Ads by
ޚަބަރު
“ރަސްއައިން” އެޕް: ދިވެހި ކަނޑުތައް ހިމާޔަތްކޮށް، ކަނޑުދަތުރުކުރާ ފަރާތްތަކަށް އެހީއެއް
ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން އުފެއްދި ރަސްއައިން އެޕްލިކޭޝަން ރައީސް މުޢިއްޒު އިފުތިތާހުކޮށްދެއްވަނީ - ފޮޓޯ:ރައީސް އޮފީސް

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ކަނޑުދަތުރުކުރާ ފަރާތްތަކަށް އެހީއެއްގެ ގޮތުގަ އާއި ދިވެހި ކަނޑުތައް ރައްކާތެރިކަމާ އެކު ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތަށް ފަސޭހަކުރުމުގެ ގޮތުން “ރަސްއައިން” ގެ ނަމުގައި މޯބައިލް އެޕްލިކޭޝަނެއް ތަޢާރަފުކޮށްފިއެވެ.

Ads by Eki Online

ރަސްއައިން އެޕްލިކޭޝަން ތަޢާރަފުކޮށްދެއްވާފައި ވަނީ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުކުރު ދުވަހުގެ ރޭ ބޭއްވި އެމްއެންޑީއެފް އެއަރ ކޯރޕްސް އިފުތިތާހުކޮށްދެއްވައި، އަންމޭންޑް އޭރިޔަލް ވެހިކަލް (ޔޫއޭވީ) ސިފައިންގެ ޚިދުމަތަށް ތަޢާރަފުކުރެއްވުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ ރަސްއައިންއަކީ ރާއްޖޭގެ މަސްވެރިންނާއި ރާއްޖެ ސަރަޙައްދުން ދަތުރުކުރާ ކަނޑުއުޅަނދުފަހަރާއި މި ކަނޑުން ނަފާ ހޯދުމުގައި ހަރަކާތްތެރިވާ އެކިއެކި ސިނާއީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކާ އަދި ދިވެހިރާއްޖޭގެ ކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގައި ކޯސްޓްގާޑުން ކުރާ މަސައްކަތަށް އެހީއެއްގެ ގޮތުގައި ޓެކްނޮލޮޖީގެ މަންސަތަކުގައި ބޭނުން ހިފުމަށް އުފައްދާފައިވާ އެޕްލިކޭޝަނެއް ކަމަށެވެ.

އެންޑްރޮއިޑް އަދި އައިއޯއެސްއަށް ފަރުމާކޮށްގެން އުފެެއްދި މި އެޕްލިކޭޝަނުގައި ކަނޑުދަތުރުކުރާ ފަރާތްތަކަށް ބޭނުންވާ މުހިންމު ގިނަ މަޢުލޫމާތުތަކެއް ވަނީ ހިމަނާފައެވެ. އެގޮތުން މި އެޕްލިކޭޝަނުގައި ދިވެހިރާއްޖޭގެ މެޕާ އެކު މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްއިން ނެރޭ މޫސުމީ އިންޒާރު ފަދަ މުހިންމު މަޢުލޫމާތުތައް ހިމެނޭ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެމްއެންޑީއެފުން ބުނެފައި ވަނީ މި އެޕްލިކޭޝަނުން ކަނޑުދަތުރުފަތުރުކުރާ އުޅަނދުފަހަރުން ފޮނުވާ މެސެޖުތަކާއި ކުއްލި ހާލަތްތަކުގައި ފޮނުވާ ޑިސްޓްރެސް، ކޯސްޓްގާޑުގެ ޕުޝް މެސެޖުތައް ބަލާލެވޭނެ ކަމަށެވެ.

ކުރިއަށް އޮތް ތަނުގައި، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން ފޯރުކޮށްދޭ މަޢުލޫމާތުގެ އަލީގައި، ރަސްއައިން އެޕްލިކޭޝަން ތަރައްޤީ ކުރުމަށް ބޭނުންވާ، ގުޅުންހުރި އަދި ފައިދާހުރި ބަދަލުތަކާއި އިތުރު އަޕްޑޭޓްތައް ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *