ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން 80 އިންސައްތައަށްވުރެ މަތިން އިންތިޚާބުގައި ކާމިޔާބުކުރާނެ ކަމަށް، އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ އިބްރާހިމް ފަލާޙު ވިދާޅުވެއްޖެއެވެ.
ފަލާޙު މި މޭރުމުން ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ކުޅުދުއްފުށި ސިޓީން ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން އިފުތިތާހުކުރުމަށް އެ ސިޓީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ފަލާޙު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ރައްޔިތުންނަށް ވެވަޑައިގަންނަވާ ވަޢުދުތައް ފުއްދަވާ ވެރިއެއް ކަމަށެވެ. އެހެންކަމުން ރަށްރަށުގައި ފަށާފައިވާ ތަރައްޤީގެ މަޝްރޫޢުތައް ނިންމުމަށްޓަކައި ކައުންސިލްތަކުގެ އެހީތެރިކަން ސަރުކާރަށް ނުހަނު ބޭނުންވާ ކަމަށް ފަލާޙު ވިދާޅުވިއެވެ.
މެންބަރު ފަލާޙު ވިދާޅުވީ، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރު ވެގެންދާނީ ރާއްޖޭގެ ތާރީޚުގައި ވެސް ނުދެކޭވަރުގެ ތަރައްޤީ ގެނެސްދޭނެ ސަރުކާރަކަށް ކަމަށެވެ.
2008 ވަނަ އަހަރުގެ ފަހުން މިހާތަނަށް ބޭއްވި ހުރިހާ ކައުންސިލް އިންތިޚާބެއްގައި ކުޅުދުއްފުށި ސިޓީގެ މެޖޯރިޓީ ލިބިފައިވަނީ އެމްޑީޕީއަށް ކަން ފާހަގަކުރައްވަމުން ފަލާޙު ވިދާޅުވީ، ފާއިތުވި 17 އަހަރު ކުޅުދުއްފުށި ސިޓީގެ ރައްޔިތުން އެމްޑީޕީ ޓެސްޓު ކޮށްފައިވާ ކަމަށާއި، އެ ސިޓީގެ ތަރައްޤީއަށް އެމްޑީޕީން ކޮށްދިން އެއްވެސް ކަމެއް ނެތް ކަމަށެވެ. ނަމަވެސް އެމްޑީޕީއާ ޚިލާފަށް ޕީއެންސީގެ ކެންޑިޑޭޓުން، ރައްޔިތުން މާޔޫސް ނުކުރާނެ ކަމަށް ފަލާޙު ވިދާޅުވިއެވެ.
”ހިންގަވާ ތިޔަބޭފުޅުން ޕީއެންސީގެ މި ޓީމު ކައުންސިލަށް ނަގަން، ނަގާފައި ޓެސްޓްކޮށްލަން. އަޅުގަނޑު 100 ޕަސެންޓު ޔަޤީންކަން ދެން މާތްالله ގެ ރަޙްމަތްފުޅާއެކު ތިޔަބޭފުޅުންނަށް މި ޓީމު ވެގެންދާނީ މިއަދުގެ ސަރުކާރާ ގުޅިގެން މި ސިޓީގައި ކުރަން މިހުރި ހުރިހާ މަސައްކަތެއް ނިންމައިދޭނެ ކައުންސިލަކަށް“ — މެންބަރު ފަލާޙު ވިދާޅުވިއެވެ.
އެމްޑީޕީގެ ދޯހަޅި ސިޔާސަތުތަކަށް ފާޑު ވިދާޅުވަމުން ފަލާޙު ވިދާޅުވީ، އެމްޑީޕީއަކީ ”ބައުވެ މުސްކުޅިވެފައިވާ“ ޕާޓީއެއް ކަމަށެވެ. އެމްޑީޕީގައި ޒުވާން ލީޑަރެއްގެ އިތުރުން ޒުވާން ސިޔާސަތެއް ވެސް ނެތް ކަމަށާއި، އެ ޕާޓީން ގެންގުޅެނީ 2008 އިން ފެށިގެން ގެންގުޅުނު ސިޔާސަތުތައް ކަމަށް ފަލާޙު ވިދާޅުވިއެވެ. ފަލާޙު އިތުރަށް ވިދާޅުވީ، އެމްޑީޕީއަށް މި އިންތިޚާބުގެ ހުރިހާ ގޮނޑިއަކަށް ކުރިމަތިލާން ވެސް ނުކެރުނު ކަމަށާއި، އެހެންވުމުގެ ސަބަބުން ޕީއެންސީއަށް ބައެއް ގޮނޑިތައް ލިބިފައިވާ ކަމަށެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ.
މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 ކައުންސިލަރުން އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާއިރު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ވެސް އެ އަދަދަށް މެންބަރުން އިންތިޚާބު ކުރާނެއެވެ. މި އިންތިޚާބުގައި ޖުމްލަ 294,937 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ. އެއީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނަށެވެ.














