އެ ”ފޮޓޯގަނޑާއި“ ބެހޭ ގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފުރަތަމަ ފަހަރަށް ޕޯޑިއަމެއްގައި އެއްޗެއް ވިދާޅުވެއްޖެއެވެ. އެވިދާޅުވީ ވަރަށް ގިނަ ވާހަކައެވެ. މިދައްކަނީ ”ހުސްގޮނޑި“ އާއި ”ފޮޓޯގަނޑު“ ގެ ބަހުސްގެ ވާހަކައެވެ.
މި ދެންނެވި ”ފޮޓޯގަނޑު“ގެ ވާހަކަ ފެށިގެން އައިގޮތަށް ބަލާލާއިރު، އެއީ ޕީޕީއެމް ވުޖޫދުގައި އޮތް އިރު، އެޕާޓީގެ ލީޑަރުކަމުގައި ހުންނެވި ކުރީގެ ރައީސް ޔާމީން އަބަދުހެން އެ ދައްކަވާ ފޮޓޯގަނޑާއި ހުސްގޮނޑީގެ ވާހަކައެވެ. މީގެ ކުރިން އަބަދުވެސް އިވެނީ ޔާމީންގެ ފަރާތްޕުޅުން ތިމަންނާގެ ފޮޓޯ ވިއްކީ އޭ، ހުސްގޮނޑި ދައްކައިގެން ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވީއޭ ވިދާޅުވާ އަޑެވެ. އެހެންނަމަވެސް ރައީސް މުޢިއްޒުއަކީ މާބޮޑަށް މީހުންނަށް ސިޔާސީ ރައްދު ދެއްވާ އުޅުއްވާ ބޭފުޅެއްނޫންވީމަ މިހާތަނަށްވެސް މިކަމުގައި އެމަނިކުފާނު އެއްވެސް ތަނެއްގައި އެއްވެސް ގޮތަކަށް ސީދާގޮތުންވެސް، އަދި ނުސީދާ ގޮތުންވެސް ރައްދެއް ދެއްވާފައިނުވެއެވެ.
އެހެންނަމަވެސް މިދިޔަ ހޮނިހިރު ދުވަހުގެރޭ އާޓިފިޝަލްބީޗް ސަރަޙައްދުގައި ބޭއްވި ”ދަ ގްރޭޓާ އައްޑޫ“ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވެ ދެއްވީ ”އެފޮޓޯގަނޑު“ ގެ ފަހަތުގައިވީ ސިއްރެވެ. އަނެއްހެން ސިއްރެއްވެސް ނޫނެވެ. ފަހަރުގައި ޔާމީނަށް ކުރާ އިހުތިރާމަކުން މީގެ ކުރިން މިވާހަކަ އެކަކަށްވެސް ދައްކަން ބޭނުންނުވީއެވެ. އެންމެ ފަހުން މިވާހަކަ ރައީސް މުޢިއްޒު ވިދާޅުވެ ދެއްވައިފިއެވެ.
”ހުސް ގޮނޑި“ އަށް ޢިޝާރާތް ނުކުރެއްވި ނަމަވެސް ރައީސް ވިދާޅުވީ އެ ”ފޮޓޯގަނޑު“ ޖަހަން ޖެހުނު ސަބަބެވެ. ރައީސް ވަނީ ކުރިއަށްއޮތް ކައުންސިލް އިންތިޚާބުގެ ކެމްޕޭނު ޕޯސްޓަރުތަކުގައި އެމަނިކުފާނުގެ ފޮޓޯ ނުޖައްސަވާ ސަބަބު ހާމަ ކުރައްވާފައެވެ. މިކަން ހާމަ ކުރެއްވުމުގެ ކުރިން ޔާމީން ވަނީ މިކަމާއި ގުޅޭގޮތުންވެސް ތުހުމަތެއް ކުރައްވާ ދޮގު ޚަބަރެއް ފަތުރާފައެވެ.
”ޖަލީލަކީ ކަތިލާ ކަންބަޅިއެއް، މުޢިއްޒު ބޭނުންވަނީ އާދަމް ޢާޒިމް ހޮވެން، އެހެންވީމާ ހަމަ އެ ސަބަބަށް ޓަކައި މާލެ ސިޓީ ކައުންސިލަށް ކުރިމަތިލައިގެން އުޅޭ ހުރިހާ ޕީއެންސީގެ ކައުންސިލަރުންނަށް އަންގައިފި މޫސާ ޖަލީލާއެކީ ކަލޭމެން ފޮޓޯނަގައިފައި ޕޯސްޓަރު ހަދައިގެން ނުވާނެއޭ“ ޔާމީން ވިދާޅުވިއެވެ.
ޔާމީންގެ މި ތުހުމަތު ތަކާގުޅިގެން ”އެކި އެމްވީ“ ގެ ފަރާތުން ޕީއެންސީގެ އެސްޖީ މުއާޒު އާއި ސުވާލު ކުރުމުން އޭރު ވިދާޅުވީ ޔާމީން އެ ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ. އަދި އެއީ ސިޔާސީ ބޭނުމަށް ޔާމީން ދެއްކެވި ތާކުންތާކު ނުޖެހޭ ވާހަކަފުޅެއް ކަމަށްވެސް މުއާޒް ވިދާޅުވިއެވެ. މުއާޒް އިތުރަށް ވިދާޅުވީ ރައީސް މުޢިއްޒު އެމްޑީޕީ ކެންޑިޑޭޓަކަށް ތާއީދުކުރައްވާނެ ނަމަ، މި އިންތިޚާބަށް މިވަރުގެ ހޭދައެއް ނުކުރައްވާނެ ކަމަށެވެ.
ރައީސް މުޢިއްޒުގެ ފޮޓޯ ޕޯސްޓަރު ތަކުގައި ނުޖައްސަވާ ސަބަބު މިހާރު ޔާމީނަށްވެސް ސާފުވާނެއެވެ. ރައީސް މުޢިއްޒު ވިދާޅުވީ އެގޮތަށް ފޮޓޯ ޖެއްސެވުމަކީ މީގެކުރިން މަޖުބޫރުކޮށްގެން ކުރުވި ކަމެއްކަމަށާއި، މި ކެމްޕޭނަށްވެސް ޕާޓީގެ ލީޑަރޝިޕުން ރައީސްގެ ފޮޓޯ ޖައްސަވަން އެދިވަޑައިގެންނެވި ކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނު އެގޮތަށް އެދިވަޑައިނުގެންނެވިކަމާއި އެކަމުގެ ތަފްސީލް ވިދާޅުވެ ދެއްވިއެވެ. އަދި މިއާއިއެކު މިއަދުގެ ޙާލަތަށްވެސް އެމަނިކުފާނު އަލި އަޅުއްވާލެއްވިއެވެ. މަޢުލޫމާތު ލިބޭ ގޮތުގައި މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ހުޅުމާލޭގައި ބޭއްވި ޕީޕީއެމް ޖަލްސާއެއްގެ ޕޯސްޓަރުގައި ޔާމީންގެ ފޮޓޯ ނެތިގެން އެ ޖަލްސާ ކެންސަލްކުރުވާ، ފަހުން ޔާމީންގެ ފޮޓޯ ހިމަނައިގެން ޕޯސްޓަރު ހެދުމަށްފަހު ޖަލްސާ ބޭއްވިކަމަށްވެއެވެ. މީގެ އިތުރުން ރިޔާސީ އިންތިޚާބުގައި ޔާމީނަށް ވާދަކުރެވޭނެ ކަން ޔަޤީން ނުވަނީސް އެމަނިކުފާނުގެ އެދިވަޑައިގަތުމަށް ސިނަމާލެ ބްރިޖްވިއު ގައި ހަމަ އިސްކޮޅަށްވުރެ ބޮޑު ޕޯސްޓަރެއް ޕީޕީއެމުން ޖެހިއެވެ. ޔާމީން 2028 ޖަހާފައި އިން މި ޕޯސްޓަރު ރިޔާސީ އިންތިޚާބު ނިމެންދެން އެތަނުގައި އިންނަމަވެސް އޭރު ޔާމީނަކީ ޙުކުމް ތަންފީޒުކުރަމުން ދިޔަ ޤައިދީއެކެވެ. ރިޔާސީ އިންތިޚާބު ނިމުންއިރުވެސް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޢިއްޒުގެ ޕޯސްޓަރު އެތަނަށް އެރުވުން އޮތީ މަނާކޮށްފައެވެ.
”މި ފޮޓޯ ތަކުގައި ނުހުންނާނެ އަޅުގަނޑުގެ ފޮޓޯއެއް، އަޅުގަނޑު ގާތުގައި ފަލާހުވެސް އަދި އަޅުގަނޑުމެންގެ ބައެއް މެންބަރުންވެސް ވަރަށް އެދުނު އަޅުގަނޑުގެ ފޮޓޯ ޖަހަން ޖެހޭނުންހޭ މި ޕޯސްޓަރުތަކުގައި. ދެން އެވެދާނެ އަޅުގަނޑުމެންގެ ތެރޭގައި އަބަދުވެސް ކުރީގައި އޮތްގޮތެއް އެއީ ފޮޓޯ ޖަހަންޖެހޭ، ނުޖަހައިފިއްޔާ ކުށްވެރިވެސް ވާކަހަލަ ގޮތެއް. އެހެންވީމަ ފޮޓޯ ޖަހަން މިބޭފުޅުން ވަރަށް ބޮޑަށް އެދުނު،، އަޅުގަނޑު ބުނީ އަޅުގަނޑުގެ ފޮޓޯ ޖަހާނެ ކަމެއްނެތޭ ދޫންޏޭ އިންނަންވާނީ، އެ ދޫންޏޭ އަޅުގަނޑުމެން ޕްރޮމޯޓުކުރާނީ“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މިއާއިއެކު ރައީސް ވިދާޅުވީ ޕީއެންސީއަކީ ޕާޓީއެއް ކަމަށާއި މ ވަކިމީހެއްގެ އެއްޗެއްނޫން ކަމަށާޢި، ޕީއެންސީއަކީ އެ ޕާޓީގެ ހުރިހާ މެންބަރުންގެ ޕާޓީއެއް ކަމަށެވެ. އެހެންކަމުން ޕްރޮމޯޓުކުރާނީ ޕާޓީ ކަމަށް އަޑަށް ބާރުލައްވާ ރައީސް ވިދާޅުވިއެވެ.
”މިއީ ޕާޓީއެއް، މިއީ ވަކިމީހެއްގެ އެއްޗެއްނޫން.. ޕީއެންސީއަކީ މި ޕާޓީގެ ހުރިހާ މެންބަރުންގެ ޕާޓީއެއް، އެހެންވީމަ އަޅުގަނޑުމެން ޕްރޮމޯޓުކުރާނީ ޕާޓީ..“ ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު މިފަދައިން ވިދާޅުވުމާއިއެކު އެއްވެ ތިބި އެންމެން އަދި ޚާއްޞަކޮށް ޕީއެންސީގެ ލީޑަރޝިޕް ބޭފުޅުންނަށް ވަރުގަދަ ހިތްވަރަކާއި ޖޯޝެއް އައިތަން ފެނިގެން ދިޔައެވެ. ތަރުޙީބުގެ އަތްތިލަބަޑިން މުޅި ސަރަޙައްދު ގުގުމާލިއެވެ. ”އެފޮޓޯގަނޑު“ގެ ކަންތައް ސާފުވީމާ މިހާރު އެ ”ހުސްގޮނޑީގެ“ މައްސަލަވެސް މިވަނީ ސާފުވެގެން ގޮސްފައެވެ.
ވާނީވެސް އެހެންތާއެވެ. އެ މަޖުބޫރީ ހާލަތު ތަޖުރިބާ ކުރި ހުރިހާ ބޭފުޅުން އެ ތިއްބެވީ އެ ޖަލްސާ އަޑު އައްސަވާށެވެ. އެހުރިހާ ބޭފުޅުން މިއަދު ތިބީ ޔާމީނާއި ފެޔަށް ޖައްސާފައެވެ. އެބޭފުޅުން ވިދާޅުވާ ގޮތުގައި އެބޭފުޅުން ޔާމީނު ދޫކޮށްލީއެއްނޫނެވެ. ޔާމީނަށް އެބޭފުޅުން ކޮށްދެއްވި އަގުހުރި ޚިދުމަތް އެއްޗަކަށްނުވީއެވެ. ސަބަބަކީ ތިމާނޫން ބޭފުޅަކަށް އެފިކުރުން ވެރިކަން ލިބުމެވެ.


