Ads by
ޚަބަރު
ޕެންޝަން ފަންޑަށް ބަދަލު ގެނެވޭނީ މަޖިލީސް ލިބިގެން: ރައީސް
ރައީސް މުޢިއްޒު: ވިދާޅުވީ ޕެންޝަން ފަންޑަށް ބަދަލު ގެނެވޭނީ މަޖިލީހުގެ ތެރެއިން އެ ފުރުޞަތު ލިބިގެން ކަމަށް - ފޮޓޯ:ރައީސް އޮފީސް

ޕެންޝަން ފައިސާއަކީ ވަކި ޤާނޫނެއްގެ ދަށުން ހިނގަމުންދާ ކަމަކަށް ވުމުން އެކަމަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Eki Online

އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދާ “ރައީސްގެ ޖަވާބު”ސިލްސިލާގެ ތެރެއިން ހުޅުމާލެ ފްލެޓް H-16-16-05، ފާޠިމަތު ޙަސަން މަނިކު ވަނީ ވަޒީފާގައި އުޅޭއިރު ޕެންޝަނަށް ނަގާ ފައިސާ، ވަޒީފާއިން ވަކިވުމަށްފަހު ދަތި ހާލުގައި އުޅުނަސް ލިބޭނެ ގޮތެއް ނެތް ކަމުގެ ކަންބޮޑުވުމާ އެކު ޕެންޝަން ފަންޑަށް ޖަމާވާ ފައިސާ ލިބޭނެ އިންތިޒާމެއް ހަމަޖެއްސިދާނެތޯ ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ޕެންޝަނަކީ ވަކި ޤާނޫނެއްގެ ދަށުން ނަގަމުން އަންނަ އެއްޗަކަށް ވާތީ އެއަށް އެއްވެސް ބަދަލެއް ގެނެވޭނީ ޤާނޫނު އިޞްލާޙު ކޮށްގެން ކަމަށެވެ.

“އަޅުގަނޑު ބޭނުން ޕެންޝަން ސްކީމް ވަރުގަދަކުރަން ވެސް. އޭގެން ފައިދާ އެންމެ ރަނގަޅު ގޮތުގައި ރައްޔިތުންނަށް ވާނެގޮތް ހަދަން. އެއަށް އެއްވެސް ކަހަލަ ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން،” – ރައީސް ޑރ. މުޙައްމަދު މުޢިއްޒު

ރައީސް ވިދާޅުވެފައި ވަނީ ފާޠިމަތު ފާހަގަކުރެއްވި ކަންބޮޑުވުންތައް އެމަނިކުފާނަށް ގަބޫލުކުރެއްވޭ ކަމަށާއި އެއަށް ހައްލެއް ގެނެވެން އޮތީ މަޖިލީހުގެ ތެރެއިން އެކަނި ކަމަށެވެ.

“އެހެންވީމާ ތި ވިދާޅުވި ކަހަލަ އިޞްލާޙުތައް ގެނެވޭނެ ފުރުޞަތު ރައްޔިތުންގެ މަޖިލީސް ތެރެއިން ލިބިގެން ދިއުމަކީ ތި ވިދާޅުވި ކަހަލަ ކަންތައްތައް ކުރެވޭނެ ގޮތް، މަގުފަހިވާނެ ގޮތް،” – ރައީސް ޑރ. މުޙައްމަދު މުޢިއްޒު

ހިނގަމުންދާ 19 ވަނަ މަޖިލީހުގެ މެޖޯރިޓީ އޮތީ އިދިކޮޅު އެމްޑީޕީއަށެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް މިހާރު ހަމަޖެހިފައި ވަނީ އަންނަ މަހުގެ 21 ވަނަ ދުވަހުއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *