަަމަށް ވެސް ބުންޏެވެ.
އެމްޑީއޭ އިން ބުނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމަށް ތާއީދު ކުރަނީ އެކަމުން ފައިދާ ބޮޑުވުމުން ކަމަށެވެ. އެގޮތުން ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ރާއްޖޭގެ އިގްތިސާދީ ހާލަތާއި، ގައުމުގެ ސުލްހަމަސަލަސްކަމަށް ރިއާޔަތްކުރާއިރު، ދިވެހި ދަޢުލަތަށާއި، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ކަމަށެވެ. އަދި އިންތިޚާބުތައް އެއް ދުވަހެއްގައި ބޭއްވުމުން ދަޢުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި ދަރަނި މެނޭޖްކުރަން ލިބޭނެ ވަރަށް ބޮޑު ލުޔަކަށް ވާނެ ކަމަށް ސަރުކާރުން ބުނާ ބުނުމަށް ފުރިހަމައަށް ތާއީދު ކުރާ ކަމަށްވެސް އެޕާޓީން ބުނެފައިވެއެވެ.
އެމްޑީއޭއިން ބުނީ ހުރިހާ ގޮތަކުުން ބަލާއިރުވެސް މިއީ ރަނގަޅު ފިޔަވަޅެއް ކަމަށެވެ.
ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާއި ދެކޮޅީ އެމްޑީޕީއާ ކުރީގެ ރައީސް ޔާމީންގެ ޕީއެންއެފް އިންނެވެ.
ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ގޮތް ނިންމުމަށް ރައްޔިތުންނަށް އެ ފުރުޞަތު ސަރުކާރުން ވަނީ ދޭން ނިންމާފައެވެ. އެގޮތުން އެ ނިންމުން ރައްޔިތުން ނިންމާނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުގައި ނެގޭ ފެންނަ ނުފެންނަ ވޯޓަކުންނެވެ.












