Ads by
ޚަބަރު
ފުނަދޫ ކައުންސިލުން އެދުނީ އިސްލާމީ މަރުކަޒެއް ގާއިމުކޮށްދީ އެއަރޕޯޓު ރަންވޭ ބޮޑުކޮށްދިނުމަށް
ރައީސް މުޢިއްޒު ފުނަދޫ ކައުންސިލާއި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުން - ފޮޓޯ:ރައީސް އޮފީސް

މިލަދުންމަޑުލު އުތުރުބުރީ ފުނަދޫގައި އިސްލާމީ މަރުކަޒެއް ގާއިމުކޮށްދީ، އެއަރޕޯޓުގެ ރަންވޭ ބޮޑުކޮށްދެއްވުމަށް ރަށު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުން އެދިވަޑައިގެންފިއެވެ.

Ads by Eki Online

ފުނަދޫ ކައުންސިލުން މިގޮތަށް އެދިވަޑައިގެންފައި ވަނީ ރައީސް އެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ އެކު އަންގާރަ ދުވަހުގެ ރޭ ށ. އަތޮޅު ކައުންސިލް އިދާރާގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް ޓަކައި ކުރުމަށް ބޭނުންވާ ކަންކަން ރައީސް އާ ހިއްސާކުރައްވާފައެވެ. އެގޮތުން ޔޫތު ސެންޓަރެއް ގާއިމުކުރުމަށާއި އެއަރޕޯޓް ރަންވޭ ބޮޑު ކުރުމަށާއި އިސްލާމީ މަރުކަޒެއް ރަށުގައި ގާއިމުކޮށްދެއްވުމަށް ކައުންސިލުގެ ފަރާތުން އެދިވަޑައިގެންނެވިއެވެ. އަދި ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް އެ އަތޮޅު ފަރުކޮޅުގައި އިކޯ ޓޫރިޒަމް ގާއިމުކޮށްދެއްވުމަށްވެސް ކައުންސިލުގެ ފަރާތުން އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ ކުޅިވަރުގެ ދާއިރާ ތަރައްޤީ ކުރުމަށް ބޭނުންވާ ކަމަށާއި ‘ވިމެންސް ސެންޓަރ’ އެއް ގާއިމުކުރުމުގައި ސަރުކާރުން އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި އެ ކަންކަން ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *