ރޯދަމަހު ދުވާލުގެ ވަގުތުތަކުގައި ލޯކަލް ޓުއަރިޒަމް ހިންގާ ރަށްރަށުގައި ރެސްޓޯރެންޓްތައް ހުޅުވައިގެން ހާމަކަން ބޮޑު ގޮތުގައި ފަތުރުވެރިންނަށް ކާން ދިނުން ހުއްޓާލަން ޖެހޭކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަޙީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިފަދައިން ވިދާޅުވީ މި އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ އިޙްޔާ ފޯރަމްގައި ތަޤްރީރު ކުރައްވަމުންނެވެ. އިޙްޔާ ފޯރަމް ކުރިއަށް ގެންދެވީ ”ރަމަޟާން މަހުގެ މަތިވެރިކަން“ މި މަޢުޟޫއަށެވެ.
ރަމަޟާން މަހުގެ ޙުރުމަތާއި ޤަދަރު ހިފެއްހެއްޓުމަށް ގޮވާލައްވާ ޝަހީމް ވަނީ ރަމަޟާން މަހުގެ މަތިވެރިކަމާއި ޙުރުމަތަށް އުނިކަމެއް އަންނާނެ ފަދަ ގޮތަކަށް ކަންކަން ކުރިއަށ ނުގެންދިއުމަށް އިލްތިމާސް ކުރައްވާފައެވެ. މިއީ އިސްލާމީ އަޤީދާއާއި އިސްލާމީ ސަޤާފަތާއި އުންމަތުގެ މަތިވެރި މޫސުމެއްކަން ހަނދާނުގައި ބެހެއްޓުމަށް ގޮވާލައްވާ ވަޒީރު ވަނީ ޚާއްސަކޮށް ފަތުރުވެރިކަން އޮތް ރަށްތަކުގެ ރައްޔިތުން މިކަމާ މެދު ޚާއްސަ ސަމާލުކަމެއް ދިނުމަށް ނަޞޭހަތްތެރިވެފައެވެ. އެގޮތުން ފަތުރުވެރިކަން އޮތް ރަށްތަކުގައި ދުވާލުގެ ވަގުތުތަކުގައި ރެސްޓޯރެންޓްތައް ހުޅުވައިގެން ހާމަކަން ބޮޑު ގޮތުގައި ފަތުރުވެރިންނަށް ކާން ދިނުން ހުއްޓާލުމަށް ގޮވާލެއްވިއެވެ. އަދި އެއީ ހުއްދަވާނެކަމެއް ނޫންކަމަށާއި މިކަމާ ގުޅޭ ޤާނޫނާއި ޤަވާއިދުތައް ހުރިއިރު ކައުންސިލުތަކުން އެ ޤަނޫނުތަކާއި ޤަވައިދުތައް ތަންފީޒު ކުރަން ޖެހޭނެކަމަށް ވިދާޅުވިއެވެ. އަދި ފަތުރުވެރިންނަށް ޚިދުމަތް ދޭނަމަ އެމީހުން ތިބޭ ތަނެއްގައި އެކަމަށް ޚާއްސަ އިންތިޒާމެއް ހަމަޖެއްސިދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
”ދީނަށްވުރެ ވަކިން މުހިއްމުކަމެއް އޮވެގެން ނުވާނެ. މިކަންކަމުގެ ހުރުމަތްތެރިކަން ކެނޑި ހިނގައްޖެނަމަ ހެދިބޮޑުވެގެން އަންނަ ޖީލުތަކުގެ ހިތްތަކުގައި އިސްލާމްދީނާ މެދުގައި އޮންނަ ހައިބަތާއި ޤަދަރާއި ކަރާމާތް ނެތިގެން ހިނގައިދާނެ. މިކަންކަމަށް ވިސްނަން ޖެހޭ“ މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.
ވަޒީރު ވަނީ ފަހަކަށް އައިސް ހުކުރު ދުވަހު ހުކުރު ވަގުތުގައި ރެސްޓޯރެންޓްތައް ހުޅުވާ، ކުޅިވަރުގެ މައިދާންތަކާއި މޫދުގަވެސް އާއިލާތައް ވަގުތު ހޭދަކުރަމުންދާ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިނިސްޓަރގެ ވާހަކަ ނިންމަވާލެއްވީ ކީރިތި ޤުރުއާން ދައްކާ މަގުން އެއްކިބާ ވެއްޖެނަމަ އަޅުގަނޑުމެންނަށް އޮތީ އަބާއްޖަވެރިކަން ހަނދާން ކޮށްދެމުންނެވެ. އަދި ރަމަޟާން މަސް ހޭދަކުރަންވީ މާތް ﷲ ރުހިވޮޑިގެންވާ ގޮތަށާއި ކީރިތި ރަސޫލާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމަ ދަސްކޮށްދެއްވި ގޮތަށްކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ ގެ ވާހަަކަފުޅުގައި ރަމަޟާން މަހުގެ މާތްކަމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި ވާހަކަދައްކަވާފައެވެ. ޚާއްސަކޮށް މިމަހަކީ ކީރިތި ޤުރުއާން ބާވާލެއްވި މައްސަރަށްވުމުން އެކަމުގެ މާތްކަމަށާއި އަދި މިމަހުގައި އަންނަ އެންމެ މާތް ރޭ ލައިލަތުލްޤަދުރިވިލޭރޭގެ މާތްކަމަށް މިނިސްޓަރ އަލިއަޅުވާލެއްވިއެވެ. މިނިސްޓަރ ވަނީ ރަމަޟާންމަހުގެ ދުވަސްތަކާއި ރޭތައް ހެޔޮގޮތުގައި ހޭދަކުރުމަށް އަޒުމް ކަނޑައެޅުމަށް ގޮވާލައްވާފައެވެ.













