މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ރެކޯރޑް އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި އެ ދުވަހު އެކަނިވެސް ރާއްޖެއަށް 11,136 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރީ މި މަހުގެ އަށްވަނަ ދުވަހުއެވެ. އެ ދުވަހު އެކަނިވެސް 10،462 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 349,990 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 325،277 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ހަތް އިންސައްތައިގެ ކުރިއެރުމެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ދުވާލެއްގެ މައްޗަށް 8,943 ފަތުރުވެރިން ރާއްޖެއަށް މިހާރު ޒިޔާރަތްކުރެއެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތަކަށް ބަލާއިރު، ލިސްޓުގެ އެންމެ ކުރީގައި އޮތީ ޗައިނާއެވެ. އެ ޤައުމުން މިހާތަނަށް 49,704 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މި ލިސްޓުގެ ދެވަނައިގައި 40,141 ފަތުރުވެރިންނާއެކު ރަޝިއާ އޮތްއިރު، ތިންވަނައިގައި އޮތީ 34,320 ފަތުރުވެރިންނާއެކު އިޓަލީވިލާތެވެ.
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން ރިސޯރޓްތަކުން 238,400 ފަތުރުވެރިންނަށް ޚިދުމަތްދީފައިވާއިރު، ހޮޓެލްތަކުން ޚިދުމަތް ދީފައިވަނީ، 9,783 ފަތުރުވެރިންނަށެވެ. ގެސްޓް ހައުސްތަކުން 94,234 ފަތުރުވެރިންނަށް އަދި ސަފާރީތަކުން 7,210 ފަތުރުވެރިންނަށް ޚިދުމަތް ދީފައިވެއެވެ.
ނިމިދިޔަ 2025 ވަނަ އަހަރު ރާއްޖެއަށް ޖުމްލަ 2.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ މި އަހަރު ނިމުމުގެ ކުރިން 2.5 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށެވެ.












