Ads by
ޚަބަރު
ރަށު ތަރައްޤީއަށް މުހިންމު ކަންކަން ހަނިމާދޫ ކައުންސިލުން ރައީސް އާ ހިއްސާކުރައްވައިފި
ރައީސް މުޢިއްޒު ހަނިމާދޫ ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުން - ފޮޓޯ:ރައީސް އޮފީސް

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލުން ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާ ހިއްސާކުރައްވައިފިއެވެ.

Ads by Eki Online

ރައީސް، ހަނިމާދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވާފައި ވަނީ މިއަދު ހެނދުނު އެ ރަށު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ހަނިމާދޫގައި ރަނގަޅު ހޮސްޕިޓަލެއް ގާއިމުކޮށް ޚިދުމަތް ދޭން ބޭނުންވާ ކަމަށާއި ރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ކުރިއަށް ގެންގޮސްދެއްވުމަށާއި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް ބޭނުންވާ ކަމަށާއި ބްލަޑް ބޭންކުގެ ޚިދުމަތް ލިބޭނެ ގޮތް ހަމަޖެހިގެން ދިއުން ހިމެނެއެވެ. އަދި މޯލްޑިވްސް އިމިގްރޭޝަންގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ދެވޭނެ ގޮތް ހަމަޖައްސައިދެއްވުމަށާއި ޒަމާނީ ފެންވަރަށް މަގު ހެދުމުގެ ދެވަނަ ފިޔަވަހި ކުރިއަށް ގެންގޮސްދެއްވުމަށް ކައުންސިލުގެ ފަރާތުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ބޭންކުގެ ޚިދުމަތް ގާއިމުވުމާއި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ކަންކަމާއި ސްކޫލަށް ބޭނުންވާ ވަސީލަތްތަކާއި އިތުރަށް ރަނގަޅުކުރަން ހުރި ކަންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. ހަމަ އެއާއެކު ހަނިމާދޫގެ އެއާޕޯޓް އަދި ފުލުހުންގެ ޚިދުމަތް ދިނުމުގައި ހުރި ކަންބޮޑުވުންތައް ވެސް ކައުންސިލުން ހިއްސާކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ހަނިމާދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ ރަށުގެ މަސްވެރިންނަށް ޚާއްޞަކޮށް، މަސްކިރޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އެކަނބަލުން ވަނީ ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ކަމަށާއި ރަށުގައި ބޭސް ލިބުމަށް ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ކަމާ ގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ކައުންސިލުން ފާހަގަކުރެއްވި ކަންކަން ކުރެއްވުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *