ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް ސަރުކާރުން ދެއްވާ މަސްދަޅު ކޭސްތަކުގެ ތެރެއިން މާލޭ ސަރަޙައްދުގެ ގޭބިސީތަކަށް މާދަމާ ރެއިން ފެށިގެން މަސްދަޅު ކޭސް ދޫކުރާނެ ސަރަޙައްދުތައް ސިޓީސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު އިޢުލާންކުރައްވައިފިއެވެ.
ސަރުކާރުގެ ކުންފުނިތަކާއި ގުޅިގެން ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތައް މާލެ ސަރަޙައްދުގައި ބަހަން ފެށީ ހުސްވި ޖެނުއަރީ މަހުގެ 22 ގައެވެ. މާލެ ސަރަޙައްދުގައި 15 މަރުކަޒުން މަސްދަޅު ކޭސް މި ހިނގާ ފެބްރުވަރީ މަހުގެ 11 ވަނަ ދުވަހާއި ހަމަޔަށް ދޫކުށްފައިވެއެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ މަސްދަޅު ކޭސް ނުނެގި ހުރި ފަރާތްތަކަށް ރޭގެ ނިޔަލަށް މާލޭގެ މިފްކޯ މަރުކަޒުން އައީ މަސްދަޅު ކޭސް ދޫކުރަމުންނެވެ.
މިނިސްޓަރު ޝަރީފް މިއަދު އެކްސްގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެކި ސަބަބުތަކާ ހުރެ މަސްދަޅު ކޭސް ނުނެގޭ ފަރާތްތަކަށް މަސްދަޅު ދޫކުރުން މުލަރޯދަ ދުވަހާއި، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ރޭގަނޑު 21:30 އިން ފެށިގެން 23:00 އަށް މިނިސްޓްރީގެ ޕަބްލިކްވަރކްސް ފެންޑާ (މާފަންނު ޓްރެކްދަނޑު ކައިރި)، އަދި ހުޅުމާލޭ ފޭސް 1 އާއި ފޭސް 2 ގައި ހުންނަ މިފްކޯގެ މަސް ފިހާރައިން ކުރިޔަށް ގެންދާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
ސިޓީސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މާލެ ސަރަޙައްދުގައި ރޭގެ ނިޔަލަށް 54،000 އަށްވުރެ ގިނަ މަސްދަޅު ކޭސް ވަނީ ދޫކޮށްފައެވެ. އަދި އަތޮޅުތެރޭގެ ގިނަ ރަށްރަށުގައި މަސްދަޅު ކޭސް މިހާރު ވަނީ އެއްކޮށް ބަހައި ނިމިފައެވެ.













