ބަޔަކު މީހުން ”ރޯދަމަހަށް ޤައުމު ހުއްޓުވާލަން“ އުޅޭ ކަމަށް ބުނެ، ނޫހެއްގައި ލިޔެފައިވާ މަޒުމޫނެއް ފެނުނެވެ. ރަނގަޅަށް ބަލައިލިއިރު އެއީ، ރަމަޟާން މަހުގެ ފަހު ދިހައަކަށް ސަރުކާރު އޮފީސްތައް ޗުއްޓީ ކުރުމަށާއި، ރޯދަމަހުގެ ވަކި ދުވަހަކުން ފެށިގެން ދަރިވަރުން ސްކޫލަށް ނުގޮސް ޗުއްޓީކޮށްލައި، އަޅުކަމަށް ޚާއްޞަ ވެލުމަށް ޓަކައި ސަރުކާރުން ނިންމުމާ ގުޅިގެން އެކަމާ ދެކޮޅަށް ލިޔެފައިވާ ލިޔުމެކެވެ.
އަދި ހަމަ އެފަދައިން، ތަންކޮޅެއް ކުރިން، ދަޢުލަތުގެ އިސް މަޤާމެއްގައި ހުންނެވި، އަދި މިހާރު އެމަޤާމުން ވަކިވެފައިވާ ބޭފުޅަކު އަމިއްލަފުޅު މީސްމީޑިއާގައި “ ފަހު ދިހައިގެ ދުވަސްތައް ބަންދުކުރުމަކީ އިސްލާމީ ޝަރީޢަތުގެ ޢާންމު މަޤްޞަދުތަކާ އެއްގޮތަށް ކުރާ ކަމެއް ނޫން“ ކަމުގައި ވިދާޅުފައިވާތަން ފެނުނެވެ.
ރޯދަމަހު އަޅުކަންކުރުމަށް ރައްޔިތުންނަށް ފުރުޞަތު ދިނުމުގެ ނަމުގައި ރޯދަމަހުގެ ފަހު ދިހައިގެ ދުވަސްތައް ބަންދުކުރުމަކީ އިސްލާމީ ޝަރީޢަތުގެ ޢާންމު މަޤްޞަދުތަކާ އެއްގޮތަށް ކުރާ ކަމެއް ނޫނެވެ. އެއީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރާއި އިޚުތިޔާރުގެ ބޭނުން ކަނޑައެޅިގެން… https://t.co/Q3aGtwRkWJ
— Dr. Ahmed Abdulla Didi (@AABDULLADIDI) February 15, 2026
މި މައްސަލައިގައި މިހިސާބަށް މި ބޭފުޅުންގެ ވާހަކަތައް ދިއުމުން އަޅުގަނޑު ހިތަށް އެރި އެންމެ ފުރަތަމަ ސުވާލަކީ، ކާފިރުންގެ ކްރިސްމަސް ދުވަސްތަކާ ގުޅުވައިގެން ނުވަތަ އައު އަހަރު ފެށުމާ ގުޅުވައިގެން، ނުވަތަ އެނޫން ވެސް ޤައުމީ ބޮޑެތި ބަންދު ދުވަސްތަކާ ގުޅުވައިގެން ސަރުކާރު ބަންދު ކުރުމުން އެކަމާ މިއިން ބޭފުޅަކު ކަންބޮޑުވެ މަޒުމޫނާއި ޕޯސްޓުތައް ނުލިޔުއްވަނީ ކީއްވެ ބާއެވެ؟ އެއީ ސުންނަތުން ސާބިތުވާ ގޮތަށް ސަރުކާރު ބަންދުކަމަށް ކަނޑައަޅައިފައިވާ ދުވަސްތަކެއް ކަމުގައިވާތީ ބާވައެވެ؟
ހަމައެފަދައިން ދެން ހިތަށް އެރި ސުވާލަކީ، ހަމަ ޙަޤީޤުގައި ވެސް، ބަޔަކު މީހުން ދިވެހިރާއްޖޭގައި މުޅި ރޯދަމަސް އެއްކޮށް ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ކަނޑައެޅީ ބާވައެވެ؟ އަދި ރަމަޟާން މަހުގައި ސަރުކާރު ބަންދު ދުވަސްތައް ކަމުގައި ކަނޑައެޅި ދުވަސްތަކުގައި އަސާސީ ޚިދުމަތްތަކުން މުޅި ޤައުމު މަޙްރޫމުވެ، ޤައުމު ހުއްޓުންއެރީ ބާވައެވެ؟ އަދި އިހުޒަމާނުގައި މިޒަމާނުގައި ސަރުކާރުން ސިވިލް ސާވަންޓުން ލައްވާ މިހާރު މިކުރާ ނިޒާމަށް މަސައްކަތް ކުރުވައި އުޅުނު ބާވައެވެ؟
އިސްލާމީ ތާރީޚަށް ނަޒަރެއް
ކޮންމެއަކަސް، ތާރީޚީ ގޮތުން ބަލާއިރު، ކުރީގެ ޚަލީފާއިންގެ ދުވަސްވަރު މިހާރުގެ ”8 ން މެންދުރު ފަހު 2 ށް“ މަސައްކަތްކުރާ ކަހަލަ ވަޒީފާގެ ނިޒާމެއް، ޤާނޫނުތަކެއް، އުޞޫލުތަކެއް ނެތެވެ. އެހެންނަމަވެސް، އެބޭކަލުން ނެރުއްވާ ހުރިހާ އަމުރުފުޅުތަކެއް ބައްޓަންކުރައްވާފައި ހުރީ، އެބޭކަލުންގެ ދަށުގައި ތިބި ރައްޔިތުން ދުނިޔެވީ ކަންކަމަށް ވުރެ ރޫޙާނީ ކަންކަމުގައި މަޝްޢޫލުވުމަށް ފުރުޞަތު ލިބޭނެ ގޮތަށެވެ. އެގޮތުން ބަލާއިރު، ޢުމަރުގެފާނުގެ ޒަމާނުގައި މިސްކިތުގައި ވަކި އިމާމެއްގެ ދަށުން، ތަރާވީޙް ނަމާދު ކުރުމުގެ ސުންނަތް އަނބުރާ ޢިޔާދަކުރެއްވި ކުރެއްވުން ހެއްކަކަށް ފުދެއެވެ.
ޢުމަރުގެފާނުގެ މި ޙާދިޘާއެކޭ އެއްފަދައިން، އިސްލާމީ ދަޢުލަތްތަކުގެ އެނޫން ޚަލީފާއިންނާއި ރަސްރަސްކަލުންނާއި ވެރީންނާއި ބޮޑެތި އިމާމުންނާއި ޢިލްމުވެރީން ކަންކުރައްވާފައިވާތަން ފެންނަން އެބަ އޮތެވެ. އެކަމަށް ޓަކައި މަގުކޮށްޓަވައި ދެއްވާފައި ވެއެވެ. ޚާއްޞަކޮށް ރަމަޟާން މަހުގެ އަޅުކަމަށް އެކަމުގައި އިސްކަން ދެއްވާފައިވެއެވެ.
އެގޮތުން އެއިރުގެ ބައެއް އިމާމުވެރި ޢިލްމުވެރި ބޭކަލުން، ރަމަޟާން މަސް އައުމާއެކު، އެބޭކަލުންގެ ޙަދީޘް ކުލާސްތަކާއި އެނޫން ދަރުސްތައް މެދުކަނޑުއްވާލެއްވުމަށް ފަހު، ޤުރްއާން ޚަތިމު ކުރެއްވުމުގައި މަޝްޢޫލުވެލެއްވިއެވެ. އަދި މުޅި ރަމަޟާން މަސް އެއްކޮށް ޤުރްއާން ކިޔެވުމުގައި ހޭދަކުރެއްވިއެވެ. ބައެއް ބޭކަލުން، ރަމަޟާން މަހުގައި ކޮންމެ ތިން ދުވަހަކުން ޚަތިމެއް ކުރެއްވިއެވެ. އަދި އަނެއްބައި ބޭކަލުން ކޮންމެ ދުވަހަކު ޚަތިމު ކުރެއްވިއެވެ. އެ މިންވަރަށް ޚަތިމު ކުރެއްވީ، އެކަމަށް ވަގުތު ހުސްކުރައްވައިގެންނެވެ. އޭގެ ތެރެއިން ބައެއް ބޭކަލުންނަކީ އެބޭކަލެއް ހުންނެވި ޤައުމުގެ ޤާޟީން ނެއެވެ. ނުވަތަ މުފްތީންނެވެ. ޢާންމު ރައްޔިތުންނާ ކޮންމެ ދުވަހަކު ބައްދަލުކުރައްވައި އެމީހުންގެ ދުވަހީ ކަންކަމުގައި ދިމާވާ މައްސަލަތަކުގައި ލަފައާއި އިރުޝާދު ދެއްވައި ގޮތް ކިޔައިދެއްވަން އުޅުއްވި ބޭކަލުންނެވެ. އަދިކިއެއް، އެއީ ދައުލަތުގެ ބޮޑެތި ނިންމުންތަކުގައި ވެސް ފަހު ބަސް ބުނުއްވަން ތިއްބެވި ބޭކަލުންނެވެ. ނަމަވެސް އެހުރިހާ ޒިންމާއެއް ކޮނޑުގައި އެޅިފައިވާ ޙާލުގައި ވެސް އެބޭކަލުން ރަމަޟާން މަހަށް ވަގުތު ހުސްކުރެއްވިއެވެ. އަދި އެ ދުވަސްވަރަށް ހުސްވެލެއްވިއެވެ. ފަހު ވިއްސާއި ފަހު ދިހައަކަށް މިސްކިތްތަކަށް ވަދެވަޑައިގެން އެއްވެސް މީހަކާ ބައްދަލު ނުވާނޭހެން އިޢުތިކާފަށް ތިއްބެވިއެވެ. ކޮންމެހެން މަޖުބޫރު ޙާލަތެއް ކުރިމަތިވެގެން ނޫން ގޮތަކަށް އެހެން އެއްވެސް މުޢާމަލާތް ކުރުން ހުއްޓަވައިލެއްވިއެވެ. އެހުރިހާ ވަގުތެއް ހަމައެކަނި ޤުރްއާނަށް ޓަކައި ޤުރުބާންކުރެއްވިއެވެ.
ޢުމަރު ބިން ޢަބްދުލްޢަޒީޒް
ޢުމަރު ބިން ޢަބްދުލްޢަޒީޒްއަކީ އުންމަތުގެ ރޫޙާނީ ދުޅަހެޔޮކަމަށް އިސްކަންދެއްވައިގެން ކުރު މުއްދަތެއްގައި އިދާރީ ބޮޑެތި އިޞްލާޙުތައް ގެންނެވުމުގައި މާތް ބޭކަލެކެވެ. އެކަލޭގެފާނު އިސްލާމީ އުންމަތުގެ އެކި ސަރަޙައްދުތަކުގެ ގަވަރުނަރުންނަށް ސިޓީފުޅުތައް ފޮނުއްވައި، މަސައްކަތްތެރިންނާއި ފަޤީރުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށް އަމުރުކުރެއްވިއެވެ. މިވާހަކަ އިބްނު އަބީ ޝައިބާ އެކަލޭގެފާނުގެ ”މުޞައްނަފް“ ގައި ބަޔާންކުރައްވާފައިވެއެވެ. އަދި އިމާމް އިބްނު ރަޖަބް އެކަލޭގެފާނުގެ ”ލަޠާއިފުލް މަޢާރިފް“ ގައި މިމޭރުމުން ޛިކުރުކުރައްވާފައިވެއެވެ.
އެކަލޭގެފާނު އަމުރުކުރެއްވީ ރަމަޟާން މަހު ޖިޒްޔަ އާއި ޚަރާޖް ފަދަ ޓެކްސް ނެގުން މެދުކަނޑާލުމަށެވެ. ނުވަތަ އެ ލުއިކޮށްދިނުމަށެވެ. އެއީ ރޯދަހިފުމާއި ނަމާދުކުރުމުގައި ރައްޔިތުން ތިބޭއިރު، ޓެކްސް ނަގާ މީހުންގެ ސަބަބުން ކުރިމަތިވާ ނުތަނަވަސްކަމުން އެމީހުން ދުރުކޮށް، ހިތްހަމަޖެހިލައިގެން އަޅުކަމަށް ފޯކަސްކޮށް ވަގުތު ހޯދައިދިނުމުގެ ބޭނުމުގައެވެ.
ރަމަޟާން މަހުގެ މަސައްކަތު ގަޑިތައް
ޢައްބާސީ އަދި އުޘްމާނީ ދައުރުގައި، ސަރުކާރުގެ އޮފީސްތަކުގެ މަސައްކަތު ގަޑިތައް މަދުކުރުމުގެ އާދަކާދައެއް ޤާއިމުކުރެވުނެވެ. އަދި އެކަމަށް ޓަކައި ވެރީންގެ ކުރިފުޅުމަތީގައި ބޭއްވޭ ދީނީ ދަރުސްތައް ތަޢާރަފްކުރެއްވިއެވެ. އެގޮތުން ރަމަޟާން މަހުގެ މެންދުރުފަހު ސިޔާސީ މަސައްކަތްތައް ހުއްޓާލައްވައި، ޤުރުއާނުގެ ތަފްސީރު ދަރުސްތަކުގައި ސަރުކާރުގެ އިސްވެރިންނާއި ސުލްޠާނުން ބައިވެރިވެވަޑައިގަންނަވައެވެ. މިކަމުގެ ސަބަބުން ދައުލަތުގެ މުޅި ނިޒާމު ދީނީ ދަރުސްތަކާއި ޤުރުއާން ތަފްސީރު ކުލާސްތަކަކަށް ބަދަލުވެގެންދިޔަ ކަމުގައި އައިސްފައިވެއެވެ.
ފަހު ދިހައިގެ އިންތިޒާމުތައް
އިސްލާމީ ބައެއް ވެރިކަންތަކުގައި، ރަމަޟާން މަހުގެ ފަހު ދިހައަކީ އިޢުތިކާފަށް ޚާއްޞަ ދުވަސްތަކެއްގެ ގޮތުގައި ހަމަޖެހިގެން ދިޔައެވެ. އެގޮތުން ދަޢުލަތުގެ ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ފިޔަވައި އެހެން ކަންކަން މެދުކަނޑާލައެވެ. އޭގެ ތެރޭގައި، މިޞްރާއި ޝާމްކަރައިގައި ސުލްޠާނުންގެ މިސްކިތްތަކުގައި ދީނީ ކްލާސްތައް ކުރިއަށް ގެންދިއުމަށް ބޮޑެތި ޚަރަދުތައް ކުރައްވައި، ސިފައިންނާއި ޚާދިމުންނަށް ޗުއްޓީ ދެއްވިއެވެ. އެއީ އެމީހުންނަށް ޤުރުއާން ޚަތިމްކުރުމުގެ މަޖިލިސްތަކުގައި ބައިވެރިވެވޭނެ ގޮތް ހެދުމަށް ޓަކައެވެ. އަދި ރަމަޟާން މަހުގެ ފަހުކޮޅު ބާޒާރުތަކުގެ ގަޑިތަކަށް ބަދަލު ގެނެސް، މަސައްކަތްތެރިންގެ ޒިންމާތައް ބަލަހައްޓަން ހަވާލުކޮށްފައި ހުންނަ ބާޒާރު ބަލަހައްޓާ ވެރިޔާގެ މަސައްކަތް ލުއިކޮށްދެވެއެވެ.
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ބަޔާންކުރައްވާފައިވާ ގޮތުގައި، ވެރިޔަކީ ބަކަރި/ކަންބަޅި އައިނެއް ބަލަހައްޓާ ފަދަ މީހެކެވެ. ބަލަހައްޓާ ޖަނަވާރުތައް ވަރުބަލިވުމުން އެތަކެއްޗަކަށް އަރާމުދޭ ފަދައިން، މުއުމިނުން އާޚިރަތަށްޓަކައި ރޫޙާނީ ބާރުވެރިކަން ހޯދުމަށް ދުނިޔޭގެ ކަންކަމުން ވީއްލި، ”ރޫޙާނީ އަރާމު“ ހޯދަން ވަގުތު ދިނުމަކީ ވެރިޔާ ކުރަންޖެހޭނެ ކަމެކެވެ. އެކަލޭގެފާނު ބަޔާންކުރައްވާފައިވަނީ، ދީން ހިމާޔަތްކުރުމަކީ (ދީން އުނގަންނައިދީ އަޅުކަން ފަސޭހަކޮށްދިނުން) އިސްލާމީ ޝަރީޢަތުގެ ފަސް މަޤްޞަދުގެ ތެރެއިން އެންމެ ފުރަތަމަ ކަންތައް ކަމަށެވެ. މިއީ މުދާ ހިމާޔަތްކުރުމަށްވުރެ ވެސް އިސްކަންދެވިފައިވާ ކަމެކެވެ.
ކަންމިހެން އޮތް އިރު، ދީނާ ޚިލާފު ކަންކަމާ ގުޅުވައިގެން ރަސްމީ ބަންދު ދުވަސްތައް ކަނޑައަޅުއްވާއިރު އެކަންކަމާ ފާޑުވިދާޅު ނުވާ ބޭފުޅުން ނިކުންނަވައި، ދީނީ ކަންކަމަށް ފޯރިދީ، އުޖާލާކަން ގެނުވަން ރަސްމީ ބަންދު ދުވަސްތަން ކަނޑައެޅުއްވޭ ހިނދު، އެކަމާ ދެކޮޅަށް ބަސް ބުނުމަކީ، ޢިލްމާނީ، ސެކިއުލަރ ވިސްނުމެއްގެ ތެރެއިން އަންނަ ފިކުރެއްކަމުގައި މެނުވީ ނުވާނޭ ކަމަށް އިންކާރު ކުރެވޭނެ ޖާގައެއް މިފަދަ ޒަމާނެއްގައި ނެތް ކަމުގައި ޤަބޫލުކުރަން ޖެހެއެވެ. އަދި އެފަދަ ފިކުރުގައި ދުވަނީ، ލާދީނިއްޔަތާއި މުސްތަޝްރިޤުންގެ ފަލްސަފާތަކުގެ ވިހަ ވަސް ނޫން އެހެން ވަހެއް ނޫން ކަމުގައި ދަންނަވަން ޖެހެއެވެ.
ދުޢާއަކީ އަޅަމެންނީ އެފަދަ ވިހަ ފިކުރުން ސަލާމަތްވެ އެކަން ކުރިއާލައި ދެނެގަނެވޭނެ ފަދަ އީމާންތެރިކަމުގެ ބައެއް ކަމުގައި މާތް ﷲ ލެއްވުމެވެ.



