Ads by
ޚަބަރު
ސިނާއީ ބޭނުމަށް ތިލަފުށި ފޭސް 2 އިން ބިން ވިއްކަނީ
ތިލަފުށީގެ ސިނާއީ ބޭނުންތަކަށް ހާއްސަކޮށްފައިވާ ސަރަހައްދުން ބިން ވިއްކުމަށް އެޗްޑީސީން ވަނީ ހުޅުވާލާފައި - ފޮޓޯ:އެޗްޑީސީ

ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ސިނާއީ ބޭނުންތަކަށް ހާއްސަކޮށްފައިވާ ސަރަހައްދުން ބީލަމުގެ އުސޫލުން ބިން ގަތުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

Ads by Eki Online

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ވިޔަފާރީގެ އެކި ބޭނުންތަކަށް ދޫކުރާ ބިމުގެ ގޮތުގައި ތިލަފުށީގެ މުޅި ޖުމްލަ 108 ޕްލޮޓް ވިއްކުމަށް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން 2،500-4،999 އަކަފޫޓުގެ 64 ޕްލޮޓް، 5،000-9،999 އަކަފޫޓުގެ 42 ޕްލޮޓުގެ އިތުރުން 10،000-14،999 އަކަފޫޓުގެ 2 ޕްލޮޓް ބިޑަށް ހުޅަހެޅޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އޮންލައިންކޮށް އެޕްލައި ކުރެވޭ ގޮތަށް ހުޅުވާލާފައިވާ ބިޑް ޕޯޓަލް ގައި ރަޖިސްޓްރީ ވެގެން ބިން ގަތުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އެޗްޑީސީން ހުޅުވާލާފައިވަނީ ބުދަ ދުވަހުއެވެ.

ތިލަފުއްޓަކީ މާލެ ސަރަހައްދުގެ ވިޔަފާރި އާއި އިންޑަސްޓްރިއަލް ހަބްގެ ގޮތުގައި ތަރައްގީކުރާ މައި މަރުކަޒެވެ. ސިނާއީ އެތައް މަސައްކަތެއް ކުރަމުންދާ އެ ރަށުގައި ސިމެންތި ބަންދު ކުރުމާއި ގޭސް ފުޅިތަކަށް އެޅުމާއި އޮޑިދޯނިފަހަރު ބަނުން ފަދަ ތަފާތު އިންޑަސްޓްރިއަލް މަސައްކަތްތައް ކުރަމުންދެއެވެ.

ކުރިއަށް އޮތްތަނުގައި އިންޓަނޭޝަނަލް ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމާ އެކު، މުދާ ކްލިއަރ ކުރުމާއި ގުދަން ކުރުމަށް އަދި މުދާ މާލެ އާއި ރަށްތަކަށް ސަޕްލައިކުރުމުގައި ވިޔަފާރިތަކަށް ގިނަ ފަސޭހަތަކެއް ލިބޭނެ ކަމަށް އެޗްޑީސީން ބުނެއެވެ. އެ ކުންފުނިން ބުނެފައި ވަނީީ މިހާރު ކުރިއަށް ދާ ތިލަމާލެ ބްރިޖް މެދުވެރިކޮށް ތިލަފުއްޓާއި މާލެ ގުޅުވާލުމުން ވިޔަފާރި މުދާ އުފުލުމުގައި ލުއިފަސޭހަވެ، މުދާ ސަޕްލައި ކުރުމަށް ހޭދަވާ ވަގުތު ކުޑަވާނެ ކަމަށެވެ.

އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ސަރުކާރުގެ އިރުޝާދުގެ ދަށުން، ރާއްޖޭގެ ތަރައްގީއަށް ހިންގޭ މުހިންމު މަޝްރޫއުތައް ހެދިފައިވާ ތާވަލުތަކާ އެއްގޮތަށް ކުރިއަށް ގެންގޮސް، ރައްޔިތުންނަށް އެކަމުން ލިބެން ހުރި ފައިދާ އަދި މަންފާތައް ވީހާވެސް އަވަހަކަށް ފޯރުކޮށްދިނުމަށް ކަމަށް އެޗްޑީސީން ފާހަގަކުރެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *