Ads by
ޚަބަރު
އެއަރ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ސީޕްލޭންގެ ޚިދުމަތް ފަށަނީ
އެއަރ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ސީޕްލޭން

އެއަރ އެމްބިއުލާންސްގެ ގޮތުގައި ބޭނުން ކުރާ ސީޕްލޭންގެ ޚިދުމަތް ފަށަން ޤައުމީ އެއަރލައިން، މޯލްޑިވިއަނުން ތައްޔާރުވެއްޖެއެވެ.

Ads by Eki Online

މޯލްޑިވިއަނުން ބުނެފައި ވަނީ ސީޕްލޭންގެ ޚިދުމަތް އިފުތިތާހުކުރުމުގެ ގޮތުން ކުޑަ ރަސްމިއްޔާތެއް ބާއްވާނެ ކަމަށެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މީގެކުރިން އިޢުލާނު ކުރައްވާފައި ވަނީ އެއަރ އެމްބިއުލާންސްގެ ގޮތުގައި ބޭނުން ކުރުމަށް ސަރުކާރުން ދެ ބޯޓެއް ޚާއްޞަ ކުރާނެ ކަމަށެވެ. އެއީ ޑޭޝް 8-200 މަރުކާގެ ބޯޓަކާއި ސީޕްލޭނެކެވެ.

އެއަރ އެމްބިއުލާންސްގެ ގޮތުގައި ބޭނުން ކުރާ ސީޕްލޭންގެ ފޮޓޯއެއް ރައީސް މިއަދު އެކްސްގައި ޕޯސްޓްކުރެއްވިއިރު، މި ސީޕްލޭންގެ ބޭރުގެ ޑިޒައިންވެސް ހުރީ މި މަހުގެ އެއްވަނަ ދުވަހު ބޭނުން ކުރަން ފެށި ޑޭޝް-8 މަރުކާގެ ބޯޓާ އެއްގޮތަށެވެ. މިހާތަނަށް މި ސީޕްލޭންގެ އެތެރޭގެ ފޮޓޯއެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފެށުމާ ގުޅޭގޮތުން މީގެކުރިން ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އެކަމަށް ޚާއްޞަކޮށް ޚިދުމަތް ދޭން ފަށާފައިވާ ބޯޓުގައި މެޑިކަލް އިމަރޖެންސީގެ ޙާލަތްތަކުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުން ފަރުވާ ލިބެންހުރި އެންމެ ކައިރި ޓާޝިއަރީ ހޮސްޕިޓަލަކަށް ބަލި މީހުން އުފުލުމުގައި އަވަސް ޞިއްޙީ ފަރުވާ ދެވޭ ގޮތަށް ވަސީލަތްތަކާ އެކު ތަމްރީންކޮށްފައިވާ 15 ޞިއްޙީ ޚިދުމަތްތެރިއަކު ހަރަކާތްތެރިވާނެ ކަމުގައެވެ. އޭގެ ތެރޭގައި ފަސް ޑޮކްޓަރުންނާއި ފަސް ނަރުހުން އަދި އެމަރޖެންސީ މެޑިކަލް ޓެކްނީޝަނުން ހިމެނެއެވެ.

ރާއްޖޭގެ ޞިއްހީ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތްތަކެއް ދިނުމަކީ ރައީސްގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ސިޔާސަތެވެ. އެގޮތުން އެއަރ އެމްބިއުލާންސްގެ ޚިދުމަތްތައް ފަށާފައިވާއިރު، މައިގަނޑު އަމާޒަކީ ހަރުދަނާ އަދި ދެމެހެއްޓެނިވި ގޮތެއްގައި މި ޚިދުމަތް ރާއްޖޭގައި ގާއިމުކުރުން ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

ހެލްތު މިނިސްޓްރީން ބުނެފައި ވަނީ އެއަރ އެމްބިއުލާންސްގެ ޚިދުމަތް ދޭނީ އެ މިނިސްޓްރީ އާއި އައިލެންޑް އޭވިއޭޝަން ސަރވިސަސް (އައިއޭއެސް) އަދި އެންސްޕާ ގުޅިގެން ކަމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *