އެމްޑީޕީގެ އެންމެ ނުރައްކާތެރި ކަމަކީ އިސްލާމްދީނާއި ބީރަށްޓެހި ސިޔާސަތުތަކެއް ގެންގުޅުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާޙު ވިދާޅުވެއްޖެއެވެ.
މެންބަރު ފަލާޙު މި މޭރުމުން ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން އައްޑޫ ސިޓީ ކައުންސިލަށް ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން އިފުތިތާހުކުރުމަށް އެ ސިޓީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ފަލާޙު ވިދާޅުވީ، މި މަހުގެ ފަސްވަނަ ދުވަހު ރައްޔިތުންގެ މަޖިލިސް ހުޅުވި ދުވަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި ދީނީ ސިޔާސަތުތަކުގެ ވާހަކަ ފެއްޓެވި ހިސާބުން، އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންތަކެއް ކަށިގަނޑު ފުމެންފެށި ކަމަށެވެ.
”އަޅުގަނޑުމެންގެ ތެރޭގައި ތިބި ޢިއްޒަތްތެރި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފެނިވަޑައިގަންނަވާނެ ފުރުތަމަ ވެސް އެމްޑީޕީގެ މަޖިލިސް ޗެމްބަރ ތެރޭގައި އައި އޯޑަރަކީ، އެ ދީނީ ސިޔާސަތުތަކުގެ ވާހަކަ އަޅުގަނޑުމެންގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ފެއްޓެވި ހިސާބުން ކަށިގަނޑު ފުމުން ބާރުކުރާށޭ. އެ ވިދާޅުވާ އެއްޗެއް ސާފުވިޔަ ނުދެއްޗޭ. އަޅުގަނޑު އިނީ ހަމަ އަޖައިބުވެފަ.“ — މެންބަރު ފަލާޙު ވިދާޅުވިއެވެ.
ފަލާޙު ވިދާޅުވީ، ދީނީ ވާހަކަތަކަށް ނިމުމެއް އައިތާ 15 ވަރަކަށް މިނެޓުގެ ތެރޭގައި އެ މެންބަރުން އެކަން ހުއްޓާލި ކަމަށާއި މިކަމުން ވެސް ދައްކައިދެނީ އެމްޑީޕީއަކީ އިސްލާމްދީނާއި ވަރަށް ބީރަށްޓެހި ސިޔާސަތެއް ގެންގުޅޭ ބައެއް ކަމަށެވެ.
އެމްޑީޕީގެ ދޯހަޅި ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ފަލާޙު ވިދާޅުވީ، ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ދިވެހިރާއްޖޭގެ އެއްވެސް ރަށެއްގައި ޢުމްރާނީ ތަރައްޤީގެ އެއްވެސް މަޝްރޫއެއް ފެށިފައި ނުވާ ކަމަށާއި، 2023 ވަނަ އަހަރު ރިޔާސީ އިންތިޚާބާ ދިމާކޮށް ޖެހި ކަޑަ ފިޔަވައި އެއްވެސް ކަމެއް ފެންނަން ނެތް ކަމަށެވެ.
ނަމަވެސް ރައްޔިތުންނަށް މި ކަންކަން އޮޅުވައެއް ނުލެވޭނެ ކަމަށާއި، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ރައީސް ޑރ. މުޢިއްޒަށް ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމު ޙަވާލުކުރެއްވުމުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 75 މެންބަރުންގެ ބޮޑު މެޖޯރިޓީއެއް ޕީއެންސީއަށް ރައްޔިތުން ދެއްވީ އެ ސަބަބަށްޓަކައި ކަމަށް ފަލާޙު ވިދާޅުވިއެވެ.












