Ads by
ޚަބަރު
ފޯކައިދޫ ކައުންސިލުން އެދުނީ އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދޭ މިންވަރު އިތުރުކުރަން އެހީއަށް
ރައީސް މުޢިއްޒު ފޯކައިދޫ ކައުންސިލާއި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުން - ފޮޓޯ:ރައީސް އޮފީސް

މިލަދުންމަޑުލު އުތުރުބުރީ ފޯކައިދޫ ކައުންސިލުން އިސްނަގައިގެން އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދޭނެ މިންވަރު އިތުރު ކުރުމުގައި ސަރުކާރުގެ އެއްބާރުލުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުން އެދިވަޑައިގެންފިއެވެ.

Ads by Eki Online

ފޯކައިދޫ ކައުންސިލުން މިގޮތަށް އެދިވަޑައިގެންފައި ވަނީ ރައީސް އެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ އެކު އަންގާރަ ދުވަހުގެ ހަވީރު ށ. މިލަންދޫ ކައުންސިލް އިދާރާގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް ޓަކައި ކުރުމަށް ބޭނުންވާ ކަންކަން ރައީސް އާ ހިއްސާކުރައްވާފައެވެ. އެގޮތުން ކައުންސިލުން އެންމެ ބޭނުންވާ ކަމެއްގެ ގޮތުގައި ރަށުގައި މޫދަށް އެރެވޭނެ ސަރަހައްދެއް ގާއިމުކުރުން ފާހަގަކުރެއްވިއެވެ. އަދި އާ ކައުންސިލް އިދާރާއެއް ގާއިމުކޮށްދެއްވުމަށާއި ކައުންސިލުން އިސްނަގައިގެން އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދޭނެ މިންވަރު އިތުރު ކުރުމުގައި ސަރުކާރުގެ އެއްބާރުލުން ދެއްވުމަށް ރައީސްގެ އަރިހުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށްޓަކައި ހަރުދަނާ ނިޒާމެއް ގާއިމުކޮށްދެއްވުމަށްވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ފޯކައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ އިނާޔަތެއްގެ ބަދަލުގައި މުސާރަ ދެއްވާ ގޮތަށް ބަދަލުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި އެ ކަންކަން ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *