ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކައުންސިލް އިދާރާތަކުގެ މަސައްކަތް މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށާއި، އެ ކައުންސިލް އިދާރާތަކަކީ، ޖާގަ ތަނަވަސް އަދި ޒަމާނީ ފެންވަރަކަށް ތަރައްޤީކުރެވިފައިވާ ކައުންސިލް އިދާރާތަކެއް ކަމުގައި ސިޓީސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން 55 ކައުންސިލް އިދާރާއެއް ޢިމާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަށްރަށުގެ ކައުންސިލްތަކަށް ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތަށް، ރައްޔިތުންނަށް ދޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް އެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން 54 ރަށެއްގައި ކައުންސިލް އިދާރާތައް ޢިމާރަތްކުރުމުގެ ޢަމަލީ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.
އެގޮތުން ބައެއް ރަށްރަށުގައި ޢިމާރަތްކުރެވޭ ކައުންސިލްތަކުގެ މަސައްކަތްތައް މިހާރު ހުރީ ހިޔާކުރުމާ ހިސާބަށް މަސައްކަތްތައް ގެންދެވިފައި ކަމަށާއި، މަސައްކަތް ނުފެށި އޮތް ރަށުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް މިހާރު ވެފައިވާ ކަމަށް މިނިސްޓަރު ޝަރީފް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އެ ޢިމާރަތްތައް ކައުންސިލްތަކާ ޙަވާލުކުރާނީ ފުލީ-ފާނިޝްޑް ތަންތަނުގެ ގޮތުގައި، ބޭނުންވާ ހުރިހާ ފަރުނީޗަރެއް އޭގެ ތެރޭގައި ގޮނޑި މޭޒާއި، ކައުންޓަރުތަކާ އެކުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން މި ރަށްރަށުގައި ޢިމާރަތްކުރެވޭ ކައުންސިލް އިދާރާތަކަކީ ޓާރންކީ ޕްރޮޖެކްޓެއް ކަމަށްވެސް މިނިސްޓަރު ޝަރީފް އިތުރަށް ވިދާޅުވިއެވެ.













