Ads by
ޚަބަރު
ރާއްޖޭގެ ސަރަޙައްދު ދެން ބަލަހައްޓާނީ ދިވެހީން އަމިއްލައަށް: ރައީސް
ރައީސް މުޢިއްޒު: ވިދާޅުވީ ރާއްޖެއަކީ ކަނޑުގެ ސަރަޙައްދާ އެކު ބޮޑު ޤައުމެއް ކަމަށާއި ރާއްޖޭގެ ސަރަޙައްދު ދެން ބަލަހައްޓާނީ ދިވެހީން އަމިއްލައަށް ކަމަށް - ފޮޓޯ:ރައީސް އޮފީސް

ދިވެހިރާއްޖެއަކީ ކަނޑުގެ ސަރަޙައްދާ އެކު ބޮޑު ޤައުމެއް ކަމަށާއި ރާއްޖޭގެ ސަރަޙައްދު ދެން ބަލަހައްޓާނީ ދިވެހީން އަމިއްލައަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Eki Online

ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އެއަރ ކޯރޕްސް އަދި އަންމޭންޑް އޭރިއަލް ވެހިކަލްސް އިފުތިތާޙު ކުރުމަށް ހުކުރު ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެއަކީ ކުޑަ ޤައުމެއް ނޫން ކަމަށެވެ. ރާއްޖެއަކީ ނުވަ ލައްކަ އަކަ ކިލޯމީޓަރަށް ވުރެ ބޮޑު އިޤުތިޞާދީ ޚާއްޞަ ސަރަޙައްދެއް ހިމެނޭ ބޮޑު ޤައުމެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވެފައި ވަނީ އެ ސަރަޙައްދު އަމިއްލައަށް ބެލެހެއްޓުމުގެ ޤާބިލުކަން މިހާރު ރާއްޖޭގައި އެބަހުރި ކަމަށެވެ.

ރާއްޖެއަކީ މިނިވަން މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ޤައުމެއްކަން ފާހަގަކުރައްވައި ރާއްޖޭން ރާއްޖޭގެ އިންފާރު ބެލެހެއްޓުމަކީ އެހެން ބަޔަކު އެކަމާ ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެއަކީ ހުރިހާ ޤައުމަކާ ވެސް ގާތްގުޅުން އޮންނާނެ ބައެއް ކަމުގައެވެ.

ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ މިނިވަންކަން ހިމާޔަތްކުރުމަށް ޓަކައި ދިވެހި އަސްކަރިއްޔާގައި އިތުރު ގިނަ ކަންތައްތައް ތަޢާރަފުކުރައްވާނެކަން އިޢުލާނު ކުރެއްވިއެވެ. އެގޮތުން ކުރިން އަޅައިލުމެއް ނެތި ހުރި އަސްކަރީ ވަޞީލަތްތަކުގެ އާބާތުރަ ފިލުވައި ރަނގަޅު ފެންވަރަކަށް ގެނެސް، އެ ތަންތަނަކީ ވެސް އަސްކަރިއްޔާގެ ބޭނުންތަކަށް އަދި ރައްޔިތުންނަށް ރަނގަޅަށް ޚިދުމަތް ކުރެވޭނެ ފެންވަރުގެ ތަންތަނަށް ހެދުމަށް ބޭނުންވާ ވަސީލަތްތައް މިހާރު ހަމަޖައްސަވައިދެއްވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ފަސް އަހަރު ނިމޭއިރު ކޯސްޓްގާޑުގެ ކެޕޭސިޓީ މިހާރަށް ވުރެ ދެގުނަ އިތުރު ކުރައްވާނެ ކަމަށާއި އެއަރ ކޯރޕްސްއަށް އުޅަނދުތައް އިތުރުކުރެވި، އެއްގަމުގައި ބޭނުންކުރާ ވެހިކަލްތަކާއި ޕްލެޓްފޯމްތައް ވެސް އިތުރު ކުރައްވާނެ ކަމަށެވެ.

ރާއްޖެއަށް މުހިންމީ އަމިއްލަ ފައިމައްޗަށް ތެދުވެ އަމިއްލަ ބާރުވެރިކަމުގައި ހުރިހާ މާނައެއްގައި މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ދެމިއޮތުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ޤައުމު ދިފާޢުކުރުމަކީ ހުރިހާ ފިކުރެއްގެ އަދި ހުރިހާ ގިންތިއެއްގެ ދިވެހި ރައްޔިތުންގެ ވެސް ވާޖިބެއް ކަމަށާއި މިނިވަންކަމާއި ޤައުމުގެ ސިޔާދަތީ ކަންކަމުގައި ހުރިހާ ދިވެހީންގެ ފިކުރާއި ދައްކާ ވާހަކަ ވެސް ޤައުމުގެ ޙައްގުގައި އެއްގޮތްވާން ޖެހޭނެކަން ފާހަގަކުރެއްވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *