Ads by
ޚަބަރު
“އިންޓަރކަނެކްޝަން ވިއުގައިގެ ހިދުމަތަށް ބުރޫއަރައިފި ނަމަ ލިބޭ މާލީ ގެެއްލުމުގެ ބަދަލު ހޯދަން މަސައްކަތް ކުރާނަން”
ސްޓެލްކޯގެ ސަބްސްޓޭޝަނަކަށް ގެއްލުން ދީފައި: އިންޓަރކަނެކްޝަން ވިއުގައިގެ ހިދުމަތަށް ބުރޫއަރައިފި ނަމަ ލިބޭ މާލީ ގެެއްލުމުގެ ބަދަލު ހޯދަން މަސައްކަތް ކުރާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައި - ފޮޓޯ:ސްޓެލްކޯ

އިންޓަރކަނެކްޝަން ވިއުގައިގެ ކަރަންޓުގެ ހިދުމަތަށް ބުރޫއަރައިފި ނަމަ ލިބޭ މާލީ ގެެއްލުމުގެ ބަދަލު ހޯދަން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން ގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެެވެ.

Ads by Eki Online

ސްޓެލްކޯއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މާލެ އާއި ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމަށް ގާއިމުކޮށްފައިވާ ގްރޭޓާ މާލެ އިންޓަރކަނެކްޝަން ގްރިޑުގައި ހިމެނޭ 132kV ކޭވީ ކޭބަލްތަކުގެ މައްޗަށް އެކި ހަރަކާތްތައް ބޭއްވުމަށާއި އެކި ކަހަލަ ޕޯސްޓަރުތަކާއި އިސްތިހާރުތައް ޖެހުމަށްޓަކައި ދަނގަޑުފަދަ ތަކެތި ޖަހަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ދައުލަތުން ހަރަދުކޮށް، ހަތް ކިލޯމީޓަރުގެ ދުރު ރާސްތާއަކަށް އަޅާފައިވާ މި ވިއުގައަކީ 200 މެގަވޯޓާ ހަމައަށް ކަރަންޓު އެއް ސްޓޭޝަނުން އަނެއް ސްޓޭޝަނަށް ގެންދިއުމުގެ ގާބިލުކަން ލިބިފައިވާ ވިއުގައެއް ކަމަށާއި މިއީ މިވަގުތު ރާއްޖޭގައި ބޭނުންކުރާ މިފަދަ ހަމައެކަނި ވިއުގަ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯއިން ބުނެފައި ވަނީ މާލޭ އިންޖީނުގޭގައި ގާއިމުކޮށްފައިވާ 132kV ސަބްސްޓޭޝަނުން ނިކުންނަ، މި ވިއުގައިގައި ހިމެނޭ ކޭބަލްތައް އަޅާފައިވަނީ އުސްފަސްގަނޑު ސަރަހައްދުން ގޮސް ސިނަމާލެ ބްރިޖާއި ހައިވޭ ހުރަސްކޮށް، ހުޅުމާލެ އިންޖީނުގޭގައި ގާއިމުކޮށްފައިވާ 132kV ސަބްސްޓޭޝަނާ ހަމައަށް ކަމަށެވެ. އަދި މިވަގުތު މާލެއަށް ބޭނުންވާ ކަރަންޓުގެ ބޮޑު އިންސައްތައެއް ހުޅުމާލޭން މާލެއަށް މި ވިއުގަ މެދުވެރިކޮށް ފޯރުކޮށްދެމުންދާއިރު، މި ވިއުގައަށް ގެއްލުންވެއްޖެ ނަމަ މަރާމާތު ކުރުމަށް ގިނަ ވަގުތުތަކެއް ހޭދަވެ، އެކަމަށް ބޮޑު ހޭދައެއް ކުރަން ޖެހޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ސްޓެލްކޯއިން ބުނި ގޮތުގައި އިންޓަރކަނެކްޝަން ވިއުގައަކީ އެނަޖަރއިޒްކޮށްފައިވާ ވިއުގައަކަށްވުމުން، މި ވިއުގައިގައި ހިމެނޭ ކޭބަލަށް ދަނގަޑުފަދަ ތަކެތިން ގެއްލުމެއް ލިބިއްޖެ ނަމަ، މިއީ އެ ދަގަނޑު ޖަހާ ފަރާތުގެ ފުރާނައަށް ވެސް ނުރައްކާވާނެ ހާދިސާއެއް ހިނގާފާނެ ކަމެއް ކަމުގައެވެ. މީގެ އިތުރުން މި ވިއުގައަށް ގެއްލުމެއް ލިބިއްޖެ ނަމަ މާލެ ސަރަހައްދަށް ފޯރުކޮށްދެމުންދާ ކަރަންޓު ހިދުމަތަށް ބުރޫއަރައި، އެ ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ދިނުމަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

މި ވިއުގައިގެ މައުލޫމާތު ކަމާ ބެހޭ ފަރާތްތަކާ ހިއްސާކޮށްފައިވާނެކަން ފާހަގަކޮށް ސްޓެލްކޯއިން ވަނީ މިފަދަ ކަންކަން ރެގިއުލޭޓްކޮށް ބަލަހައްޓާ ފަރާތްތަކާ، މަގުކޮނެ، އިސްތިހާރު ބޯޑުތައް ޖެހުމުގެ ހުއްދަދޭ ފަރާތްތަކުން އިތުރަށް ޒިންމާދާރުވެ، މި ކަންކަމަށް އިތުރު ސަމާލުކަންދީ، ވިއުގަ ރައްކާތެރިކޮށް ބޭއްވުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ކޮށްދިނުމަށާއި ކަރަންޓުގެ ހިދުމަތަށް ބުރޫނާރާނެ އެންމެހާ ފިޔަވަޅުތަކެއް އަޅަމުން ގެންދިއުމަށް އިލްތިމާސްކޮށްފައެވެ.

އިންޓަރކަނެކްޝަން ވިއުގައިގައި ހިމެނޭ ކޭބަލްތަކުގެ މައްޗަށް ދަނގަޑުޖަހައި ކޭބަލްތަކަށް ގެއްލުންވެދާނެ ގޮތްތަކަށް އަމަލު ކުރަމުންދާ އެންމެހާ ފަރާތްތަކުން އެފަދަ ކަންކަން ވަގުތުން ހުއްޓާލުމަށް ސްޓެލްކޯއިން ވަނީ ގޮވާލާފައެވެ.

“އަދި މިއާ ހިލާފަށް އަމަލުކުރުމުގެ ސަބަބުން އެ ކޭބަލްތަކަށް ގެއްލުންވެ، ކަރަންޓުގެ ހިދުމަތަށް ބުރޫއަރައިފި ނަމަ އެކަމުގެ ޒިންމާވާ ފަރާތްތަކަށް ދައުވާކޮށް، މީގެ ސަބަބުން ލިބޭ މާލީ ގެެއްލުމުގެ ބަދަލު ހޯދުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން ގެންދާނެ ކަމުގައި ދަންނަވަމެވެ،” ސްޓެލްކޯއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *