Ads by
ޚަބަރު
އިންތިހާބު ފަސް ކުރާ ބިލް އޮތް ގޮތަށް އަނެއްކާވެސް މަޖިލީހުން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދައިގެ ފަހުން ބާއްވަންޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ބިލު އަނބުރާ އެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުވާލެއްވުމުން، އިތުރު ބަދަލެއް ނުގެނެސް އެ ބިލު މަޖިލީހުން އަނެއްކާވެސް ފާސްކޮށްފިއެވެ.

Ads by Eki Online

މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ހުރަސް އެޅިދާނެ ކަމަށް ބުނެ އެ ބިލު އަނބުރާ މަޖިލީހަށް ފޮނުވާލީ މިދިޔަ އާދީއްތަ ދުވަހެވެ.

އިތުރު ބަދަލެއް ނުގެނެސް އެ ބިލް ދެވަނަ ފަހަރަށް ފާސްކުރީ މަޖިލިސް ޖަލްސާގައި ތިއްބެވި 62 މެންބަރުންގެ ތެރެއިން 47 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް 14 މެންބަރުން ވޯޓު ދެއްވިއެވެ.

ރޯދައިގެ ފަހުން އިންތިހާބު ބާއްވާ ގޮތަށް މަޖިލީހުން ފާސްކުރި އިންތިހާބުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައީސް ތަސްދީގު ނުކުރައްވައި އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާލެއްވީ މިމަހުގެ 26 ވަނަ ދުވަހުއެވެ.

އަލުން ވިސްނާވަޑައިގަތުމަށް އެދި ރައީސް އަނބުރާ އެ ބިލް މަޖިލީހަށް ފޮނުއްވިކަން ހާމަކުރަމުން ރައީސް އޮފީހުން ބުނީ އެ ބިލް ތަސްދީގުނުކުރައްވައި އަނބުރާ ފޮނުވާލީ ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ ހ. ގެ ދަށުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން ކަމަށެވެ.

ކުރިޔަށް އޮތް މަޖިލިސް އިންތިހާބު މާޗް 17 ގައި ބޭއްވުމަށް ކަނޑައަޅާފައިވީ ނަމަވެސް މަޖިލީހުން ފާސްކޮށްފައިވާ އިސްލާހުގައި އޮތީ އެއްވެސް އިންތިހާބެއް ރޯދަ މަހުގެ ދުވަހެއްގައި ނުބޭއްވޭނެ ކަމަށެވެ. އަދި އެއްވެސް އިންތިހާބެއް ރޯދަ މަހުގެ ދުވަހަކާ ދިމާވާ ނަމަ އެ އިންތިހާބެއް ބާއްވަން ޖެހޭނީ ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން ކަމަށް ވެސް އިސްލާހުގައި ބުނެފައިވެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *