ސްޓްރޯކެއް ޖެހިގެން އައިޖީއެމްއެޗުގައި ފަރުވާދެމުން އައި ރާއްޖޭގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު މުހައްމަދު ނިމާލް މީގެ އިރުކޮޅެއް ކުރިން ނިޔާވެއްޖެ އެވެ.
ނިމާލް ނިޔާވިކަމަށް ނިމާލްގެ ގާތް މީހަކު ވަނީ މީޑިއާ އަށް ކަށަވަރު ކޮށްދީފައެވެ.
ސްޓްރޯކެއް ޖެހިގެން ނިމާލް އައިޖީއެމްއެޗުގައި އެޑްމިޓް ކުރީ މިދިޔަ ޑިސެމްބަރު 31 ވަނަ ދުވަހުގެ ރޭގަ އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ އެ ރޭ ސައިކަލްގައި ދަނިކޮށް، ސްޓްރޯކެއް ޖެހިގެންނެވެ. އޭގެ ފަހުން އޭނާ ނިޔާވިކަމަށް އެދުވަސްވަރު އަޑު ފެތުރިނަމަވެސް އޭރު ނިމާލްގެ ހާލު ވަރަށް ބޮޑަށް ސީރިއަސްވެ، މިދިޔަ ދެ މަސް ދުވަހު ފަރުވާދިނީ ވެންޓިލޭޓަރުގެ އެހީގަ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި އޭނާ އޮތީ ކޯމާއެއްގަ އެވެ.
ނިމާލް ރާއްޖެ އިިން ބޭރަށް ގެންދަން އާއިލާ އިން މަސައްކަތްކުރި ނަމަވެސް ހާލު ސީރިއަސްކަމުން އެކަން ކާމިޔާބުވާ ގޮތެއް ނުވިކަމަށް ވެއެވެ.
ފިލްމީ ދާއިރާ އަށް ނިމާލް ކޮށްދިން ޚިދުމަތުގެ އަގުވަޒަންކޮށް އޭނާއަށް ވަނީ 1991 ވަނަ އަހަރު ހިތްވަރުދިނުމުގެ ގައުމީ އިނާމު ވެސް ލިބިފަ އެވެ.











