އެކި ކަހަލަ ސަބަބުތައް މެދުވެރިވެގެން ޢުމްރާގެ އަޅުކަމަށް ނުފުރި ތިބި ޢުމްރާވެރިން މިރޭ ޢުމްރާއަށް ފުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝަހީމް މި މޭރުމުން ވިދާޅުވީ އެކްސްގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ. މިނިސްޓަރު ވިދާޅުވީ، އެކި ސަބަބުތައް މެދުވެރިވެގެން ޢުމްރާގެ އަޅުކަމަށް ނުފުރި ތިބި 164 އުމްރާވެރިއަކު މިރޭ ޢުމްރާއަށް ފުރޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ޙައްޖު ކޯޕަރޭޝަންގެ ފަރާތުން މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރ ކުރެވި، މައްކާގެ އިންތިޒާމްތައް ވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
ޢުމްރާއަށް ފުރުމުގައި އެކި ސަބަބުތަށް ދިމާވެގެން ނުފުރުނު 164 ޢުމްރާވެރިން މާތް ﷲ އިރާދަކުރެއްވިއްޔާ މިރޭ ޢުމްރާއަށް ފުރޭ ގޮތަށް ވަނީ ހަމަޖެހިފަ. މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ވަނީ މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރ ކޮށްފަ. މައްކާގެ އިންތިޒާމްތައް ވެސް ވަނީ ހަމަޖެހިފަ. މި…
— Mohamed Shaheem Ali Saeed (@Mohamedshaheem1) March 8, 2026
މި ފުރުޞަތުގައި މިނިސްޓަރު ޝަހީމް ވަނީ، ޙައްޖު ކޯޕަރޭޝަނަށާއި މޯލްޑިވިއަންނަށް ޝުކުރު އަދާކުރައްވައިފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިކަން ޙައްލު ކުރެއްވުމަށް ދެއްވި އަޙައްމިއްޔަތަށްޓަކައި، މިނިސްޓަރު ވަނީ ރައީސް މުޢިއްޒަށް ވެސް ޝުކުރު އަދާކުރައްވައިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ބައެއް ގުރޫޕްތަކުން ޢުމްރާގެ އަޅުކަމަށް ދާ ފަރާތްތަކުގެ އަތުން އޮޅުވާލައިގެން ފައިސާ ނެގުމަށްފަހު ޢުމްރާއަށް ނުގެންދާ މައްސަލަ ބައެއް ފަހަރު ފެންމަތިވެއެވެ. އެގޮތުން ”އަލްއަބްރާރު“ ނަމަކަށް ކިޔާ ޢުމްރާ ގުރޫޕަކުން މެދުއިރުމަތީގެ މަސްރަޙު ގޯސްވެފައިވާތީ ސަޢޫދީއަށް ދިއުން ރައްކާތެރި ނޫން ކަމަށް ބުނެ، ގިނަ ބައެއްގެ އަތުން އޮޅުވާލައިގެން ފައިސާ ނެގުމަށްފަހު ޢުމްރާއަށް ނުގެންދިޔަ މައްސަލައެއް މިފަހުންވެސް ވަނީ ފެންމަތިވެފައެވެ.
އެނގިފައިވާ ގޮތުގައި އެ ގުރޫޕުން ވިސާ އަދި ހޮޓެލް ބުކިންގގެ ކަންކަންވެސް ފުރިހަމަކޮށްފައި ނުވާކަން ޢުމްރާވެރިންނަށް ފަޅާއަރާފައިވަނީ ޢުމްރާގެ އަޅުކަމަށް ފުރަން އޮތް ވަގުތު ކުޑަތަންވެފައިވަނިކޮށެވެ. މިކަމާ ގުޅިގެން ޢުމްރާއަށް މީހުން ގެންދިއުމަށް އަލްއަބްރާރު ޢުމްރާ ގުރޫޕަށް ދޫކޮށްފައިވާ ހުއްދަވެސް އިސްލާމިކް މިނިސްޓްރީން ވަނީ ވަގުތީގޮތުން ހިފަހައްޓައިފައެވެ.













