ސަރުކާރާއި އިދިކޮޅު އެންމެބޮޑު ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކުރިއަށްއޮތް ލޯކަލްކައުންސިލްތަކުގެ އިންތިޚާބަށް އެކުލަވާލި މެނިފެސްޓޯ އަކީ 3 ތަނބުގެ މައްޗަށް ބިނާކޮށް އެކުލަވާލި މެނިފެސްޓޯއެއް ކަމަށް އެޕާޓީގެ ރައީސް އަބްްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ކައުންސިލް އިނތިޚާބުގެ އެމްޑީޕީގެ ކެމްޕޭން ލޯންޗް ކުރުމަށް ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ޝާހިދު ވަނީ ސަރުކާރަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދީފިނަމަ ކައުންސިލްތަކުގެ ބާރު ކަނޑުވާލާނެކަމަށް ޝަހިދު ވިދާޅުވިއެވެ.
”3 ތަނބުގެ މައްޗަށް ބިނާކޮށް އަޅުގަނޑުމެންގެ މެނިފެސްޓޯގައި މިވަނީ ބާރުތައް ރައްޔިތުންނާއި ހަމަޔަށް ގެނެސްދިނުން. މިނިވަންވިޔަފާރީގެ މާހައުލަށް ފަހިކޮށްދިނުން.. އަދި އެއާއިއެކު، ފަހިދިރިއުޅުމެއް ސާބިތުކޮށްދިނުން“ ޝާހިދު ވިދާޅުވިއެވެ.
މިކަންކަމަކީ ސަރުކާރުން ފުރުސަތުދެއްވާ ކަންކަމެއް ނޫންކަމަށާއި، ރާއްޖޭގެ ކައުންސިލްތައް އޮތީ މިވަގުތު ހަތަރެސްފައި ބަނދެފައި ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ރައްޔިތުން ކުރަމުންއައި މަސައްކަތްތައް ހުއްޓުވާލާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް ހުއްޓުވާފައިވާ އެއްވެސް ކަމެއްގެ ތަފްސީލެއް އޭނާ ނުދެއްވައެވެ.
ޝާހިދު މިފަދައިން ވިދާޅުވީނަމަވެސް މިސަރުކާރުގެ މިވީ ކުރު މުއްދަތުގައި ލާމަރުކަޒީ ނިޒާމު ވަރުގަދަކޮށް އޭގެ ފުރިހަމަ ބާރުތައް ރާއްޖޭގެ ކައުންސިލްތަކަށް ރައީސް މުޢިއްޒު ދަނީ ފޯރުކޮށްދެއްވަމުންނެވެ. އެގޮތުން މީގެ ކުރިން ކައުންސިލްތަކުގެ އިހްތިސާސްގައި ހިމެނޭ އެތައް ފަޅުރަށާއި، ބިންތައް ކައުންސިލްތަކަށް ދޫކޮށްފައިނެތް ނަމަވެސް މި ސަރުކާރުންވަނީ ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވުމަށް މިފަދަ އެތައް ބިމާއި، ފަޅުރައްތައް ކައުންސިލްގެ ދަށަށް ގެނެސްދީ އާމްދަނީ ހޯދައިގެން ރަށުގެ ތަރައްޤީއަށް މަސައްކަތްކުރެވޭނެ ގޮތް ހޯދައިދެއްވާފައެވެ. އަދި ފާއިތުވި 5 އަހަރު އެކި ރަށްރަށުގައި ފަށާ، ހުއްޓިފައިހުރި މަސައްކަތްތައް މިސަރުކާރުން ދަނީ ކުރަމުންނެވެ. އެ ކަންކަމުގެ އަދާހަމަ ސަރުކާރުން ދަނީ ތަފްސީލާއިއެކު ހާމަކުރައްވަމުންނެވެ.
ޝާހިދު އިތުރަށް ވިދާޅުވީ މި އިންތިޚާބަށް އެމްޑީޕީން ކުރިމަތިލާއިރު، ނުރައްކާތެރި ސުވާލެއް ކުރިމަތީގައި އެބައޮތްކަމަށެވެ. ޝާހިދު ޢިޝާރާތް ކުރެއްވީ 2 އިންތިޚާބު އެއްކޮށްލުމަށް ނަގަން ނިންމާފައިވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށެވެ. ޝާހިދު ވިދާޅުވީ ކޮންމެ ނަމެއްގައި މި ކަން ހުށަހެޅިޔަސް އޭގެ އަޑީގައި ވަނީ މަކަރާއި ހީލަތާއި، އޮޅުވާލުމާއި، ދޮގު ކަމަށެވެ.
އެހެންނަމަވެސް މިއީ ރައްޔިތުންގެ ޚިޔާލު ހޯދައިގެން ދަޢުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން ކުރަން ނިންމިކަމެއް ކަމުގައި ސަރުކާރުން ބުނެއެވެ.
ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙު ހުށަހެޅުއްވި މިބިލުގެ ބަހުސް މަރުހަލާގައި ގިނަ މެމްބަރުންވަނީ މިބިލަށް ތާޢީދުކޮށް ވާހަކަދައްކާފައެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންވަނީ މިބިލާ ދެކޮޅަށް ތަޅުމުގައި އަޑުއުފުލާފައެވެ. އަދި މަޖިލިސް ތަޅުމުގައި އަޑުގަދަކުރަން ފެށުމުން ރިޔާސަތުންވަނީ ބައެއް މެމްބަރުންގެ ނަން އިއްވާ ތަޅުމުން ބޭރުކޮށްފައެވެ.
މި ބިލު މަޖިލީހުން ފާސްކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގު ކުރައްވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށްފަހުއެވެ. މި ވޯޓު ވަކިން ނަގާނަމަ ބޮޑު ޚަރަދެެއް ކުރަންޖެހޭތީ އަންނަ އޭޕްރިލް މަހުގެ 4ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބާއެކު ފެންނަ ނުފެންނަ ވޯޓު ނެގުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ލަފާ ދީފައެވެ. މި ވޯޓު ނެގޭނީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އެ ކޮމިޝަނަށް ވޯޓު ނެގުމަށް އެންގުމުންނެވެ.














