Ads by
ޚަބަރު
މަޑުއްވަރި ކައުންސިލުން އެދުނީ ބިން އިތުރުކޮށްދިނުމަށާއި ގޮދޮރުވެރިކަމުގެ ފުރުޞަތު ފަހިކޮށްދޭން
ރައީސް މުޢިއްޒު ރ. މަޑުއްވަރި ކައުންސިލާއި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުން - ފޮޓޯ:ރައީސް އޮފީސް

ރަށުގެ ބިން އިތުރުކޮށްދިނުމަށާއި ގެދޮރުވެރިކަމުގެ ފުރުޞަތު ފަހިކޮށްދިނުމަށް މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލުގެ މެންބަރުން އެދިވަޑައިގަންނަވައިފިއެވެ.

Ads by Eki Online

މަޑުއްވަރީ ކައުންސިލުން މިކަން ފާހަގަކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހޮނިހިރު ދުވަހުގެ ރޭ އެ ކައުންސިލާ އަދި ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އާއެކު ރ. މީދޫ ކައުންސިލް އިދާރާގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި މަޑުއްވަރީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބިން އިތުރުކުރެވެން އޮތް މިންވަރަކަށް ބިން އިތުރު ކުރުމަށް އެދުމާއި ގޮދޮރުވެރިކަމުގެ ފުރުޞަތު އިތުރު ކުރުމާއި ޒުވާނުންގެ މަރުކަޒެއް ހެދުމާއި ސްކޫލުގެ ތަރައްޤީއަށް ކުރަންހުރި ކަންކަމާއި ރަށް ގިރުމުގެ މައްސަލަ އާއި ކުޅިވަރުގެ ވަޞީލަތްތައް ތަރައްޤީކުރުން އަދި މިހާރު ކުރިއަށްދާ ބިނާރުގެ ބައެއް މަޝްރޫޢުތަކާ ގުޅޭގޮތުން ކައުންސިލުން ބޭނުންވާ ކަންކަން ހިމެނެއެވެ.

މީގެ އިތުރުން އަތޮޅުގެ ދެކުނު ބިތުގައި އެއަރޕޯޓެއް ތަރައްޤީ ކުރުމުގެ މުހިންމުކަމާއި އަތޮޅަށް އާރުޓީއެލް ފެރީ ނިޒާމު ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި މަޑުއްވަރީ އ.ތ.މ ކޮމިޓީން ވަނީ ޖުމްލަގޮތެއްގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކުރިމަތިވާ ބައެއް ދަތި މައްސަލަތައް ފާހަގަކުރައްވާފައެވެ.

ރައީސް ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވާ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ފަހުގެ މަޢުލޫމާތުތައް ހިއްސާކުރައްވާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *