Ads by
ޚަބަރު
ގިނަ އާލަތްތަކަކީ ތުރުކީގެ ހިލޭ އެހީ، ކުރިއަށް އޮތް ތަނުގައި ވަސީލަތްތައް އިތުރުވާނެ: ރައީސް
ރައީސް މުޢިއްޒު ޑްރޯނެއް ބައްލަވާލައްވަނީ: ވިދާޅުވީ އިޤުތިޞާދީ ސަރަޙައްދު ބަލަހައްޓަން ބޭނުން ކުރަން ފެށި ގިނަ އާލަތްތަކަކީ ތުރުކީގެ ހިލޭ އެހީ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވަސީލަތްތައް އިތުރުވާނެ ކަމަށް - ފޮޓޯ:ރައީސް އޮފީސް

ރާއްޖޭގެ އިޤުތިޞާދީ ސަރަޙައްދު ބަލަހައްޓަން ބޭނުން ކުރަން ފެށި ގިނަ އާލަތްތަކަކީ ތުރުކީން ހިލޭ އެހީގެ ގޮތުގައި ހަދިޔާކޮށްފައިވާ އާލަތްތައް ކަމަށާއި ކުރިއަށް އޮތްތަނުގައި ވަސީލަތްތައް އިތުރުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Eki Online

ދިވެހި ސިފައިންގެ ތެރެއަށް ވައިގެ ޚިދުމަތް ތަޢާރަފުކުރުމާއި ރާއްޖޭގައި ފުރަތަމަ ފަހަރަށް އަސްކަރީ ޑްރޯން ބޭނުންކުރަން ފެށުން ފާހަގަކުރުމަށް ނ. މާފަރު އިންޓަނޭޝަނަލް އެއަރޕޯޓުގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޑްރޯންތައް ގެނައުމުގެ މަޝްވަރާތައް ފެށިފައި ވަނީ ވެރިކަމާ ހަވާލުވެވަޑައިގެން ތުރުކީވިލާތަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކަމަށެވެ. އެގޮތުން އެމަނިކުފާނު މަޤާމުގެ ހުވާކުރެއްވިތާ ދެ ހަފުތާ ވެސް ނުވަނީސް އެ ޤައުމަށް ވަޑައިގަތުމަށް ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ދެއްވި ދަޢުވަތަކީ މި ޑްރޯންތައް ޙަޤީޤަތަކަށް ވުމުގެ އަސްލު ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވެފައި ވަނީ އެމަނިކުފާނާ މެދު ތުރުކީގެ ރައީސް ކިޔުއްވި މަރުޙަބާ އާއި ބެހެއްޓެވި ގާތްކަމާއި ދެއްވެވި ސަމާލުކަމަކީ ދިވެހި އަސްކަރިއްޔާގައި ޑްރޯން ބޭނުން ކުރަން ފެށުމުގެ ސަބަބު ކަމަށެވެ.

މިހާރަށް ތިން ޑްރޯން ފެންނަން ހުރި ކަމުގައި ވީނަމަވެސް މުސްތަގުބަލުގައި އެއަށް ވުރެ އަދަދު އިތުރު ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މިއީ ވެސް ރައީސް އުރްދުޣާން އާ އޮންނަ ގާތްކަމުގެ ތެރެއިން ފަހިވެގެންދާނެ ކަންކަން ކަމުގައެވެ.

“އަދި މީގެ ގިނަ އާލާތްތަކަކީ މި ގާތްކަމުގެ ތެރެއިން ދިވެހި ޤައުމަށް ހިލޭ ހަދިޔާ ކުރައްވާފައިވާ ތަކެތި ކަން ވެސް އަޅުގަނޑު ފަޚުރުވެރިކަމާ އެކުގައި ފާހަގަކުރަން،” – ރައީސް ޑރ. މުޙައްމަދު މުޢިއްޒު

ރާއްޖެއަކީ ކުޑަ ޤައުމެއް ކަމަށް ވިސްނުމަކީ ރަނގަޅު ވިސްނުމެއް ނޫން ކަމުގައި ފާހަގަކުރައްވާ ރައީސް ވިދާޅުވެފައި ވަނީ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ގައި ނުވަ ލައްކަ އަކަމީޓަރުގެ ބޮޑު ބައެއް ހިމެނުނު ކަމަށް ވީނަމަވެސް މީގެ ކުރިން އެ ސަރަޙައްދު ރަނގަޅަށް ބެލެހެއްޓިފައި ނުވާ ކަމަށެވެ. އެ ގާބިލުކަން ރާއްޖޭގައި އޭރު ނެތުމާ ގުޅިގެން އެކަން ކުރަން ޖެހުނީ އެހެން ބައެއް ކަމަށް ރައީސް ވިދާޅުވިއެވެ.

“މީގެ ކުރިން ކުރަން ޖެހުނީ، އެހެން ޤައުމުގެ އެހީ ހޯދައިގެން. އެއީ ވެސް މައްސަލައެއް ނޫން. އޭރު ކެޕޭސިޓީ ނެތީ. މިހާރު އަމިއްލައަށް ބެލެހެއްޓީމާ މިނިވަންކަން ޔަގީންވޭ،”- ރައީސް ޑރ. މުޙައްމަދު މުޢިއްޒު

ރައީސް ވިދާޅުވީ ސިޔާދަތީ ބާރު އަމިއްލައަށް ހިންގުމާ އަދި ބެލެހެއްޓުމަކީ އެހެން ބަޔަކު ކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ. މި ސަރަޙައްދުގެ އިންފާރު ބަލަހައްޓާނީ ދިވެހިން ކަމަށާއި ބޭރުގެ ބައެއްގެ އެހީ އާއެކު ފެށި މި ޚިދުމަތުން، އެ އުންމީދުތައް ޙަޤީޤަތަކަށް ވެގެން ގޮސްފި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ އިޤުތިޞާދީ ސަރަޙައްދު ބެލެހެއްޓުމަށްޓަކައި ޤައުމުގެ އަސްކަރިއްޔާއަށް ލިބުނު ގާބިލިއްޔަތުކަމަކީ މިއަދު އެންމެ ކުރީގައި ހިމެނޭ ޓެކްނޮލޮޖީ ކަމުގައެވެ. ފެށިގެން މި ދަނީ ވަރަށް ބިޔަ ޤައުމީ ކަމެއް ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އިޤުތިޞާދީ ސަރަޙައްދަކީ މީގެފަހުން ކޮންމެ ވަގުތެއްގައި ވެސް ސަވަޔަލެންސްގެ ދަށުން ބެލެހެއްޓޭނެ ސަރަޙައްދެއް ކަަމަށާއި ހާލުގައި ޖެހޭ މީހުން ނުހޯދި ލަސްވެގެން ދެން ނުދާނެ ކަމަށެވެ.

މީގެ ކުރިން ޑްރަގުގެ އެކި ކަހަލަ މުޢާމަލާތްތައް ހިންގުން ހުއްޓުވަން ޖެހެނީ އެހެން ފަރާތެއްގެ އެހީ އާއެކު ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް، ކަނޑުމަގުން ރަށްރަށަށް ޑްރަގު ދެން އެތެރެކުރާއިރު، ޔޫއޭވީގެ އެހީގައި އެކަން ހުއްޓިގެންދާނެ ކަމުގައި ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *