Ads by
ޚަބަރު
ބްރިޖުގެ މެއިންޓެނަންސް ބަލަހައްޓަން ކުރިން އެކަން ކުރި ޗައިނާގެ ކުންފުންޏަށް، މަސައްކަތަށް ދިވެހިން ތަމްރީން ކުރަނީ
ސިނަމާލެ ބްރިޖުގެ މެއިންޓެނަންސްގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި ސޮއިކުރުން - ފޮޓޯ:އިންފްރާސްޓްރަކްޗަރ މިނިސްޓްރީ

ސިނަމާލެ ބްރިޖުގެ މެއިންޓެނަންސްގެ މަސައްކަތް ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

Ads by Eki Online

މިއަދު ސޮއިކުރެވުނު މި އެއްބަސްވުމާ ގުޅޭގޮތުން ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ބުނީ މިއީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް މަރާމާތު ކުރުމާ ގުޅޭގޮތުން ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ އެކު ސޮއި ކުރެވޭ “އިމްޕްލިމެންޓޭޝަން އެގްރިމެންޓް އޮފް ދަ ފޮލޯއަޕް މެއިންޓަނަންސް އޮފް ދަ ޗައިނާ މޯޅްޑިވްސް ފްރެންޑްޝިޕް ބްރިޖް” އެއްބަސްވުމެއް ކަމަށެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރައްވާފައި ވަނީ އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވޮންގ ލިޒިންގއެވެ.

މިއީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މެއިންޓަނަންސް މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތައް ތަރައްގީ ކުރުމަށާއި ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޗައިނާ ސަރުކާރު އަދި ދިވެހި ސަރުކާރާ ދެމެދު ސޮއި ކުރެވުނު “ލެޓަރ އޮފް އެކްސްޗޭންޗް” އަދި “އިކޮނޮމިކް އެންޑް ޓެކްނިކަލް ކޯރޕަރޭޝަން ބިޓްވީން ދަ ގަވަރމެންޓްސް އޮފް ޗައިނާ އެންޑް މޯލްޑިވްސް” އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއެއް ކަމަށް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ބުނެއެވެ. މި މަޝްރޫއަށް ގާތްގަނޑަކަށް 3.6 މިލިއަން ޑޮލަރު ހަރަދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސިނަމާލެ ބްރިޖުގެ މެއިންޓެނަންސްގެ މަސައްކަތް އިތުރު ތިން އަހަރު ދުވަހުގެ މުއްދަތަށް ހަވާލުކޮށްފައި ވަނީ ކުރިންވެސް އެ މަސައްކަތް ކުރި ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ ސެކަންޑް ހާރބަރ އިންޖިނިއަރިންގ ކޮމްޕެނީ ލިމިޓެޑް (ސީސީސީސީ އެސްއެޗްއީސީ) އާ އެވެ.

އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިންފްރާސްޓްރަކްޗަރ މިނިސްޓަރު މުއްތޮލިބު ވިދާޅުވީ މި އެއްބަސްވުމަކީ ބްރިޖް މެއިންޓެނެންސް ކުރުމަށް ބޭނުންވާ ވަސީލަތްތައް ތަރައްގީ ކުރުމަށާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ދެވަނަ ދުވަހު ވެވުނު އެއްބަސްވުމެއް ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ބްރިޖު ބަލަހައްޓައި އެ މަސައްކަތް ކުރުމަށް ދިވެހި ޓެކްނީޝަނުން ތައްޔާރުކޮށް، ބޭނުންވާ ތަމްރީނު ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މުއްތޮލިބު ވިދާޅުވީ އެ ތަމްރީނުތައް ދޭނީ ބްރިޖުގައި އެ މަސައްކަތް ކުރަމުންދާއިރު ކަމަށެވެ.

“ދިވެހި ޓެކްނީޝަނުން ތައްޔާރުކޮށް، ބޭނުންވާ ޓްރެއިނިންތައް ދޭނެ. މި އެއްބަސްވުން ނިމުމުން ބްރިޖުގެ މެއިންޓެނަންސް މަސައްކަތަށް ހަވާލުވެވޭ ފެންވަރަށް ދިވެހިން ބިނާކުރުމާއި ދިވެހިންގެ ބެލުމުގެ ދަށުން މެއިންޓެނަންސްގެ މަސައްކަތް ކުރުމަށް ދިވެހިން ޓްރެއިން ކޮށްދިނުން ހިމެނޭ،” – އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު

ބްރިޖުގެ މެއިންޓެނަންސްގެ މަސައްކަތަށް ދިވެހިން ތަމްރީން ކުރާ ދާއިރާތައް:

 • ބްރިޖް އިންޖިނިއަރިންގ
 • ރޯޑް އިންޖިނިއަރިންގ
 • އިލެކްޓްރޯ މެކޭނިކަލް
 • ޓްރެފިކް ސޭފްޓީ
 • ފެސިލިޓީ ލޭންޑްސްކޭޕިންގ
 • ބްރިޖް މެއިންޓެނަންސް

މުއްތޮލިބު ވިދާޅުވެފައި ވަނީ ސިނަމާލެ ބްރިޖުގެ މަސައްކަތް 2018 ވަނަ އަހަރު ނިންމުމަށް ފަހު، ބްރިޖު އެޅި ކުންފުނިން ދެ އަހަރު ދުވަސް ވަންދެން އެ ތަނުގެ މެއިންޓެނަންސްގެ ކަންކަން ވަރަށް ރަނގަޅަށް ބެލެހެއްޓި ކަމަށެވެ. އެހެންނަމަވެސް، ޖެހިގެން އައި ތިން އަހަރު ދުވަހު ކޮންޓްރެކްޓް އާ ނުކުރާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވި ގޮތުގައި މެއިންޓެނަންސްގެ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމުގައެވެ.

ބްރިޖުގެ މެއިންޓެނަންސްގެ މަސައްކަތް ކުރުމަށް ވެވުނު އެއްބަސްވުމުގެ ދަށުން ކުރާނެ ކަންކަން:

 • އިނިޝިއަލް ރިޕެއަރތައް ކުރުން (މިހާރު ދިމާވެފައި ހުރި މަރާމާތުތައް ދެނެގަނެ ހައްލުކުރުން)
 • ޕްރިވެންޓިވް މެއިންޓެނަންސް
 • ބްރިޖް މެއިންޓެނަންސް މަސައްކަތްތަކުގެ ރިކޯޑްސް ބަލަހައްޓާނެ ނިޒާމެއް ހެދުން
 • ބްރިޖުގެ މެއިންޓެނަންސް މައްސަލަތައް ދެނެގަތުމާ ގުޅޭ އެސެސްމެންޓްތައް ހެދުން
 • ރޫޓިންގ މެއިންޓެނަންސް މަސައްކަތްތައް ކުރުން (މީގެ ތެރޭގައި ބްރިޖުގެ އެކިއެކި ކޮމްޕޯނަންޓްތަކަށް ބޭނުންވާ މަރާމާތުތައް ދެނެގަނެ، މެއިންޓެނަންސް މަސައްކަތްތައް ކުރުމަށްޓަކައި ރޫޓިންކޮށް ކުރެވޭ ޕީރިއަޑިކް މެއިންޓެނަންސް މަސައްކަތްތައް ހިމެނޭ)
Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *