Ads by
ޚަބަރު
ރަށަށް ބޭނުންވާ ކަންކަން ސަރުކާރުން ކޮށްދޭނެކަމުގެ ޔަގީންކަން އެބައޮތް: ބިލެތްފަހި ކައުންސިލް
ރައީސް މުޢިއްޒު ބިލެތްފަހި ކައުންސިލާއި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުން - ފޮޓޯ:ރައީސް އޮފީސް

ރަށަށް ބޭނުންވާ ކަންކަން މި ސަރުކާރުން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހި ކައުންސިލުން ފާހަގަކުރައްވައިފިއެވެ.

Ads by Eki Online

ބިލެތްފަހި ކައުންސިލުން މިގޮތަށް ފާހަގަކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ އެކު އަންގާރަ ދުވަހުގެ މެންދުރު އެ އަތޮޅު ކަނޑިތީމު ކައުންސިލް އިދާރާގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ މައިގަނޑު ކަންކަން ރައީސް އާ ހިއްސާކުރައްވާފައެވެ. އެގޮތުން ފެނާ ނަރުދަމާގެ މަޝްރޫޢު އަދި ބަނދަރު އަޕްގްރޭޑުގެ މަޝްރޫޢު ވީ އެންމެ އަވަހަކަށް ނިންމަވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ޒަމާނީ ކުނިކޮށްޓެއް ގާއިމުކޮށްދެއްވުމަށާއި ކައުންސިލް އިދާރާގައި ހުރި ޖާގައިގެ ދަތިކަމާއި ސްޕޯޓްސް ފިޝިންގއަށް ބޮޔެއް އަޅައިދެއްވުމަށާއި ކުޅިވަރުގެ ދާއިރާ އިތުރަށް ތަރައްޤީ ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ބިލެތްފަހީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ އެ ކޮމިޓީ މަސައްކަތްކުރާނެ ވަކި އޮފީހެއް ނުލިބޭކަން ފާހަގަކުރައްވާފައެވެ. އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނަށް ރަނގަޅު އުޖޫރައެއް ހަމަޖައްސަވައިދެއްވުމަށާއި، ކަނބަލުންނަށް ޚާއްޞަކޮށް އިންޑޯ ޖިމެއް ތަރައްޤީ ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި އެ ކަންކަން ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *