ދިވެހިރާއްޖެއަށް މަލްޓިޕާޓީ ސިސްޓަމް ތަޢާރަފްވެ، 2008 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގައި ޑިމޮކްރެސީގެ އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ އާ ޤާނޫނު އަސާސީއަށް އަމަލު ކުރެވެން ފެށުމުން ރާއްޖެއަކީވެސް ޑިމޮކްރެޓިކް ޤައުމެކޭ ނުކިޔެންވީ ސަބަބެއްނެތެވެ. މި ސިސްޓަމް ތަޢާރަފް ކުރަން އެންމެ ބޮޑަށް ވަކާލާތުކުރީ ޑިމޮކްރަސީގެ ޗެމްޕިއަނުން ކަމަށް ދަޢުވާކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިންނެވެ. މި ބަހުސް ފެށިގެން ދިޔައީ އޭރުގެ ރައީސް މަޢުމޫނު އަބްދުލް ޤައްޔޫމުގެ ވެރިކަން ބަދަލުކުރުމަށް ފެށުނު ސީދާ ޙަރަކާތެއްގެ ގޮތުގައެވެ.
މަލްޓިޕާޓީ ނިޒާމަކީ ދެއަކަށްވުރެ ގިނަ ސިޔާސީ ޕާޓީތަކަށް ވާދަކޮށް، ވެރިކަން ކުރުމުގެ ފުރުސަތު އޮންނަ، ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ހިނގާ ނިޒާމެކެވެ. މި ނިޒާމުގައި ރައްޔިތުންނަށް އެކި ޚިޔާލުތަކާއި ސިޔާސަތުތަކަށް ތާއީދުކޮށް، ވޯޓުލުމުގެ ފުޅާ ދާއިރާއެއްގެ މިނިވަންކަން ލިބިގެންވެއެވެ.
ޑިމޮކްރަސީއަކީ ކޮބާ؟
ކުރުގޮތަކަށް ބުނާނަމަ ޑިމޮކްރަސީއަކީ ރައްޔިތުންނެވެ. ޑިމޮކްރަސީގެ ބާރުތައް ފެށިގެން އަންނާނީ ރައްޔިތުންނާއި ހަމައިންނެވެ. ތަފްސީލީ ގޮތެއްގައި ބުނާނަމަ، އޮކްސްފޯޑް ޑިކްޝަނަރީގައި ވާގޮތުން ޑިމޮކްރަސީ އަކީ ހުރިހާ ރައްޔިތުންގެ ފަރާތުން ކަނޑައަޅާ ވެރިކަން ހިނގުމުގެ ގޮތްތަކެކެވެ. ނުވަތަ ޤާބިލު ހުރިހާ ރައްޔިތުންގެ ފަރާތުން ކަނޑައަޅާ މަންދޫބުންތަކެއް މެދުވެރިކޮށް އެބައެއްގެ މައްޗަށް ވެރިކަން ހިންގުމެވެ. މީގެ އިތުރުން އެއީ އަޣުލަބިއްޔަތަށް ތަބާވެގެން ވެރިންކަން ކުރުމެވެ. ޑިމޮކްރަސީގެ މިނިޒާމަކީ ރައްޔިތުން ބާރުވެރި ކުރުވާ، ރައްޔިތުންނަށް ޤައުމު ހިންގުމުގެ މަރުޙަލާތަކުގައި ބައިވެރިވުމުގެ ފުރުސަތުދޭ ނިޒާމެކެވެ. ޑިމޮކްރެސީ ނިޒާމެއްގައި މައިގަނޑު ދެ އަސާސެއް ފުރިހަމަ ވާން ޖެހޭނެއެވެ. އެއީ، ސިޔާސީ މަސްރަޙުގައި ރައްޔިތުން ބައިވެރިވުމާއި އަދި ސިޔާސީ މަސްރަޙުގައި ހަރުދަނާ ވާދަވެރިކަމެއް އޮތުމުވެ.
އިދިކޮޅު ޕާޓީގެ ޒިންމާއަކީ ކޮބާ؟
ޑިމޮކްރަސީގައި ހަރުދަނާ އިދިކޮޅު ޕާޓީއެއް އޮތުމަކީ ވެރިކަން ހިންގުމުގައިވެސް ފައިދާ ކުރާނެ ކަމެކެވެ. މިދެންނެވިހެން ”ހަރުދަނާ“ އިދިކޮޅު ޕާޓީއެއް ނަމައެވެ. ސަބަބަކީ ރަނގަޅު އިދިކޮޅު ޕާޓީއެއް އޮތުމުން ރައްޔިތުންނަށް އޭގެ މަންފާ ކުރާނެތީއެވެ. އިދިކޮޅު ޕާޓީއެއްގެ ޒިންމާއަކަށް ވާންވާނީ ޤައުމުގެ ވެރިކަމުގައި އެ އިރަކު ތިބި ބަޔަކު ގޯހެއް ހަދާނަމަ، އެހަދާ ގޯސް ރައްޔިތުންނަށް، ތެދުބަހުން އޮޅުން ފިލުވައިދިނުމެވެ. ވެރިކަން ކުރާ ފަރާތުން ނާޖާއިޒު ކަންތައްތަކެއް ކުރާ ނަމަ އެ ކަންތައްތައް ވެސް ރައްޔިތުންނާއި ހަމަޔަށް އިޚުލާސްތެރިކަމާއެކު ފޯރުކޮށްދީ، ގޯސް ރަނގަޅުކުރަން މަސައްކަތްކޮށް އެގޮތްތައް ހޯދުމެވެ. މިއާއެކު ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އިދިކޮޅު ޕާޓީގެ މައިގަނޑު މަސައްކަތަކަށްވާން ވާނީ ސަރުކާރު ޖަވާބުދާރީ ކުރުވުމެވެ. ސަރުކާރު ޖަވާބުދާރީ ކުރުމުގެ ނަމުގައި ހިތުހުރި އެއްޗެއްގޮވާ، އެކަކު އަނެކެއްގެ ގަޔަށްބޮލަށް އަރާ، ބޭއަދަބީ ބަހުރުވައިން ހަޅޭއްފަޅޭއްޖަހާ، ދުންމާރި ފުމުމަކުން ނުވާނެއެވެ.
ކޮންމެ އިދިކޮޅު ޕާޓީއަކީވެސް ވެރިކަމުގެ އާހާއި ޖާހުފެނި ދެވަނަ ފަހަރަށް ވެސް ވެރިކަމަށް އައުމުގެ ހުވަފެން ދެކެމުންދާނެ ޕާޓީއެކެވެ. ޚާއްޞަކޮށް ރައްޔިތުންގެ ތެރޭގައި އެ ޕާޓީއެއްގެ މަޤްބޫލުކަން ބޮޑު ނަމަ، ވެރިކަން ބީވާ ހިސާބުން އަނެއްކާވެސް ވެރިކަމަށް އަންނަން ފައިނަގާނެއެވެ. އެއް ޕާޓީއެއްގެ ގޮތުގައި ވެރިކަމަށް އާދެވޭނެ ކަމާ މެދު ޝައްކުކުރެވޭ ނަމަ ނުވަތަ ވެރިކަމަށް އައުން ކަށަވަރު ކުރުމުގެ ގޮތުން ގިނަ ޕާޓީތަކާ ގުޅިގެން ވެސް މަސައްކަތް ކުރެ އެވެ. ކުރީގައި ރާއްޖޭގައި ވެރިކަންކޮށްފައި ވަޑައިގެންނެވި ބޭފުޅަކު ދާދި ފަހުން ވިދާޅުވިއެވެ. ޝައިޠޯނަކާއި ގުޅިގެން ނަމަވެސް ތިމަންބޭނުމީ ވެރިކަމަށް އައުމެވެ. ބައެއް މީހުންނަށް ވެރިކަމަކީ ހަމަ މިވަރަށް ހޭބުއްދި ފިލާގޮސް ދެއްކޭ ނުދެއްކޭ ވާހަކަ ނޭނގޭ ދަރަޖައަށް މީހާ ގެންގޮސް ވައްޓާލާ ކަމެކެވެ.
ވެރިކަން ހިންގުމުގެ ނިޒާމަށް ގެންނަވަމުންދާ ބަދަލުތަކުގެ ސަބަބުން، ފެއިލްވެފައިވާ ނިޒާމު އިތުރަށް ހަރުދަނާވެ، ރައްޔިތުންގެ އެތައް ޙައްޤުތަކެއް އިތުރަށް ކަށަވަރުކުރެވެން ފަށައިފިކަމުގެ އިޙުސާސް ކުރެވެން ފަށައިފިއެވެ. ހަމަ އެހެންމެ، ދަޢުލަތް ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމުގައި، ރައްޔިތުންގެ ބަސް އިއްވުމުގެ ފުރުޞަތުތައް ކުރިއަށްވުރެ ބޮޑަށް ތަނަވަސްވެފައިވާކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން، ރައްޔިތުން ބާރުވެރިކުރުވައި ރައްޔިތުންނަށް ބާރުތައް ދިނުމުގައި މިންތީގެ ތަފާތުތައް އެއްފަރާތްކޮށް، ހަމަހަމަ ފުރުޞަތު ހޯދައިދިނުމަށާއި އަންހެނުން ބާރުވެރިކުރުމަށް، ޤާނޫނުތަކަށް މިހާރުވެސް ގިނަ ބަދަލުތަކެއް ގެނެވިފައިވާކަން ފާހަގަކުރަންޖެހެއެވެ.
މިކަންކަމުގައި އިދިކޮޅު ޕާޓީތަކުގެ އެއްވެސް ދައުރެއް ނެތެވެ. ސަރުކާރަށް އެއްބާރުލުންދޭން ޖެހޭ ހަމަ އެއްވެސް ކަމެއް އޮތްކަމަކަށް ނުބަލައެވެ. އެއީ ރައްޔިތުންނާއި ޤަައުމަށް އެންމެ ފައިދާހުރި ގޮތްކަމުގައި ވިޔަސް ވަރިހަމައެވެ. ސަބަބަކީ ސަރުކާރުން އެކަންކުރާތީއެވެ. ތިމަންމެންގެ ޒިންމާއަކީ އިދިކޮޅުވުން ކަމުގައި ދެކޭތީއެވެ. މިފަދަ ކޮންމެ ނިންމުމަކާއި ދެކޮޅުވެ އަރާރުންވާން އެބަޖެހެއެވެ. އެއީ ތިމަންމެނަކީ ”އިދިކޮޅު“ ޕާޓީވީމައެވެ. މިއީ ހަރުދަނާ އިދިކޮޅު ޕާޓީއެއްނެތުމުގެ ސަބަބުން ދިމާވާ ކަންކަމެވެ. ހުރިހާ ތުރާލެއް ރައްޔިތުންނަށެވެ. ހިތުން ޖެއްސުންކުރަނީ ސަރުކާރަށެވެ. އޭގެ ގެއްލުން މި ލިބެނީ އެއްކަލަ ވޯޓު ހޯދަން ދާން ތިބި ރައްޔިތުންނަށެވެ. ޑިމޮކްރަސީ ގެނައި މީހުންނަށް މިކަން ފަހުމުނުވަނީބާއެވެ؟ ނޫނީ މައްސަލައަކީ ހަމަ ގެއްލުނު ވެރިކަން ބާއެވެ؟
ހުރިހާ ކަމަކަށްވެސް ނޫނެކޭ
އިދިކޮޅު ޕާޓީތަކުން ދެކޭގޮތުގައި ސަރުކާރުން ކުރާ ހަމަ ކޮންމެ ކަމަކަށްވެސް ބުނަންވާނީ ”ނޫނެކޭ“ އެވެ. އެއީ އިދިކޮޅު ޕާޓީ ވީމައެވެ. މިއީ ސަލާމަތް ބުއްދި ހުރި ބަޔަކު ކަންކުރާނޭ ގޮތެއް ހެއްޔެވެ؟ ނުވަތަ އެބުނާ ރައްޔިތުންގެ ޙައްޤަށް މަސައްކަތްކުރާ ވެރިން މިބީދައިން ކަން ކުރާނެ ހެއްޔެވެ؟ ނޫނެކެވެ. އަދި ތިޔަ ކަންކުރެވެނީ އެންމެ ރަނގަޅަކަށް ނޫނެވެ. މިއަދު ސަރުކާރާއި އިދިކޮޅު މައި ޕާޓީ އަކީ އެމްޑީޕީއެވެ. ޒިންމާ އަދާކުރުމުގެ ބަދަލުގައި ވެރިންނާއި، ވެރިންގެ އަނބިންނާއި، އުމުރު ހަމަނުވާ ކުޑަކުދިންނާއި، އާއިލާތަކަށް އާޑަ ފުރައްސާރަކޮށް، އިޖްތިމާޢީ ފޭރާން ވީދާލުމުގެ މަސައްކަތްކުރަނީއެވެ. މިއަދުގެ އިދިކޮޅުގެ މިސާލަކީ ހުންގާނެއް ނެތި ދުއްވާ އޮޑިއެއްގެ މިސާލެވެ. ދައްކާނެ ވާހަކައެއް ނެތިގެން މީހުންގެ ޒާތަށް ފުރައްސާރަކުރަނީއެވެ. ކަމާއި ނުބެހޭ އެތައް ބަޔަކާއި ދިމާކޮށް، މައްލަވަކުރަނީއެވެ. ކަންމަތީ ޖަގަހަ ތަކުގައާއި، ސޯޝަލް މީޑިއާގައެވެ. ޓީވީ ތަކުގަ އާއި، ސިޓިންރޫމު ތަކުގައެެވެ. މިކަން މިގޮތަށް ކުރަމުންވެސް ހަމަ އެބައިމީހުން މި ގޮވަނީ އަދި ވަކާލާތު ކުރަނީ ޙައްޤުތައް ކަށަވަރު ކުރުމަށް ތިމަންމެނަށް ވޯޓު ދިނުމަށެވެ. ޙައްޤުތަކަކީ ވަކި ބަޔަކަށް ލިބިގެންވާ އެއްޗެއްކަމުގައި ދެކެނީނަމަ އަދި ތި ވިސްނެނީ ރަނގަޅަކަށް ނޫނެވެ.
އެމްޑީޕީ އިދިކޮޅުގައި އޮތުމަކީ އެމީހުނަށް އެއް އިރެއްގައިވެސް ހަޖަމުވާ ކަމެއްނޫނެވެ. ތަފްސީލަށް ނުދިޔަޔަސް މާޒީއަށް ބަލާލުމުން މިކަން ސާފުވާނެއެވެ. މިހާރު ހިނގަމުންދާ ކަންކަމަށް ބަލާލާއިރު، ރައްޔިތުންގެ ސާފު އަޣުލަބިއްޔަތުން ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގެން 7 ދުވަސް ނުވަނީސް އެމްޑީޕީން ދައްކަންފެށީ ރައީސް ޢަޒުލު ކުރުމުގެ ވާހަކައެވެ. އެބުނާ ޑިމޮކްރަސީގެ ޗެމްޕިއަނުންނެވެ. ރައްޔިތުންގެ ނިންމުން ބަލައި ގަންނާންވެސް ބޭނުމެއް ނުވިއެވެ. އެކަން ވާގޮތެއް ނުވިއެވެ. ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު މަޖްލީހުގައި އޮތީ އިދިކޮޅު އެމްޑީޕީގެ ސުޕަމެޖޯރިޓީއެވެ. އިސާހިތަކު އެކަން ބަދަލުވެ އޭގެ ތެރެއިން ބަޔަކު ސަރުކާރާއި ގުޅިއްޖެއެވެ. ދެން ސަރުކާރު އެކުލަވާލުމުގެ މަސައްކަތަށް އެމްޑީޕީން ހުރަސް އެޅިއެވެ. ވަޒީރުންނަށް ރުހުން ނުދީ އެތައް ދުވަހެއް ދަންމާލިއެވެ. މަޤުބޫލު އުޒުރެއްނެތި ހަމަ ”ނޫނެކޭ“ ބުނެ ޖެއްސުން ކުރުމުގައެވެ.
ހަމަ އެހެންމެ މުޖްތަމަޢު އިސްލާޙު ކުރުމާއި، ޒަމާންތަކެއްވަންދެން ނުޤަވާޢިދުން، ނުވަތަ ހެދިފައި ހުންނަ އުސޫލުތަކާއި ޚިލާފަށް ދިރިއުޅުމުގެ އާދަ އަށަގަނެފައިވާ ދިވެހީން އަލުން ބަލުން އިސްލާހުކުރުމުގެ މަސައްކަތްވެސް ފައްޓަވައިފިއެވެ. ހަމަ މި މަސައްކަތް ފެއްޓެވުމާއެކު އިދިކޮޅުން ބުނެފިއެވެ. ”ނޫނެކެވެ“ ތިމަންމެނަށް ތި އިސްލާހުތައް ކަމަކު ނުދެއެވެ. ޤައުމެއް އިސްލާޙުކުރަން މަސައްކަތްކުރާ މީހާދެކެ ގިނަފަރު ރުޅިއަންނަނީ ތިމާމެނަށް ޤާނޫނާއި ޤަވާއިދާއި ޚިލާފަށް އުޅުމުގެ މަގު ބަންދުވެދާނެތީއެވެ. ކުށްކޮށްގެން ހޯދާ އަރާމާއި ހިތްހަމަޖެހުން ނުލިބިދާނެތީއެވެ. އަމިއްލަ ޤައުމާއި ރައްޔިތުންނާއިމެދު ވިސްނާބަޔަކު އިސްލާޙަށް މަސައްކަތް ކުރުމާ ދެކޮޅެއް ނުވާނެއެވެ.
ދިވެހިރާއްޖޭގެ އިޖްތިމާޢީ ފޭރާން ވީދިފައި އޮތްއޮތުން ބަދަލުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި، ދަތި އުނދަގޫ އެހެނަސް މުހިންމު، ވަރުގަދަ ނިންމެވުންތަކެއް ނިންމަވައިފިއެވެ. މިއީ ވޯޓުހޯދާ ރައްޔިތުންގެ ތާއީދު ހޯދުމަށް ޑިމޮކްރަސީ މިނިޒާމުގައި ވެރިޔަކު ކުރައްވާނޭ ކަންކަމެއްނޫނެވެ. ފަހުގެ ތާރީޚެއްގައި އެއްވެސް ވެރިއަކަށް ކުރަން ކެރިވަޑައިގެންނެވި ކަންކަމެއްވެސް ނޫނެވެ. ކުރިއަށްވެސް މިފަދަ ކަންކަން އަދި ހުންނާނެ ކަމަށް ބެލެވެއެވެ. މީގެ ތެރޭފައި ވޭޕް މަނާކޮށް ދުންފަތް ކޮންޓްރޯލް ކުރުމަށް އެޅުއްވި ހަރުދަނާ ފިޔަވަޅުތައް ހިމެނެއެވެ. މި ކަންކަމަށްވެސް އިދިކޮޅު ފަރާތްތަކުން ބުނީ ”ނޫނެކޭ“ ތިކަން ގޯހޭ، ތިމަންމެނަށް ވެރިކަން ލިބިއްޖެނަމަ، ކުރިން އޮތްގޮތަށް މިކަންކަން ހުއްދަކޮށް ރައްޔިތުންގެ ސިއްހައްތު ނުރައްކަލަކަށް ހުށަހަޅާނަމޭ މިފަދައިންނެވެ.

މީގެ އިތުރުން ބަރަހަނާ ސައިޓްތައް ބްލޮކްކޮށް، ޖުވާ ކުޅޭ ސައިޓްތައް ބްލޮކް ކުރުން، ޑޮލަރު މާރުކުރަން މަޖުބޫރު ކުރުން، ބޯހިޔާވަހިކަމަށް ބިން ހިއްކުން، ޤާނޫނު އަސާސީ އިސްލާޙުކުރުން، ގޭންގް ބިލު ފާސްކުރުން، މީޑިއާތައް ރެގިއުލޭޓް ކުރުން، މާލީ ދަތިކަމުގައި ތިބި ރައްޔިތުންގެ ކުލި ކުޑަކޮށް ޖޫރިމަނާ މައާފްކުރުން،، ރޯދަހަދިޔާގެ ގޮތުގައި ހިލޭ މަސްދަޅުކޭސް ދިނުން، ފާއިތުވި 2 ސަަރުކާރުން ނުބަލާ ހުރި ކޮރަޕްޝަންގެ މައްސަލަތައް ބަލާ ފިޔަވަޅުއެޅުން، އިސްލާމީ ވަޙުދަތު ވަރުގަދަކުރުމުގެ މަޝްރޫޢުތައް، ސިޔާސީ ވެރިންގެ މުސާރަ ކުޑަކުރުން، ކުރީގެ ވެރިންނާއި، މެންބަރުންނަށް ރައްޔިތުންގެ ޓެކްސް ފައިސާއިން ދެމުން އައި ބޮޑު އިނާޔަތްތައް ކަނޑާލުން، ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކައުންސިލްތަކާއި، އ.ތމ ކުރާ ކޮމިޓީތައް މާލީގޮތުން ބާރުވެރިކުރުވުން، މީޑިއާތަކަށް މާލީ ބާރުވެރިކަން ހޯދައިދިނުން، މިހެންގޮސް ކިޔާނެ ކަމެއް ނެތެވެ. މި ފަދަ ރަނގަޅު އަދި ރައްޔިތުންނާއި ސީދާ ގުޅުން ހުރި ކަންކަމާއި، މުޖްތަމަޢުއަށް އޭގެ ފައިދާކޮށް ޤައުމެއް ޤައުމެއްގެ ގޮތުގައި ކުރިއަރާ ދާނެ އެތައް ކަމަކާއި އިދިކޮޅު ފަރާތްތަކުން ދަނީ ދެކޮޅު ހަދަމުންނެވެ. ތިމާމެންގެ ވެރިކަމުގައި މިކަންކަން ނުކުރެވުނަތީ، ނޫނީ ތިމާމެނަށް މިފަދަ މުހިންމު ކަންކަން ކުރުމުގެ ޚިޔާލެއް ނަޔަތީ ކަމެއް، ނޫނީ ހަމަ ވެރިކަމުގައި ތިމާމެން ނެތަތީ ބުނާ ނޫނެކޭ ކަމެއް ނޭނގެއެވެ. އަނެއްކާ މީގެން ކޮންމެ ކަމަކާ ދެކޮޅުވެ ނޫނެކޭ ބުނާ ސަބަބެއް ސާފުކޮށް ރައްޔިތުންނަށް ބުނެވެސް ދެވެނީއެއްނޫނެވެ.
އަނެއްކާވެސް ނޫނެކޭ ބުނެ މަގުތަކަށް ނުކުންނާންވީޔޯލައެވެ. އިދިކޮޅުން މިދުވަސްވަރު ގުންފައިޖަހާފައި ނުކުމެ ނޫނެކޭ ބުނެ އަޑުގަދަ މިކުރަނީސް ޤައުމާއި ރައްޔިތުންނަށް ފައިދާހުރި ބޮޑު ނިންމުމަކާއި ދެކޮޅަށެވެ. އާދެ، ރިޔާސީ އިންތިޚާބު ނިމޭތާ 6 މަސްފަހުން މިބާއްވާ ރައްޔިތުންގެ މަޖްލިސް އިންތިޚާބު ރިޔާސީ އިންތިޚާބު އޮންނަ ދުވަހު ބޭއްވުމާއި ދެކޮޅަށެވެ. 2 އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާއި ދެކޮޅަށެވެ. މިއީވެސް އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ވެރިކަމުގައި އެމީހުންވެސް ވަކާލާތު ކުރި ކަމެކެވެ. އޭރުގެ ރައީސް ބޭނުންފުޅުވީވެސް 3 އިންތިޚާބު އެއްކޮށްލާށެވެ. އެހެންނަމަވެސް ކީހާޅެން ފަރިއްސައްވެއްޖެއެވެ. ރާގުވެސް ބަދަލުވެއްޖެއެވެ.

މިކަމާގުޅިގެން އެކިއެމްވީ އިން ސުވާލު ކުރުމުން އެމްޑީޕީ ޕީޖީ ގުރޫޕުން ބުނީ އެވާހަކައިގެ ޒިންމާ ނަގާނީ އިބޫ ސޯލިހު ކަމަށާއި، އެމްޑީޕީން މިކަމާ ދެކޮޅު ކަމަށެވެ. ބުނާނީ ނޫނެކޭ ކަމަށެވެ. މާބޮޑު ސަބަބެއް ހާމައެއްވެސް ނުކުރިއެވެ. ސަބަބު ވަރަށްސާފެވެ. ތިމާމެންކުރަންވީމަ އާޗާ، އެހެންބަޔަކު ކުރީމާ އައްޗީޑިއެވެ. އަދި މިކަމުގައި ސަރުކާރުން ވަކި ގޮތެއް ނިންމީކީވެސް ނޫނެވެ. ސަރުކާރުން ގޮތް ނިންމަން މިދޫކޮށްލަނީ ދިވެހި ރައްޔިތުންނަށެވެ. އެމްޑީޕީން މިއުޅެނީ ރައްޔިތުން ގޮތް ނިންމުމާވެސް ދެކޮޅު ވެގެންނެވެ. ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމާ ދެކޮޅުވެ ނޫނެކޭ ކިޔައިގެން، ރައްޔިތުން ނިންމާނެ ގޮތަކަށް ބިރުން އިދިކޮޅު ފަރާތްތަކުން ނުކުމެ އެތިބަ ތެޅިފޮޅެނީ ތިމަންމެނީ ޑިމޮކްރަސީގެ ބައްޕަ، ކާފަ، މުނިކާފައޭ ވިދާޅުވަމުންނެވެ. ސަހަރޯ ހީނުވޭހެއްޔެވެ؟ މިވެރިންނަށް އަޅެ ހެޔޮ އެއްގޮތެއް އެބައޮތް ހެއްޔެވެ؟ އިދިކޮޅުގައި ތިބުމަކީ ހުރިހާ ކަމަކާ އިދިކޮޅުވުމެއްނޫނެވެ. ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ނިންމާ މިފަދަ ނިންމުންތަކަށް އިޙުތިރާމްކޮށް، ސަރުކާރު ޖަވާބުދާރީ ކުރުވާނެ ހަރުދަނާ އިދިކޮޅު ޕާޓީއެއް ރާއްޖޭގައި އަލުން ޖެހޭނީ އުފައްދާށެވެ. އިދިކޮޅު އެއްވެސް ޕާޓީއެއް މިހާރަކު ނެތެވެ. ތިބީ އޮޓޯ މޯޑަށްލާފައި ހުރިހާ ކަމަކަށް ނޫނެކޭ ބުނަން ތިބި ރޮބަޓުން ތަކެކެވެ.


