ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވައިދެއްވުމަށް، މިއަދު އެ ޕާޓީން ކުރިއަށް ދޮރުން ދޮރަށް ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ.
އެ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ރައީސް ޑރ. މުޢިއްޒު މިއަދުގެ ދޮރުން ދޮރަށް ހަރަކާތަށް ނުކުމެވަޑައިގަތީ އެ ޕާޓީގެ ފަރާތުން މާފަންނު ހުޅަނގު ދާއިރާއަށް ކުރިމަތިލި ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވައިދެއްވުމަށެވެ. މި ހަރަކާތުގައި ކެބިނެޓް މިނިސްޓަރުންނާއި ޕީއެންސީގެ އިސްވެރިންގެ އިތުރުން މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގެންފައިވެއެވެ. ޕީއެންސީން މަޢުލޫމާތު ދޭ ގޮތުގައި އެހެން ދާއިރާތަކުގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވައިދެއްވުމަށް ދޮރުން ދޮރަށް ހަރަކާތްތަކުގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
މި އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެކި ސަބަބުތަކާ ހުރެ، ޖުމުލަ 69 ގޮނޑިއެއް އިންތިޚާބަކާ ނުލައި ޕީއެންސީއަށް ކާމިޔާބުވެފައިވާ އިރު އޭގެ ތެރޭގައި ކައުންސިލްތަކުގެ 28 ގޮނޑިއެއްވެސް ހިމެނެއެވެ.
މި ފަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. އެހެންކަމުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށްވެސް ހަމަ އެ އަދަދަށް މެންބަރުން އިންތިޚާބުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އިންތިޚާބުގައި ޖުމްލަ 2,962 ކެންޑިޑޭޓުން ވާދަކުރާނެއެވެ.
މި އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު 294,937 މީހުންނަށް ލިބިފައިވެއެވެ. އެއީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނަށެވެ. އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއެކު ހަމަ އެ ދުވަހު ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ފެންނަ ނުފެންނަ ވޯޓު ނެގުންވެސް އޮންނާނެއެވެ.












