ކައުންސިލްތަކުގެ ޙަޤީޤީ ޒިންމާއަކީ ސަރުކާރާ ގުޅިގެން ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ގާތުން ދިނުމަށް މަސައްކަތް ކުރުން ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓަރ އަދި ޕީއެންސީ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގައި ބޭއްވި ޕީއެންސީ ކެމްޕެއިން އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ހަޔާތާއި ޑިމޮކްރަސީގެ އަމަލީ ތަޖުރިބާއަށް ބަލާއިރު، ސަރުކާރާ ބީރައްޓެހި ނުވަތަ ސަރުކާރުގެ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަން ބޭނުންނުވާ ބަޔަކު ކައުންސިލްތަކުގައި ތިބެއްޖެނަމަ، އޭގެ ނޭދެވޭ އަސަރު ރައްޔިތުންނަށް ކުރާނެ ކަމަށެވެ.
”ކައުންސިލްތަކުގައި ސަރުކާރާއި ގުޅިގެން މަސައްކަތް ކުރެވޭނެ ބަޔަކު ތިބުމަކީ ރަށްރަށަށް ގެންނަންޖެހޭ ތަރައްގީ އާއި ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ތަންފީޒު ކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމެއް. އެ ނޫން ބަޔަކު ހޮވައިފި ކަމަށް ވާނަމަ، ތަރައްގީގެ މަޝްރޫއުތަކަށް މަޑުޖެހުން އަންނާނެކަން ވޭތުވެދިޔަ 15 ވަރަކަށް އަހަރުގެ ތެރޭގައި އަޅުގަނޑުމެން ތަޖުރިބާކޮށްފައިވާ ހަގީގަތެއް،“ މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، ރައީސް މުޢިއްޒު ރައްޔިތުންނަށް ދެއްވުމަށް ކަނޑައަޅުއްވާފައިވާ ޚިދުމަތްތަކާއި، އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމަށްޓަކައި، މިއަދު ރައްޔިތުންނަށް އޮތް އެންމެ ބޮޑު ޒިންމާއަކީ ސަރުކާރާ އެކު މަސައްކަތް ކުރާނެ ބަޔަކު އިންތިޚާބު ކުރުން ކަމަށެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތާއި ޒިންމާ އަދާކުރުމަށްޓަކައި ކޮށްދެވޭނެ ޤައުމީ ވާޖިބަކީ ސަރުކާރާ އެކީގައި މަސައްކަތް ކުރާނެ ޕީ.އެން.ސީގެ ކެންޑިޑޭޓުން ހޮވުންކަން އޭނާ ފާހަގަކުރެއްވިއެވެ.
ވާހަކަ ނިންމަވާލައްވަމުން މިނިސްޓަރ ވަނީ، ސަރުކާރުގެ ސިޔާސަތުތައް އެންމެ ފުރިހަމައަށް ތަންފީޒުކޮށް، ރައްޔިތުން އެދޭފަދަ ހަލުވި ތަރައްގީއެއް ރަށްރަށަށް ގެނައުމަށްޓަކައި، ކުރިއަށް އޮތް އިންތިޚާބުތަކުގައި ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އައްޑޫ ސިޓީގެ ރައްޔިތުންނަށާއި މުޅި ރާއްޖޭގެ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ. ސަރުކާރާއި ވަކިވެގަނެގެން ހިންގާ ކައުންސިލްތަކުގެ ސަބަބުން ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ މަޝްރޫއުތަކަށް ހުރަސްއެޅޭކަން މިނިސްޓަރުގެ ވާހަކަފުޅުގައި ތަކުރާރުކުރައްވައި، ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.












