Ads by
ޚަބަރު
ކައުންސިލްތަކާ ބައްދަލުކޮށް ރައްޔިތުން އެދޭގޮތަށް ކަންކަން ބައްޓަން ކުރަން ކުރާ މަސައްކަތް ގޮއިދޫ ކައުންސިލުން ބަލައިގެންފި
ރައީސް މުޢިއްޒު ގޮއިދޫ ކައުންސިލާއި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުން - ފޮޓޯ:ރައީސް އޮފީސް

ދައުރުގެ ކުރީކޮޅު ކައުންސިލްތަކާ ބައްދަލުކުރައްވައި ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ބައްޓަން ކުރަން ކުރައްވާ މަސައްކަތް މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލުން ބަލައިގަންނަކަން ހާމަކުރައްވައިފިއެވެ.

Ads by Eki Online

ގޮއިދޫ ކައުންސިލުން ދެކޭ ގޮތް ހާމަކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ އެކު އަންގާރަ ދުވަހުގެ ހެނދުނު އެ އަތޮޅު ކަނޑިތީމު ކައުންސިލް އިދާރާގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް ޓަކައި ކުރުމަށް ބޭނުންވާ މައިގަނޑު ކަންކަން ރައީސް އާ ހިއްސާކުރައްވާފައެވެ. އެގޮތުން ފެނާ ނަރުދަމާގެ ޚިދުމަތް އަވަހަށް ނިންމަވާ ދެއްވުމަށާއި މިސްކިތެއް ގާއިމުކޮށްދެއްވުމަށާއި ޞިއްޙީ މަރުކަޒުގެ ހާލަތު ރަނގަޅު ކުރުމަށް ބޭނުންވާ ކަމަށާއި މި އަހަރު ބަޖެޓުގައި ހުރި މަޝްރޫޢުތައް ފައްޓަވައި އަވަހަށް ކުރިއަށް ގެންގޮސްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. ޚާއްޞަކޮށް ރައީސް ވަޢުދުވެވަޑައިގެންފައިވާ ގޮތަށް ރަށުގެ މަގުތައް ހަދައިދިނުމަށް އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން، ކުނި މެނޭޖްކުރާނެ ނިޒާމެއް ގާއިމުކޮށްދެއްވުމަށާއި ޒުވާނުންނަށް ޚާއްޞަކޮށް ކުޅިވަރުގެ ދާއިރާ ކުރިއަރުވައި ދެއްވުމަށް އެދިވަޑައިގެންނެވިއެވެ. ހަމަ އެއާއެކު ގޮއިދޫގެ ދަނޑުވެރިކަމާއި ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތް ކުރިއަށް ގެންދަން މަގުފަހިކޮށްދެއްވުން ވެސް ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމުގެ ތެރޭގައި ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ގޮއިދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ ބަޖެޓުގެ ދަތިކަން ފާހަގަކުރައްވައި، އެކަމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ރައީސް އާ ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި އެ ކަންކަން ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *