Ads by
ޚަބަރު
ބީއެމްއެލްގެ އައު ޗެއަރޕާސަނަކަށް ޙަސަން ޒަރީރު އައްޔަނުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑައިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ޑެޕިއުޓީ ޓެކްސް ކޮމިޝަނަރު ހަސަން ޒަރީރު ރޭ އައްޔަނުކޮށްފިއެވެ.

Ads by Eki Online

އެ މަގާމަށް ޒަރީރު އައްޔަންކުރީ ރޭ ބޭއްވި ބީއެމްއެލްގެ ޚާއްސަ ގޮތުން ކުރާ އާންމު ޖަލްސާ (އީޖީއެމް) އަށް ފަހު ބޭއްވި ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައި ކަމަށް ބީއެމްއެލް އިން ހާމަކުރައްވައެވެ.

ބީއެމްއެލްގެ ޑައިރެކްޓަރުންގެ ބޯޑަށް ޒަރީރު އައްޔަންކުރީ، ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަނުކުރަން އޭނާގެ ނަން ވެސް ރައްޔިތުންގެ މަޖިލީހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުވާފައި ވަނިކޮށެވެ.

ޒަރީރުގެ ނަމާއެކު ޓެކްސް ކޮމިޝަނަރު ކަމަށް ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވާފައިވަނީ ކުރީގެ ޓެކްސް ކޮމިޝަނަރު ޔަޒީދު މުހައްމަދުގެ ނަމެވެ. އެ ދެ ބޭފުޅުންގެ ނަން މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީން އަންނަނީ ދިރާސާ ކުރުމުންނެވެ.

ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ފަތުހުﷲ ޖަމީލް ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވަން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޒަރީރުގެ އިތުރުން ބޭންކުގެ ބޯޑު ޑިރެކްޓަރުގެ މަގާމަށް އަލީ ފާރިސް މުހައްމަދު ވެސް ވަނީ ރޭ ބޭއްވި އީޖީއެމްގައި އައްޔަންކޮށްފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *