Sunday, 26 July 2026

Ads by

އާޔަތުﷲ ޢަލީ ޚާމަނާއީ، އިސްލާމީ އުއްމަތަށް ގެއްލިގެން ދިޔަ އަގުހުރި ޝަޚުސިއްޔަތެއް!

އިސްލާމީ އުއްމަތަކީ ތާރީޚުގެ އެކި ދުވަސްވަރު، ފާހަގަކޮށްލެވޭ ވަރުގަދަ ޝަޚްޞިއްޔަތުތަކަކާއި، ޢިލްމީ އަދި ސިޔާސީ ގޮތުން ނުފޫޒުގަދަ ލީޑަރުންތަކެއް ދުނިޔެއަށް ދޫކޮށްފައިވާ އުއްމަތެކެވެ. މީގެ ތެރޭގައި ފަހުގެ ތާރީޚެއްގައި އެންމެ ބޮޑަށް ފާހަގަކޮށްލެވޭ އެއް ލީޑަރަކީ އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުﷲ ސައްޔިދް ޙުސައިނީ ޢަލީ ޚާމަނާއީއެވެ. އެމަނިކުފާނަކީ ހަމައެކަނި އީރާނުގެ ރޫޙާނީ ލީޑަރެއް ނޫނެވެ. އެއީ އިސްލާމްދީން ހިމާޔަތްކުރެއްވުމަށް މަސައްކަތްޕުޅުތަކެއް ކުރައްވައި، މުޅި އިސްލާމީ އުއްމަތުގެ ޙައްޤުގައި ވަކާލާތުކުރައްވައި، ފަހުގެ ތާރީޚެއްގައި ހުޅަނގުގެ އިސްތިޢުމާރީ ބާރުތަކާ ދެކޮޅަށް ފާޅުގައި ތެދުވެވަޑައިގަންނަވަން ކެރިވަޑައިގަތް އަދި އިސްލާމީ ދުނިޔޭގެ ސިޔާސީ މަސްރަޙުގައި ފާހަގަކޮށްލެވޭ ވަރުގަދަ ޝަޚްޞިއްޔަތެކެވެ. ނަމަވެސް އެމަނިކުފާނުގެ ވަކިވެދިއުމަކީ ފަހުގެ ތާރީޚުގައި މުޅި އިސްލާމީ އުއްމަތަށް ކުރިމަތިވި އެންމެ ހިތާމަވެރި އެއް ދުވަހަށް މިވަނީ ވެގެން ގޮސްފައެވެ.

މި ރިޕޯޓުގައި މިހިސާބުން ބަލައިލާނީ، އިސްލާމީ އުއްމަތަށް ގެއްލިގެން މިދިޔަ އަގުހުރި ޝަޚުސިއްޔަތުގެ ޙަޔާތްޕުޅާއި، އެމަނިކުފާނު ކުރައްވާފައިވާ ބައެއް މުހިންމު މަސައްކަތްޕުޅުތަކުގެ މައްޗަށެވެ.

އާޢިލާއާއި ނަޞަބު

އާޔަތުﷲ ޢަލީ ޚާމަނާއީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 19 އޭޕްރީލް 1939 ވަނަ ދުވަހު އީރާނުގެ ރަށެއް ކަމަށްވާ މަޝްހަދުގައެވެ. ބައްޕާފުޅަކީ ސައްޔިދު ޖަވާދު ޚާމަނާއީއެވެ. އަދި މަންމާފުޅަކީ ޚަދީޖާ މިރްދާމާދީއެވެ. މި ދެބޭފުޅުންނަކީވެސް އިސްލާމީ ޢިލްމުގައި ފުންނާބު އުސް އަދި ގިނަ ބައެއްގެ އިޚްތިރާމް ލިބިފައިވާ ދެބޭފުޅުންނެވެ.

ޚާމަނާއީ އަކީ އަޒޭރީ ނަޞްލަށް ނިސްބަތްވެވަޑައިގަންނަވާ ސައްޔިދް ބޭފުޅެކެވެ. އެމަނިކުފާނުގެ އާޢިލާ އިސްލާމީ ޢުންމަތުގެ ހަތަރުވަނަ ޚަލީފާ، އިމާމް ޢަލީ އިބްނު އަބޫޠާލިބް رضي الله عنه ގެ ދަރިކަލުން ކަމަށްވާ އިމާމް ޙުސައިން އިބްނު ޢަލީއާ ގުޅިގެންދާ ކަމަށް ބުނެވެއެވެ. އެހެންކަމުން ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އެމަނިކުފާނުގެ 38 ވަނަ ދަރިކޮޅަށް ނިސްބަތްވުން އެކަށީގެންވެއެވެ. އެމަނިކުފާނުގެ ނަންފުޅުގެ ކުރިއަށް ”ސައްޔިދް“ މި ނަން ކިޔޭ ސަބަބަކީ މިއީއެވެ.

ތަޢުލީމީ ޙަޔާތް

ޚާމަނާއީ ވަރަށް ތުއްޕުޅުއިރު މަންމާފުޅުގެ އަރިހުން ދީނީ ތަޢުލީމާއި ޤުރްޢާން އުނގެނިވަޑައިގަތެވެ. އެއަށްފަހު މަޝްހަދުގައި ހުންނަ ތިއޮލޮޖިކަލް ސްކޫލަކަށް ވަޑައިގެން ތަޢުލީމް ހާޞިލްކުރެއްވުމަށްފަހު މަތީ ތަޢުލީމް ހާޞިލްކުރެއްވުމަށް ވަޑައިގަތީ ޢިރާޤުގެ ނަޖާފްއަށެވެ. ނަޖާފްގައި ތަޢުލީމް ހާޞިލްކޮށް ނިންމަވައިލެއްވުމަށްފަހު އަލުން އަނބުރާ އީރާނަށް ވަޑައިގެން އެޤައުމުގެ ގުމްގައި ހުންނަ ދީނީ މަރުކަޒަކުން ޝިޔައީ މަޒްހަބުގެ ދީނީ ޢިލްމްވެރިންގެ އަރިހުން ޝިޔައީ މަޒްހަބު އުނގެނި ވަޑައިގަތެވެ. މިމުއްދަތުގެ ތެރޭގައި އެމަނިކުފާނު ވަނީ އިސްލާމީ ޝަރީޢާއާއި، ފިޤުޙީ ޢިލްމުގެ އިތުރުން ޢަރަބި ބަސް އުނގެނިވަޑައިގެންފައެވެ. 1979 ވަނަ އަހަރަށްފަހު އީރާނަށް އައި އިސްލާމީ އިންޤިލާބާއިއެކު އެޤައުމުގެ ރޫޙާނީ ލީޑަރުގެ ގޮތުގައި ޚާމަނާއީ އަޢްޔަންކުރެވެން މެދުވެރިވި މައިގަނޑު ސަބަބަކީވެސް އެއީއެވެ. ރޫޙާނީ ލީޑަރުކަމުގެ އިތުރުން އޭގެ ކުރިން ޚާމަނާއީ ވަނީ އީރާނުގެ ރައީސްކަން ވެސް ކުރައްވައިފައެވެ.

ކައިވެންޏާއި ދަރިން

ޚާމަނާއީ ކައިވެނި ބައްލަވައިގަތީ 1964 ވަނަ އަހަރު މަންޞޫރާ ޚޫޖަސްތޭ ބާގިރުޒާދޭ ނަމަކަށް ކިޔާ ދީނީ ޢިލްމުގައި އަރާ ހުންނެވި ބޭފުޅަކާއެވެ. މި ކައިވެނިފުޅަށް ޖުމްލަ ހަ ބޭފުޅުން ލިބިވަޑައިގަތެވެ. އެއީ ހަތަރު ފިރިހެން ބޭފުޅުންނާއި ދެ އަންހެން ބޭފުޅުންނެވެ. މި ދެބޭފުޅުންނަށް ލިބިވަޑައިގަތް ފިރިހެން ބޭފުޅުންނަކީ، މުޖުތަބާ ޚާމަނާއީ، މުސްޠަފާ ޚާމަނާއީ، މައިޘަމް ޚާމަނާއީގެ އިތުރުން މަޞްޢޫދު ޚާމަނާއީއެވެ. ދެން ތިއްބެވި ދެ އަންހެން ބޭފުޅުންނަކީ ހުދާ ޚާމަނާއީ އަދި ބުޝްރާ ޚާމަނާއީއެވެ. އެ ދެބޭފުޅުންނަކީ އެހައި ސިޔާސީ ކަންކަމުގައި އުޅުއްވާ ދެ ބޭފުޅުންނެއް ނޫނެވެ.

ރޫޙާނީ ލީޑަރަކަށް އަޢްޔަންކުރެއްވުމާއި ޤައުމަށް ކޮށްދެއްވާފައިވާ ޚިދުމަތްތައް

1989 ވަނަ އަހަރު އީރާނުގެ އިސްލާމީ އިންޤިލާބުގެ ބާނީ އާޔަތުﷲ ޚުމައިނީ އަވަހާރަވުމާއި ގުޅިގެން، އީރާނުގެ ސަރަކާރުން އެޤައުމުގެ ދެވަނަ ރޫޙާނީ ލީޑަރުގެ ގޮތުގައި ޚާމަނާއީ ޢައްޔަންކުރެއްވިއެވެ. އެޤައުމުގެ ސަރުކާރުން މި މަޤާމަށް ޚާމަނާއި ޢައްޔަންކުރެއްވި ސަބަބުތަކުގެ ތެރޭގައި އެމަނިކުފާނުގެ ދީނީ ޢިލްމުވެރިކަމާއި، ސިޔާސީ ތަޖުރިބާގެ އިތުރުން އީރާނަށް އިސްލާމީ އިންޤިލާބު ގެނެސްދެއްވުމަށް ކުރެއްވި އިޚްލާޞްތެރި މަސައްކަތްޕުޅު ހިމެނެއެވެ.

ހަމައެހެންމެ، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމުގެ އިތުރުން ދީނީ ތަޢުލީމު ފެތުރެއްވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ޚާމަނާއީ ކޮށްދެއްވާފައިވެއެވެ. އެގޮތުން ޚާމަނާއީ ކޮށްދެއްވާފައިވާ ބައެއް ޚިދުމަތްތަކަކީ:

  • ދިފާޢީ ބާރު ވަރުގަދަ ކުރެއްވުން: ބޭރުގެ ނުފޫޒުތަކުން ވަކިން ޚާއްޞަކޮށް ހުޅަނގުގެ ނުފޫޒުތަކުން ޤައުމު ސަލާމަތްކުރެއްވުމުގެ ދުރު ރާސްތާ ޕްލޭނެއް އެކުލަވާލައްވައި އީރާނުގެ އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރެއްވިއެވެ.
  • ޤައުމުގެ ޤުދުރަތީ ވަސީލަތްތައް ހުޅަނގުގެ އަތްދަށަށް ދޫކޮށްނުލެއްވުން: އިޒުރޭލާއި އެމެރިކާ ޚާމަނާއީއަށް އެންމެ ބޮޑަށް ނަފްރަތުކުރަނީ މިސަބަބާއި ހުރެއެވެ.
  • އިސްލާމީ ވަޙުދަތު ދަމަހައްޓައި މުސްލިމުންގެ މެދުގައި އެއްބައިވަންތަކަން ޤާއިމުކުރުމަށް ބާރުއެޅުއްވިއެވެ.
  • އީރާނުގެ ހުރިހާ ދީންތަކެއްގެ މީހުންގެ މެދުގައި ހަމަހަމަކަން ޤާއިމްކުރެއްވިއެވެ.
  • ފިރިހެނުންނެކޭ އެއްވަރަށް އަންހެނުންނަށްވެސް ހަމަހަމަ ފުރުޞަތުތައް ހުޅުއްވައިދެއްވިއެވެ. މިކަމުގެ އެއް ހެއްކަކީ އެޤައުމުގެ ފިރިހެނުންނަށްވުރެ އަންހެނުން ވަޒީފާގެ މައިދާނުގައި ގިނަވެފައި، ތަޢުލީމް އުނގެނޭ އަންހެނުންގެ އަދަދު އިތުރުވުމެވެ.
  • ފަލަސްޠީނު މައްސަލައިގައި އިޒުރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުއްލަވައި، ފަލަސްޠީނުގެ ޙައްޤުގައި ވަކާލާތުކުރެއްވިއެވެ. އަދި މިކަން ބަހާއި ޢަމަލުން ތަކުރާރުކޮށް ދެއްކެވިއެވެ.
  • އީރާނުގެ ރައްޔިތުންގެ މެދުގައި ދީނީ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި އެކިކަހަލަ ދީނީ ފޮތްތައް ލިޔުއްވައި ޢާންމުކުރެއްވިއެވެ. އޭގެ ތެރޭގައި ހިމެނޭ އެންމެ މަޝްހޫރު އެއް ފޮތަކީ ”ރޫޙުލް-ތަޢުޙީދް“ އެވެ. އަދި މިނޫނަސް އެތަށް ފޮތެއް ޚާމަނާއީ ލިޔުއްވާފައިވެއެވެ.

ލިބުނު ކުރިއެރުންތަކާއި ދިމާވި ގޮންޖެހުންތައް

ޚާމަނާއީގެ ރޫޙާނީ ލީޑަރުކަމުގައި އީރާނަށް ސައިންސާއި ޓެކްނޮލޮޖީގެ އިތުރުން އެހެނިހެން ރޮނގު ރޮނގުން، ވަކިން ޚާއްޞަކޮށް ނިއުކްލިއަރ ހަކަތައާއި މިސައިލް ޓެކްނޮލޮޖީގެ ރޮނގުން ބޮޑެތި ކުރިއެރުންތަކެއް ލިބުނެވެ. ނަމަވެސް، ހުޅަނގުގެ ޤައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނަށް އިޤްތިޞާދީ ގޮންޖެހުންތަކާ މިހާރުވަނީ ކުރިމަތިލާން ޖެހިފައެވެ.

ޚާމަނާއީ އަވަހާރަވުމަކީ މުޅި އިސްލާމީ އުއްމަތަށް ޙަޤީޤަތުގައި ވެސް ލިބުނު ވަރަށް ބޮޑު ނިކަމެތިކަމެއް!

އެއްވެސް ޝައްކެއް ނެތް ގޮތުގައި އާޔަތުﷲ ޢަލީ ޚާމަނާއީ އަކީ މުޅި އިސްލާމީ އުއްމަތަށް ލިބުނު އަގުހުރި ޖަވާހިރެކެވެ. މުސްލިމުންގެ ނަމުގައި ތިބި ޢަރަބީންގެ ބަޔަކު ދުނިޔެއާއި، އާރާބާރާއި، ވެރިކަމާއި، މުއްސަނދިކަމާއި، އުފަލާއަރާމާއި، މުދާ ހޯދުމުގައި އަދި ހުޅަނގުގެ ވެރިންނަށް ކިޔަމަންވެ، އެމީހުންގެ ގޮނޑި ކޮއްކޮއަކަށްވެގެން ރެޔާއި ދުވާލު ތިބި ނަމަވެސް ޚާމަނާއީ ވަނީ ދިމާވާ ގޮންޖެހުންތަކާއި އެކުގައިމެ، ހިތްވަރު އެލުވާނުލައި، ސާބިތުކަމާއިއެކު އިސްލާމީ އުއްމަތުގެ ޙައްޤުގައި ތެދުވެ، އިސްލާމްދީން ހިމާޔަތްކުރެއްވުމަށް މަސައްކަތް ކުރައްވައި، އިސްލާމީ އުއްމަތުގެ ޙައްޤުގައި ވަކާލާތުކުރައްވައި، ހުޅަނގުގެ އިސްތިޢުމާރީ ބާރުތަކާ ދެކޮޅަށް ފާޅުގައި ތެދުވެވަޑައިގަންނަވައިފައެވެ. ޚާމަނާއީގެ ކުއްލި ވަކިވުމާއިއެކު މިއަދު މުޅި އިސްލާމީ އުއްމަތް މިވަނީ މާޔޫސްވެފައެވެ. ހަމަ އަސްލު ޙަޤީޤަތުގައިވެސް އިސްލާމީ އުއްމަތަށް މިއަދު ގެއްލިގެން އެ ދިޔައީ އަގުހުރި ޝަޚުސިއްޔަތެކެވެ.

މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް