ވަކި ބޭފުޅެއްގެ ކުއްޖަކަށްވުމުން އެ ކުއްޖާގެ ހައްޤަކަށް އަރައިގަތުމަކީ ސިޔާސީ މިނިވަންކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު ޢަލީ އާރިފް ވިދާޅުވެއްޖެއެވެ.
ޢަލީ އާރިފް މި މޭރުމުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދޮށީ ފިރިހެން ދަރިކަލުން އުމައިރު މުޙައްމަދު މުޢިއްޒު ކުޅިވަރު އެވޯރޑަށް ނޮމިނޭޓްވުމާއި ގުޅުވައިގެން އިދިކޮޅުގެ ފަރާތްތަކުން ދައްކަމުން އަންނަ ދޮގު ވާހަކަތަކަށް ރައްދުދެއްވަމުން އެކްސްގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ. މިކަމާ ގުޅިގެން އާރިފް ކުރެއްވި ޕޯސްޓުގައި ވަނީ ކުޅިވަރު އެވޯރޑަށް އުމައިރު ނޮމިނޭޓްވުމަކީ ކުށަކަށްވީ ވަކި ބޭފުޅެއްގެ ކުއްޖަކަށްވީމަތޯ ސުވާލު އުފައްދަވައިފައެވެ.
Sports Award ah Umyr nominate vumakee kushakah vee e’ee vaki beyfulheh ge kujjakah veema heyyeve? Aneh 4 kudhinge thereygai ves siyaasee beyfulhun ge kudhin ves ebathibbeve, e’ee Umyr fadha’in ekudhinves hunaruveri veema eve.
E’ kudhinge haqqu thakah araigathumakee minivan… pic.twitter.com/XBVH4PcGLi
— Ali Arif (@Ali__Arif) February 14, 2026
ކުޅިވަރު އެވޯރޑަށް ނޮމިނޭޓްވީ އަނެއް ހަތަރު ކުދިންގެ ތެރޭގައިވެސް ސިޔާސީ ބޭފުޅުންގެ ކުދިން ތިބިކަން ފާހަގަކުރައްވަމުން އާރިފް ވިދާޅުވީ، އުމައިރު ފަދައިން އެ ކުދިންވެސް ކުޅިވަރު އެވޯރޑަށް ނޮމިނޭޓްވީ އެ ކުދިން ހުނަރުވެރިވުމުގެ ސަބަބުން ކަމަށެވެ. އެހެން ކަމުން ފާޅުގައި އެ ކުދިންގެ ޙައްޤުތަކަށް އަރައިގަތުމަކީ މިނިވަން ނޫސްވެރިކަން އަދި ސިޔާސީ މިނިވަންކަމެއްވެސް ނޫން ކަމަށް އާރިފް އިތުރަށް ވިދާޅުވިއެވެ.
ޤައުމީ ކުޅިވަރު އެވޯރޑަށް އުމައިރު ނޮމިނޭޓްވުމާއި ގުޅިގެން އެމްޑީޕީއަށް ނިސްބަތްވާ ފަރާތްތަކުން އަދި ކާކުކަން ނޭނގޭ އެކައުންޓްތަކުން އަންނަނީ އުމައިރަށް ނިސްބަތްކޮށް އެތަކެއް ދޮގު ވާހަކަތަކެއް ފަތުރައި، ގަނާކޮށް ފުރައްސާރަކުރަމުންނެވެ. ފުރައްސާރަކުރާ މީހުން ބުނާގޮތުގައި އުމައިރު ކުޅިވަރު އެވޯރޑަށް ނޮމިނޭޓްވެފައިވަނީ އެއްވެސް ކުޅިވަރު މުބާރާތެއްގައި ބައިވެރިނުވެ އަދި އެއްވެސް މުބާރާތަކުން ފާހަގަކޮށްލެވޭ ކާމިޔާބީއަކާއި މެޑައްޔެއްވެސް ނުލިބި ހަމައެކަނި ރައީސްގެ ދަރިކަލުންނަށް ވީތީއެވެ. ނަމަވެސް މި ވާހަކަތަކަކީ ދޮގު ވާހަކަތަކެއްކަމަށް ހެކިދޭ އެތަކެއް ކަމެއް ފެންނަން އެބަހުއްޓެވެ.
އުމައިރަށް ކުރަމުންދާ ފުރައްސާރައިގެ ދިފާޢުގައިވެސް އެތައް ބަޔަކު ނުކުމެ ދަނީ ޙަޤީޤަތް ހާމަކުރަމުންނެވެ. އެގޮތުން ކުޅިވަރުގެ ދާއިރާއިން ފާހަގަކޮށްލެވޭ އެތައް ބަޔަކު މިކަން ކުށްވެރިކޮށް އަންނަނީ ވާހަކަދައްކަމުންނެވެ.
ކުޅިވަރު އެވޯރޑްގެ ކެޓަގަރީތަކަށް ނޮމިނޭޓްވެފައިވާ ފަރާތްތައް ސްޕޯޓްސް މިނިސްޓްރީން މިހާރު އިޢުލާންކޮށްފައިވާއިރު ރައީސްގެ ދަރިކަލުން ނޮމިނޭޓްވެފައިވަނީ، 2024 ވަނަ އަހަރުގެ ޒުވާން ކުޅުންތެރިންގެ ފިރިހެން ކެޓަގަރީއަށެވެ. އުމައިރު ނޮމިނޭޓް ކޮށްފައިވަނީ ޓޭބަލް ޓެނިސް އެސޯސިއޭޝަނުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ސްޕޯޓްސް އެވޯރޑް 2025 މިދިޔަ އަހަރު ލަސްވެ، އެ ޙަފްލާ ބާއްވާފައި ނުވެއެވެ. އެހެންކަމުން ސްޕޯޓްސް އެރވޯޑް 2025 އަށް ނޮމިނޭޓްވެފައިވާ ހުރިހާ ކުދިންނަކީވެސް 2024 ވަނަ އަހަރު އެކި ކުޅިވަރު ތަކުން ރަންވަނަތަކާއި، ކާމިޔާބީތައް ހޯދައިގެން ނޮމިނޭޓްވީ ކުދިންނެވެ. އެހެންކަމުން މި އަހަރު ބާއްވާ އެވޯރޑަކީ 2025 ވަނަ އަހަރުގެ އެވޯރޑުކަން ސާފުކޮށް ފެންނަން އެބައޮތެވެ.









