Ads by
ޚަބަރު
މުސްލިމުން ރަމަޟާން މަހާ އިސްތިޤްބާލުކުރަން ޖެހޭނީ އުފަލާއި ހިނިތުންވުމާ އެކު: ޚުޠުބާ
މުސްލިމުން ރަމަޟާން މަހާ އިސްތިޤްބާލުކުރަން ޖެހޭނީ އުފަލާއި ހިނިތުންވުމާ އެކުގައި ކަމަށް ހުކުރު ޚުޠުބާގައި ވަނީ ބުނެފައި - ފޮޓޯ:އިސްލާމިކް މިނިސްޓްރީ

މުސްލިމުން ރަމަޟާން މަހާ އިސްތިޤްބާލުކުރަން ޖެހޭނީ އުފަލާއި ހިނިތުންވުމާ އެކުގައި ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

Ads by Eki Online

ރަމަޟާން މަހާ އިސްތިޤްބާލުކުރުމުގެ މައްޗަށް އަލިއަޅުވާލައި ޚުޠުބާގައި ބުނީ ރަމަޟާން މަހާ އުފަލާއި ހިނިތުންވުމާ އެކުގައި އިސްތިޤްބާލުކުރަން ޖެހޭނީ އެއީ ކިޔަމަންތެރިވުމުގެ މޫސުން ކަމުގައި ވާތީ ކަމަށެވެ. އެއީ ހެޔޮ ކަންތައް ކުރުމުގައި ވާދަކުރަން ޖެހޭ ވަގުތަކަށް ވާތީ ކަމަށެވެ. އެއީ ﷲ ގެ ނަފަޙާތުތަކާއި ބަރަކާތްތައް އެކަލާނގެ މުއުމިނު އަޅުންގެ މައްޗަށް އޮއްސަވާ މައްސަރެއް ކަމުގައި ވާތީ ކަމަށެވެ.

ރަމަޟާން މަސް އަހުރެމެންނާ ހެޔޮ ޚަބަރުތަކާއިގެން ބައްދަލުކުރަނީއެވެ. މި ފުރުޞަތުގެ ބޭނުންކުރަން އަތުކުރި އޮޅާލާށެވެ! މި މަހުގެ މާތްކަން ޙާޞިލުވޭތޯ ތެދުވާށެވެ! رسول ﷲ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. “ރަމަޟާން މަހާ ބައްދަލުވެ ފާފަތައް ނުފޮހެވި އެ މަހާ ވަކިވެގެންދާ މީހާއަށް ހަލާކު ހުއްޓެވެ.”

ތެދުވެރި ތައުބާއަކުން ތައުބާވެ، ރަމަޟާން މަހާ އިސްތިޤްބާލުކުރުމުގެ ކުރުމަށް ގޮވާލައި ޚުޠުބާގައި ބުނެފައި ވަނީ ރޯދައިގެ އަޅުކަން ފުރިހަމައަށް ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކައި އެކަމާ ގުޅޭ މަޢުލޫމާތު އުނގެނި ދަސްކުރަން ޖެހޭ ކަމަށެވެ. ރޯދައިގެ އަދަބުތަކާއި ސުންނަތްތަކަކީ ކޮބައިކަމާއި ރޯދަ ގެއްލޭ ކަންތައްތަކާއި ރޯދައިގެ ޘަވާބު އުނިކުރާ ކަންތައްތައް ދެނެގަންނަން ޖެހޭ ކަމަށެވެ. ތަރާވީޙު ނަމާދާއި އިޢުތިކާފަށް އިނުމާއި ޤުރްއާން ކިޔެވުން ގިނަ ކުރުމާއި ޞަދަޤާތް ކުރުން އިތުރުކުރުމާއި ފިޠުރު ޒަކާތް ދިނުން ފަދަ ރަމަޟާން މަހާ ގުޅިފައިވާ އަޅުކަންތައް ކުރުމުގައި ހީވާގިވާން ޖެހޭ ކަމަށް ވެސް ޚުޠުބާގައި ވަނީ ބުނެފައެވެ.

“ރޯދަވެރިޔާ އަރާރުންވުމާއި ދޮގުހެދުމާއި ނެތިމޮށުމާއި ދެބައޮޑުވުމާއި އާޑަފުރައްސާރަކުރުން ފަދަ އިސްލާމްދީން މަނާކުރާ ކަންތައްތަކުން ދޫ ރައްކައުތެރި ކުރުމަކީ ވާޖިބު ކަމެކެވެ. މިފަދަ ކަންތައްތައް ކުރާ މީހާގެ ރޯދަ ބާޠިލުނުވިޔަސް އޭނާ ރޯދައަށް ހުރުމުން ލިބެން ޖެހޭ ފުރިހަމަ ދަރުމަ އާއި ޘަވާބެއް ނުލިބޭނެއެވެ. ރޯދަވެރިޔާ ހަމައެކަނި ކެއުންބުއިން ދޫކޮށްލައިގެން ހުރުމަށް މާތް ﷲ އެދިވޮޑިއެއް ނުގަންނަވައެވެ.”

މިއަދުގެ ހުކުރު ޚުޠުބާގައި ބުނީ މާތް ﷲ އެދިވޮޑިގަންނަވާ މޭވާ އާ ހިސާބަށް ރޯދަވެރިޔާއަށް ދެވޭނީ ހިތް ނިޔަތް ޚާލިޞްކޮށް، ކަންދެއްކުމެއްނެތި، މާތް ﷲ ގެ ވަޖުހަފުޅު އަދައިގެން ރޯދަ ހިފުމުން ކަމަށެވެ. މާތް ﷲ އަށް އީމާންވެ އެކަލާނގެއަށް އިޚްލާޞްތެރިވެ މަޖުބޫރުކަމެއް ނުވަތަ ބުރަހެލި ކަމެއްނެތި ރޯދަ ހިފުމުން ކަމަށެވެ.

ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރުކަން ފާހަގަކޮށް ހުކުރު ޚުޠުބާގައި ބުނި ގޮތުގައި އެ މަހަކީ އަރަހުށި މާތް ﷲ އަށް ކުއްތަންވުމުގެ މައްސަރު ކަމުގައެވެ. މިހެންވެ ސަލަފުއްޞާލިޙުން މި މާތް މައްސަރުގެ ރޭތަކާއި ދުވަސްތައް، އަޅުކަން ކުރެއްވުމުގައި ގަދައަޅުއްވައި މަސައްކަތް ކުރެއްވި ކަމަށް ކަމަށެވެ. ރަމަޟާން މަހުގައި ކީރިތި ޤުރްއާން ކިޔެވުމަށް ސަމާލުކަން ދިނުމަށް އެދި ޚުޠުބާގައި ބުނެފައި ވަނީ ރޯދަ ހިފައި ކީރިތި ޤުރްއާން ކިޔަވާ މީހާއަށް ޤިޔާމަތް ދުވަހު ރޯދަ އާއި ކީރިތި ޤުރްއާން މާތް ﷲ ގެ ހަޟްރަތުގައި ޝަފާޢަތްތެރިވާނެ ކަމަށް ވާރިދުވެގެންވާ ކަމަށެވެ.

ބުއްދިވެރިއަކީ ޙަޔާތުގެ އެންމެހާ ކަންތައްތައް ތަރުތީބުކޮށް، އިސްކަން ދޭން ޖެހޭ ކަންތައްތަކަށް އިސްކަންދީ، ވާޖިބުތައް އަދާކުރުމަށް އަވަސްވެގަންނަ މީހާ ކަމަށާއި ރަމަޟާން މަހުގެ ފައިދާ ޙާޞިލު ކުރެވޭނީ އެ މަހަށް ރަނގަޅަށް ތައްޔާރުވެގެން ކަމަށް ވެސް މިއަދުގެ ހުކުރު ޚުޠުބާގައި ވަނީ ފާހަގަކޮށްފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *