ކުޑަ ކުއްޖަކު ގްރޫމްކޮށް، އެކްސްޕްލޮއިޓްކޮށް އެ ކުއްޖާއަށް ޖިންސީގޯނާކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ފާޠިމަތު ރީމާ (35އ) ކަމަށެވެ.
ފުލުހުން ބުނީ ފާޠިމަތު ރީމާ ހައްޔަރުކޮށްފައިވަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި ކްރައިމް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 2025 ޑިސެމްބަރ 29 ވަނަ ދުވަހު ކަމަށެވެ. އަދި އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން މިހާރު ދީފައިވާ މުއްދަތު ހަމަވާނީ 2026 ފެބްރުއަރީ 28 ވަނަ ދުވަހަށް ކަމަށްވެސް ފުލުހުން ހާމަކުރިއެވެ.
މި މައްސަލާގައި، ގްރޫމްކޮށް އެކްސްޕްލޮއިޓްކޮށް، ޖިންސީގޯނާ ކޮށްފައިވަނީ 15 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކަށް ކަމަށާއި މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކުޑަކުދިން ”ގްރޫމް“ ކޮށްގެންނާއި، އެ ކުދިންގެ މަޖުބޫރުކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން، މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގެ އިތުރުން ޖިންސީ ގޯނާގެ އަމަލުތަކުގައި ކުޑަކުދިން ބައިވެރިކުރުވާ ފަރާތްތަކާމެދު ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ހާއްސަ އިސްކަމެއް ދީގެން ފިޔަވަޅުތަކެއް އަޅަމުންނެވެ. ފުލުހުން ބުނީ މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ، ގާނޫނީގޮތުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް، ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ކުރަމުން ކަމަށެވެ.














