މި ރަމަޟާން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް، ފިޠުރު ޒަކާތުގެ ގޮތުގައި ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ހާމަކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ޖުމްލަ 5،482،171.00 ރުފިޔާ ލިބިފައިވެއެވެ. މިދިޔަ 1446 ވަނަ އަހަރުގެ މި މުއްދަތުގައި ފިޠުރު ޒަކާތުގެ ގޮތުގައި ދައްކާފައިވަނީ ޖުމްލަ 4،460،199 ރުފިޔާއެވެ. އެހެންކަމުން މިއީ 1،021،972 ރުފިޔާގެ އިތުރުވުމެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މި އަހަރު ފިޠުރު ޒަކާތް ދެއްކުމުގެ އިންތިޒާމުތައް އިސްލާމިކް މިނިސްޓްރީން ވަނީ ވަރަށް ބޮޑުތަނުން ފަސޭހަކޮށްދީފައެވެ. އެގޮތުން އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށް އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުތަކުންނާއި، ކައުންސިލްތައް މެދުވެރިކޮށް ޒަކާތް ދެއްކުމުގެ އިންތިޒާމްތައް ވަނީ ހަމަޖައްސައިދީފައެވެ.
މީގެ އިތުރުން ކިޔުގައި ނުޖެހި ގޭގައި ތިބެގެން އޮންލައިކޮށްވެސް ފިޠުރު ޒަކާތް ދެއްކޭނެ އިންތިޒާމްތައް ވަނީ ހަމަޖައްސައިދީފައެވެ. އެގޮތުން ހަތް ޕްލެޓްފޯރމެއް މެދުވެރިކޮށް އޮންލައިންކޮށް މިހާރު ފިޠުރު ޒަކާތް ވަގުތުން ދައްކައިލެވޭނެއެވެ. އެ ހަތް ޕްލެޓްފޯރމަކީ:
- ދިރާގު މޯބައިލް އެޕްއާއި ދިރާގު ޕޭ
- އުރީދޫ، އެމް ފައިސާ މޯބައިލް އެޕް
- މޯލްޑިވްސް އިސްލާމިކް ބޭންކުގެ މޯބައިލް އެޕް
- ބޭންކް އޮފް މޯލްޑިވްސްގެ މޯބައިލް އެޕް
- ފަހިޕޭ މޯބައިލް އެޕް
- އަވަސް މޯބައިލް އެޕް
- ބަނޑޭރި ޕޭ ވެބްސައިޓް
މީގެ ތެރެއިން ބަނޑޭރިޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެފަހު ދުވަހާ ހަމައަށް ފިޠުރު ޒަކާތް ދައްކައިލެވޭނެ ކަމަށާއި، އެހެން ޕްލެޓްފޯރމުތައް މެދުވެރިކޮށް ރަމަޟާން މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 06:00 އާއި ހަމައަށް ފިޠުރު ޒަކާތް ދައްކައިލެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ މަޢުލޫމާތު ދީފައެވެ.
އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުތަކުން ޒަކާތް ބަލައިގަންނާނީ 10 މާރިޗުން ފެށިގެން 19 މާރިޗާއި ހަމައަށް ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން ފެށިގެން މެންދުރުފަހު 14:00 އާއި ހަމައަށެވެ. އިސްލާމިކް މިނިސްޓްރީން ވަނީ، ހުރިހާ ފަރާތްތަކުންވެސް ފިޠުރު ޒަކާތް ދެއްކުމަށް ހަނދާންކޮށްދީފައެވެ.













