Ads by
ޚަބަރު
ރައްޔިތުންނާ ބަހައްޓާ ގާތްކަން ފާހަގަކޮށް، ފީވަކު ކައުންސިލުގެ ޝުކުރު ރައީސަށް
ރައީސް މުޢިއްޒު ފީވަކު ކައުންސިލާއި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުން - ފޮޓޯ:ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުންނާ ބަހައްޓަވާ ގާތްކަން ފާހަގަކުރައްވާ އެކަމަށް މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލުން ޝުކުރު އަދާކުރައްވައިފިއެވެ.

Ads by Eki Online

ފީވަކު ކައުންސިލުން މިގޮތަށް ފާހަގަކުރައްވާފައި ވަނީ ރައީސް، އެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ އެކު އަންގާރަ ދުވަހުގެ ހަވީރު އެ އަތޮޅު މިލަންދޫ ކައުންސިލް އިދާރާގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް ޓަކައި ކުރުމަށް ބޭނުންވާ ކަންކަން ރައީސް އާ ހިއްސާކުރައްވާފައެވެ. އެގޮތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި މިހާރު ފަށާފައި ހުރި މަޝްރޫޢުތައް ނިންމުމަށް ބޭނުންވާ ކަމަށާއި ސްކޫލު އިމާރާތެއް ބިނާކޮށްދެއްވަން ފެށުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ޒުވާނުންނަށް ޓަކައި ކުޅިވަރުގެ ދާއިރާ ރަށުގައި ތަރައްޤީ ކުރުމަށް ބޭނުންވާ ކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ފީވަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވެސް ރަށުގައި ކުޅިވަރުގެ ދާއިރާ ތަރައްޤީ ކޮށްދެއްވުމަށް ރައީސްގެ އަރިހުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން އ.ތ.މ ކޮމިޓީން ވަނީ އެކަނބަލުންނަށް ކުރިމަތިވާ ބަޖެޓުގެ ދަތިކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ވަރަށް ރަނގަޅަށް ބައްލަވައި އެ ކަންކަން ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *