Ads by
ޚަބަރު
ކައުންސިލުތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑު ކުރެވޭނީ މަޖިލީހުގެ ތެރެއިން: ރައީސް
ރައީސް މުޢިއްޒު ދޮންފަނު ކައުންސިލާއި އ.ތ.މ ކޮމިޓީގެ މެންބަރުންނާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން - ފޮޓޯ:ރައީސް އޮފީސް

ކައުންސިލުތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑު ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ޤާނޫނަށް ބަދަލު ގެނެސްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Eki Online

އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދާ “ރައީސްގެ ޖަވާބު” ސިލްސިލާގެ ތެރެއިން މ. ނާލާފުށި ކައުންސިލުގައި މަސައްކަތްކުރާ އިދާރީ މުވައްޒަފަކު، ޑިގްރީ ހާސިލުކޮށްގެން ތިބި މުވައްޒަފުންގެ މުސާރަ އޭގެ ދަށްފަންތީގެ މުވައްޒަފުންގެ މުސާރައަށް ވުރެ ދަށްކަމުގެ ކަންބޮޑުވުން ހިއްސާކޮށް، ކައުންސިލުގެ އިދާރީ މުވައްޒަފުންގެ މުސާރައަށް ބަދަލެއް ގެނައުމުގެ ވިސްނުންފުޅު ހުރިތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މަޖިލީހުގެ ކަމާ ގުޅުން ހުރި ޤާނޫނުގެ ތެރެއިން ކައުންސިލުތައް ގިންތިކޮށްފައި ވަނީ ވަރަށް ދަށްފަންތިއެއްގައި ކަމަށެވެ.

ސަރުކާރާއި ފިނޭންސް މިނިސްޓްރީން ކައުންސިލުތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށް މަސައްކަތްކުރި ނަމަވެސް ކައުންސިލުތައް ގިންތިކޮށްފައި ހުންނަ ގޮތުން އެކަން ކުރުމަށް ދަތިތަކެއް ހުރި ކަމަށް ރައީސް ވިދާޅުވިއެވެ. ކައުންސިލުތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަކީ ބޭނުންފުޅުވާ ކަމެއް ކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވެފައި ވަނީ އެކަން ކުރެވޭނީ އާމްދަނީ އިތުރުވެގެންނާއި އިޤުތިޞާދު ހަރުދަނާ ކުރެވޭ ވަރަކުން ކަމަށެވެ.

“ޖުމްލަކޮށް ހުރިހާ މުވައްޒަފުންގެ މުސާރަތައް ބޮޑު ކުރުމަކީ އަޅުގަނޑު ބޭނުންވާ ގޮތް. އެހެންނަމަވެސް އަޅުގަނޑުމެންނަށް އާމްދަނީ އިތުރުވެގެންދާ ވަރަކުން، އިޤުތިޞާދު ހަރުދަނާކޮށް ވަރުގަދަކުރެވޭ ވަރަކުން، މުސާރަތައް ބޮޑު ކުރެވޭނީ،” – ރައީސް ޑރ. މުޙައްމަދު މުޢިއްޒު

ރައީސް ވިދާޅުވި ގޮތުގައި ކައުންސިލުތަކުގެ އިދާރީ މުވައްޒަފުންގެ މުސާރައިގެ މައްސަލައަކީ ވަރަށް ބޮޑުވެފައި އޮތް މައްސަލައެއް ކަމުގައެވެ. އެހެންނަމަވެސް، އެ މުވައްޒަފުންގެ މުސާރައަށް މިހާރަށް މިހާރަށް ހައްލެއް ގެނެވޭނީ މަޖިލީހުގެ ތެރެއިން ކަންތައްތަކެއް ކުރެވިގެން ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

އަހުމަދު3 މަސް ކުރިން

ކައުންސިލްތަކުގެ މުއައްޒިފުންގެ މުސާރައިގެ މައްސަލަ ސަރުކާރުން މަޖިލީހަށް ހުށަނާޅައި ފިތުނަ އުފެދޭގޮތަށް ވާހަކަ ދެއްކިއަސް ވާނެކަމެއް ނޯންނާނެ

0
0