Ads by
ޚަބަރު
ގިނަ ފަހަރު ނިޢުމަތެއްގެ އަގުވަޒަން ކުރެވެނީ އެކަމެއް ބީވެ ދިޔުމުން, ޝުކުރުވެރިވާން ދަސްވޭ: ޚުޠުބާ
ގިނަ ފަހަރު ނިޢުމަތެއްގެ އަގުވަޒަން ކުރެވެނީ އެކަމެއް ބީވެ ދިޔުމުން ކަމަށާއި ރޯދައިން ނިޢުމަތްތަކުގެ އަގުވަޒަންކޮށް ޝުކުރުވެރިވާން ދަސްވާ ކަމަށް ހުކުރު ޚުޠުބާގައި ވަނީ ބުނެފައި - ފޮޓޯ:އިސްލާމިކް މިނިސްޓްރީ

ވަރަށް ގިނަ ފަހަރަށް ނިޢުމަތެއްގެ އަގުވަޒަން ކުރެވެނީ އެ ނިޢުމަތެއް ބީވެ ދިޔުމުން ކަމަށާއި ރޯދައިގެ ސަބަބުން ﷲ تعالى އިންސާނާއަށް ދެއްވި ނިޢުމަތްތަކުގެ އަގު ވަޒަންކުރެވި، އެ ނިޢުމަތްތަކަށް ޝުކުރުވެރިވެ އުޅުމަށް މަގުފަހިވާ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

Ads by Eki Online

ރޯދައިގެ ޙިކުމަތުގެ މައްޗަށް އަލިއަޅުވާލައި ޚުޠުބާގައި ބުނި ގޮތުގައި ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި، އެތައް ކަމެއް ޢިލްމުވެރިން ބަޔާންކުރައްވާފައިވާ ކަމުގައެވެ. މި ހުރިހާ ކަންކަމަކީވެސް ތަޤުވާވެރިކަން ހާސިލުކޮށްދޭ ކަންކަން ކަމުގައެވެ. ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި ﷲ ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވާން ދަސްކޮށްދިނުން ހިމެނޭ ކަަމުގައެވެ. އަޅާ ރޯދައަށް ހުންނައިރު، ކެއިންބުއިމާއި އެންމެހައި ޝަހުވާނީ އެދުންތަކުން އޭނާގެ ނަފްސު ހިފަހައްޓާ ކަަމުގައެވެ. ﷲ تعالى އޭނާއަށް ހުއްދަކުރައްވާފައިވާ ބައެއް ނިޢުމަތްތަކާ ކުޑަވަގުތުކޮޅަކަށްވިޔަސް ދުރުހެލިވުމުން އެ ނިޢުމަތްތަކުގެ އަގުވަޒަން ކުރަން ދަސްވާ ކަމުގައެވެ. ވަރަށް ގިނަ ފަހަރަށް ނިޢުމަތެއްގެ އަގުވަޒަން ކުރެވެނީ އެ ނިޢުމަތެއް ބީވެ ދިޔުމުން ކަމަށާއި ރޯދައިގެ ސަބަބުން ﷲ تعالى އިންސާނާއަށް ދެއްވި ނިޢުމަތްތަކުގެ އަގު ވަޒަންކުރެވި، އެ ނިޢުމަތްތަކަށް ޝުކުރުވެރިވެ އުޅުމަށް މަގުފަހިވާ ކަމުގައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރޯދަވެރިޔާގެ ކިބައިގައި އަވަށްޓެރީންނަށް ކަމޭހިތުމާއި ނިކަމެތީންނަށް ހެޔޮފޯރުވުމާއި ފަޤީރުންގެ ޙާލުބަލައި އުޅުމުގެ މަތިވެރި އާދަ އަށަގަންނަ ކަމުގައެވެ.

“ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ކަމަކީ ސިއްރާއި ފާޅުގައި ތިމާ ކުރާ ޢަމަލުތައް ﷲ تعالى  ބައްލަވައި ވޮޑިގެންވާކަން ދަނެ، ތިމާގެ ނަފުސު ތަހުޛީބު ކުރުމެވެ. ރޯދައަކީ ރޯދަވެރިޔާ އާއި އޭނާގެ ވެރި ރަސްކަލާނގެ އާ ދެމެދުގައިވާ ސިއްރެކެވެ. ރޯދަވެރިޔާ ރޯދަ ގެއްލޭ ކަންތައްތަކުން ދުރުހެލިވެ ހުންނާނީ މާތް ﷲ ގެ ރުހިވޮޑިގަތުން ލިބިގަތުމަށެވެ. އެެހެނީ ރޯދައަށް ހުރެ ސިއްރިއްޔާތުގައި ކައިބޮއި އުޅުނަސް މީހަކަށް އެކަމެއް ނޭނގޭނެއެވެ. ރޯދަވެރިޔާއަށް އޭގެ މިންވަރު ނޭނގޭ ގިނަގުނަ ދަރުމަ ދެއްވުމަށް މާތް ﷲ ވަޢުދު ކުރައްވާފައި ވަނީ މި އަޅުކަމުގައި ހުރި އިޚްލާޞްތެރިކަމުގެ ބޮޑުކަމުންނެވެ.”

މިއަދުގެ ޚުޠުބާގައި ބުނީ ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި ރޯދަވެރިޔާ ޙަރާމް ކަންތައްތަކާ ދުރުހެލިވުން ހިމެނޭ ކަމަށެވެ. ﷲ تعالى ގެ ރުހިވޮޑިގަތުން ހޯދުމަށާއި އެކަލާނގެ އަޛާބުން މިންޖުވުމަށްޓަކައި، ޙަލާލު ކާބޯތަކެއްޗާއި އޭނާއަށް ޙަލާލު ކުރައްވާފައިވާ އަނބިފިރިކަމުގެ ގުޅުމާ އެކަހެރިވެ ހުންނަ ހުރުމުން ﷲ تعالى ޙަރާމް ކުރައްވާފައިވާ ކަންކަމުން ދުރުހެލިވެ އުޅުމަށް އޭނާއަށް ވަރުގަދަ ތަމްރީނެއް ލިބޭ ކަމަށެވެ. އެހެންކަމުން ރޯދައަކީ އިންސާނާގެ ނަފުސު ހެޔޮ ކަންކަމަށް ހާނުވައިދޭ ތަރުބަވީ އަޅުކަމެއް ކަމަށެވެ. ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި ނަފުސު އެދޭ އެދުންތަކުގެ މައްޗަށް ގަދަވެގަތުމުގެ ބާރު ލިބުން ހިމެނޭ ކަމަށެވެ.

ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި ރޯދަވެރިޔާގެ ކިބައިގައި ރަޙުމާއި ކުލުނު އުފެދުން ހިމެނޭކަން ފާހަގަކޮށް ޚުޠުބާގައި ބުނެފައި ވަނީ ރޯދައަށް ހުންނަ ހިނދު އިޙްސާސްވާ ކަރުހިއްކުމާއި ބަނޑުހައިހޫނުކަމުގެ ސަބަބުން މުޅި އަހަރު ހައިހޫނުކަމުގައި އުޅޭ ނިކަމެތި ފަޤީރުންނާއި މިސްކީނުންގެ އިޙްސާސްތައް ދެނެގަނެވޭނެ ކަމަށެވެ. އަދި އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން އޭނާގެ ނަފުސު އެދި ގޮވާނެ ކަމަށެވެ. އެ ރިވެތި އަޚްލާޤީ ސިފަތަކުގެ ސަބަބުން ރޯދަވެރިޔާގެ ނަފުސު ތާޙިރުކޮށް ޒީނަތްތެރިކޮށްދޭ ކަމަށެވެ. ހަމަ މިފަދައިން ދޮގުހެދުމާއި ޒުވާބުކުރުމާއި ހަޑިހުތުރު ބަސްތަކުން މީހުންނާ މުޚާތަބުކުރުމާ އޭނާ އެއްކިބާކުރުވާ ކަމަށެވެ.

“ރޯދައިގެ ޙިކުމަތަކީ މާތް ﷲ އަށް ބިރުވެތިވެ، ތަޤުވާވެރިވުމެވެ. ކުރުމަށް އާދަވެފައިވާ ކަންތައްތަކުން ދުވަސްކޮޅަކަށް ނަމަވެސް އެއްކިބާވެ ހުރުމީ، ދުނިޔޭގެ އެދުންތަކުން ނަފްސު ސަލާމަތް ކުރުމަށް ދެވޭ ތަރުބަވީ ފިލާވަޅެކެވެ. މުޅި ދުވާލު ކެއިންބުއިމުން އެއްކިބާވެ ހުރުމުގެ ސަބަބުން ޝަހުވަތްތެރިކަމާއި ދުނިޔޭގެ ދަހިވެތިކަން ތިމާގެ ހިތުތެރެއިން ކުޑަވެ، ރޫޙާނީ ބައި އިތުރުވެއެވެ. ނަތީޖާއަކަށް ވަނީ ނުބައި ކަންތައްތަކަށް އަރައިގަތުމާ ދުރުހެލިވުމެވެ. ދުލުން ހަޑި ހުތުރު ބަސްތައް ބުނުމާއި މީހުންނާ ޒުވާބުކުރުން ހުއްޓުމެވެ. ފަޤީރުންނާއި ނިކަމެތީންގެ ޙާލަތު އިޙްސާސްވުމެވެ. އަދި އެފަދަ މީހުންނަށް އެހީތެރިވުމަށް ހިތްވަރު ލިބުމެވެ.”

ހުކުރު ޚުޠުބާގައި ބުނީ ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި ހިމެނޭ އަނެއް ކަމަކީ ޝައިޠާނާ ނިކަމެތިކޮށް ބަލިކޮށްލުން ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ޝައިޠާނާގެ ވަސްވާސްތަކާ ޢަމަލުތަކާ އޭނާ ދުރުހެލިކޮށްލާ ކަމަށާއި ހެޔޮ ޢަމަލުތަކުގައި މީހާ މަޝްޣޫލުކުރުވާ ކަމަށެވެ. ނުބައި ޢަމަލުތަކާ އޭނާ ދުރުހެލި ކުރުވާ ކަމަށެވެ.

ރޯދަ ފަރުޟު ކުރެއްވުނު ޙިކުމަތާއި އޭގެ ފައިދާ ހާސިލުކުރެވޭނީ ﷲ سبحانه وتعالى އެންގެވި ގޮތަށް ރޯދަ ހިފައިގެން ކަމަށާއި ރޯދަ ހިފުމުގައި ކީރިތި ރަސޫލާ ﷺ ގެ ސުންނަތަށް ތަބަޢަވެގެން ކަމަށް ވެސް މިއަދުގެ ޚުޠުބާގައި ވަނީ ބުނެފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *