އިޒްރޭލާއި އެމެރިކާ އިސްވެ ތިބެ އީރާނަށް ދިން ހަމަލާތަކާއި ގުޅިގެން މެދުއިރުމަތީގައި މިހާރު ހިނގަމުން އަންނަ ހަނގުރާމައިގެ ސަބަބުން ރާއްޖެ ތެލާއި ގޭހަށް ނުޖެހޭނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސަޢީދު މި މޭރުމުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މެދުއިރުމަތީގައި މިފަދަ ހަނގުރާމައެއް ހިނގާނަމަ، ބައިނަލްއަޤުވާމީ މާކެޓްގައި އެންމެ ފުރަތަމަ އަސަރުކުރާ ބާވަތްތަކުގެ ތެރޭގައި ތެލާއި ގޭސް ހިމެނޭކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މި ހަނގުރާމައާއި ގުޅިގެން ބައިނަލްއަޤުވާމީ މާކެޓްގައި ތެލުގެ އަގު 25 އާއި 30 އިންސައްތައާއި ދެމެދު މިހާރުވެސް އުފުލިފައިވާ ކަމަށެވެ.
ނަމަވެސް ރާއްޖޭގައި ތެލުގެ ކަންކަން މެނޭޖުކުރަނީ އެފަދަ ޙާލަތެއް ދިމާވެދާނެ ކަމަށް ދުރާލައި ވިސްނައިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިކަމުގައި ރާއްޖެއަށް އެއްވެސް ކަންބޮޑުވުމެއްނެތްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ތެލާއި ގޭހަށް ރާއްޖެ ނުޖެހޭނެކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ. އެގޮތުން މިހާރުވެސް ރާއްޖެއަށް ތެޔޮ ޝިޕްމަންޓެއް އަންނަމުންދާ ކަމަށް ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުުރުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ އާބާދީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާ މި ދަނޑިވަޅުގައި، އެ ހުރިހާ ފަރާތްތަކަށް ކޭޓަރ ކުރެވޭ ވަރަށް ތެލާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ސަޢީދު ވިދާޅުވިއެވެ.
ހަމައެހެންމެ މިހާރު މުދާ ރައްކާކުރާ މިންވަރަށްވުރެ އިތުރަށް މުދާ ރައްކާކުރެވޭނެ ގޮތްތަކެއް ރާވަމުންގެންދާ ކަމަށާއި، ކާބޯތަކެއްޗާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ.













