ގދ. ފަރެސްމާތޮޑާ ބަނދަރާއި ދޯނި އެހެލާ ސަރަޙައްދު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗަރ، މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓަރަކްޝަން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އެމް.ޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޖަމްޝީދެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ހަފްލާގައި ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ބައިވެރިވެވަޑައިގެންފައިވެއެވެ.
މިމަޝްރޫޢުގެ ދަށުން ޖުމްލަ 465,726 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި، 300 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1,462 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، 733 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 133 މީޓަރުގެ ޖިއޯޓިއުބް ރިވެޓްމަންޓް ޖެހުމުގެ އިތުރުން 329 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި 9,206 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި، 6 މީޓަރު ދިގު 36 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް އެޅުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރާނެއެވެ.
މި މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 226.18 މިލިއަން ރުފިޔާއަށް 780 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާ ގޮތަށެވެ.












