Ads by
ޚަބަރު
ރައްޔިތުން ބޭނުންވާ ކަންކަން އިސްނަގައިގެން ބަލަމުން ގެންދާތީ މިލަންދޫ ކައުންސިލުގެ ޝުކުރު ސަރުކާރަށް
ރައީސް މުޢިއްޒު މިލަންދޫ ކައުންސިލާއި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުން - ފޮޓޯ:ރައީސް އޮފީސް

މި ސަރުކާރުން އިސްނަންގަވައިގެން ކައުންސިލުތަކާ ބައްދަލުކޮށް، ރައްޔިތުން ބޭނުންވާ ކަންކަން ބައްލަވަމުން ގެންދަވާތީ އެކަމަށް މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލުން ޝުކުރު އަދާކުރައްވައިފިއެވެ.

Ads by Eki Online

މިލަންދޫ ކައުންސިލުން މިގޮތަށް ފާހަގަކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ އެކު އަންގާރަ ދުވަހުގެ ހަވީރު އެ ރަށު ކައުންސިލް އިދާރާގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް ޓަކައި ކުރުމަށް ބޭނުންވާ މައިގަނޑު ކަންކަން ރައީސް އާ ހިއްސާކުރައްވާފައެވެ. އެގޮތުން ހައުސިންގ ޔުނިޓުތައް ގާއިމުކުރުމަށާއި ކައުންސިލް އިދާރާ މަރާމާތު ކުރުމަށާއި ކުޑަކުދިންގެ ޕާކެއް ވީ އެންމެ އަވަހަކަށް ނިންމަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. އަދި ރަށުގެ ގިރާ ސަރަޙައްދު ހިމާޔަތް ކުރުމާ އެކު، ފަށާފައި ހުރި މަޝްރޫޢުތައް ނިންމުމަށް ބޭނުންވާ ކަމުގައި ވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި މިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ އެކަނބަލުންނަށް މަސައްކަތް ކުރެވޭނެ ފަހި މާހައުލެއްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި އ.ތ.މ ކޮމިޓީގެ ބަޖެޓުގެ ދަތިކަން ފާހަގަކުރައްވައި، މެންބަރުންނަށް ރަނގަޅު އުޖޫރައެއް ހަމަޖައްސަވައިދެއްވުމަށް ވެސް އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި، އެ ކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *