މާލެ – ހުޅުމާލެ ގުޅޭ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ، އިއްޔެ ރޭ 12:45 އެހައިކަންހާއިރު މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ހައިވޭގެ ކާރު ލޭނުގައި މަޑުކޮށްގެން އޮތް ކާރެއްގައި ފަހަތުން ދުއްވާފައި އައި އެހެން ކާރެއް ކޮންޓްރޯލުން ނެއްޓި، ސައިކަލު ލޭނަށް އަރައި، އެ ވަގުތު ދަތުރުކުރަމުން ދިޔަ އިތުރު ހަތަރު ސައިކަލެއްގައި ޖެހި އެކްސިޑެންޓުވެފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ދިވެހި ހަތަރު ފިރިހެނުންނަށް ކަން ފާހަގަކުރަމުން ފުލުހުން ބުނީ، އެ މީހުންގެ ތެރެއިން ދެ މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. މީގެ އިތުރުން އަނެއް ދެ މީހުންގެ ޙާލު ވެސް ރަނގަޅުވަމުން އަންނަ ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި ހިމެނޭ އުޅަނދުތަކަށް އެކިވަރުގެ ގެއްލުންވަނީ ލިބިފަ އެވެ.
ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.













