ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯއްޗާއި ފްލެޓަށް އެދި މިހާތަނަށް 5,000 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.
މިކަމާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފައިވަނީ، މިހާތަނަށް ޖުމްލަ 5,067 ފަރާތަކުން ގޯއްޗާއި ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ކަމަށާއި، އޭގެ ތެރޭގައި ފްލެޓަށް އެދި 3,434 ފަރާތަކުން އަދި ގޯއްޗަށް އެދި 1,633 ފަރާތަކުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ. މީގެ އިތުރުން، ޑްރާފްޓް މަރުޙަލާގައި 11,304 ފަރާތެއް ތިބިކަމަށް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މި މަޝްރޫޢުގެ ދަށުން 1،200 އަކަފޫޓުގެ ޖުމްލަ 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން މާލޭގެ ރަށްވެހިންނަށާއި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ މާލޭ ސަރަޙައްދުންނާއި ރަސްމާލެއިންނެވެ. މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމާލެއިންނެވެ.
މީގެ އިތުރުން ޖުމުލަ 7,900 ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވާއިރު، މާލޭ ރަށްވެހިންނަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 4,000 ފްލެޓެވެ. މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނަށް 1,500 ފްލެޓް އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން މި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މި މަޝްރޫއަކީ ރާއްޖޭގައި މިހާތަނަށް ސަރުކާރަކުން ކުރިއަށްގެންދާ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއެވެ. މި މަޝްރޫޢުގެ ދަށުން ބޯހިޔާވަހިކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ 18 ވަނަ ދުވަހުއެވެ.
ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅާނީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ”ހިޔާވަހި“ ޕޯޓަލްއަށެވެ. ސަރުކާރުގެ ބޯހިޔާވަހިކަމަށް އެދި ފޯމު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ގޯއްޗަށް އެދި ފޯމު ހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ އަންނަ މާރިޗު މަހުގެ ހަތަރުވަނަ ދުވަހެވެ. އަދި ފްލެޓަށް އެދި ފޯމު ހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ އޭޕްރީލް މަހުގެ 17 ވަނަ ދުވަހެވެ.













