Ads by
ޚަބަރު
ރައީސް އަނބުރާ މަޖިލީހަށް ފޮނުވި އިންތިޚާބާ ބެހޭ ބިލު މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފި
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް މަޖިލީހުގެ ތަޅުމުގައި: އިންތިޚާބާ ބެހޭ ބިލުގެ މައްސަލަ މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައި - ފޮޓޯ:މަޖިލިސް

މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ހުރަސް އެޅިދާނެ ފަދަ އިޖްރާއާތުތައް ކަނޑައަޅާފައިވާ ކަމަށް ބުނެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުވާލެއްވި އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނަށް ފަސްވަނަ އިޞްލާޙު ގެނައުމުގެ ބިލުގެ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައި ހިމަނައިފިއެވެ.

Ads by Eki Online

މިއަދު މެންދުރުފަހު 1:00 ގައި އޮންނަ މަޖިލިސް ޖަލްސާގައި މި ބިލުގެ މައްސަލަ ހިމަނާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ތެރޭގައެވެ.

ރޯދަ މަހުގެ ތެރެއަށް އިންތިޚާބެއް ބާއްވަން ޖެހޭ ގޮތަށް ދިމާވާ ހާލަތްތަކުގައި އިންތިޚާބު ބާއްވާނީ ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ މި މަހުގެ 11 ވަނަ ދުވަހު އޮތް މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފަސްވަނަ ޖަލްސާގައެވެ. އެ ބިލު ތަޞްދީޤު ކުރުމަށް މަޖިލީހުން ރައީސް އޮފީހަށް ފޮނުވީ ފެބްރުއަރީ 12 ވަނަ ދުވަހުއެވެ.

ޤާނޫނުއަސާސީގައި ބުނާ ގޮތުން މަޖިލީހުން ބިލު ފާސް ކުރާތާ ހަތް ދުވަހުގެ ތެރޭގައި އެ ބިލެއް ތަޞްދީޤު ކުރުމަށް ރައީސަށް ފޮނުވަން ޖެހެއެވެ. އެ ބިލު ރައީސަށް ލިބޭތާ 15 ދުވަހުގެ ތެރޭގައި ތަޞްދީޤު ކުރަން ޖެހެއެވެ. އެ މުއްދަތު މިދިޔަ ހޯމަ ދުވަހަށް ހަމަވާން އޮތް އިރު، ބިލު ތަސްދީޤު ނުކުރައްވާ މަޖިލީހަށް އަނބުރާ ފޮނުވާލާފައެވެ.

ރައީސް ބިލު އަނބުރާ ފޮނުވާލުމުން އެއްވެސް ބަދަލެއް ނުގެނެސް އަލުން ފާސްކުރުމުގެ ފުރުސަތު ވެސް މަޖިލީހަށް ލިބެއެވެ. އެގޮތަށް ދެވަނަ ފަހަރަށް މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ބިލު ފާސްކޮށްފި ނަމަ ރައީސަށް އެ ބިލު ތަޞްދީޤު ކުރައްވަން ޖެހިވަޑައިގަންނަވައެވެ.

މި އަހަރުގެ މަޖިލިސް އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ މަހުގެ 17 ވަނަ ދުވަހުއެވެ. އެއީ ރޯދަ މަހުގެ ހަތް ވަނަ ދުވަހެވެ. އެހެންނަމަވެސް އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނަށް ގެނައި އިޞްލާޙު ތަޞްދީޤުކުރި ނަމަ މަޖިލިސް އިންތިޚާބު ބާއްވަން ޖެހޭނީ އެޕްރީލް މަހުގެ 20 ވަނަ ދުވަހަށް ފަހުގެ ތާރީޚެއްގައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *