ރާއްޖޭގެ ތާރީޚުގައި ފުރުތަމަ ފަހަރަށް އޮޕަން ޕްރިޒަން އައިލެންޑް ކޮންސެޕްޓަށް ޖަލެއް ތަރައްޤީކުރުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރުތަމަ ދައުރުގެ ފުރުތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ޖަލުތަކަކީ ހަމައެކަނި އަދަބު ދިނުމަށް ގެންދެވޭ ތަނަކަށްވުމުގެ ބަދަލުގައި، އެތަނަކީ، ޙުކުމް ތަންފީޒުކުރަމުންދާ ގައިދީންނަށް ދިރިއުޅުމުގައި ކާމިޔާބު މީހަކަށް ހެދުމަށް އިސްލާހީ ރިހިބިލިޓޭޝަންގެ ފުރުޞަތުދެވޭ ތަނަކަށް ބަދަލުކުރުމަކީ އެމަނިކުފާނުގެ ސިޔާސަތު ކަމަށެވެ.
ރައީސް ވިދާޅުވީ، ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގައި ޤަވާއިދުން ބައިވެރިވެ، އަޚްލާޤު ވަކި މިންގަނޑެއްގައި ހިފެހެއްޓުމުން ޕްރޮގްރާމުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ޖަލު ޙުކުމުން އިތުރު ދުވަހެއް ކެނޑޭގޮތަށް މިހާރު ޤަވާއިދު ބަދަލުކޮށްފައިވާ ކަމަށެވެ.
ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އޯޕަން ޕްރިޒަން އައިލެންޑް ކޮންސެޕްޓުގައި، މުޅި ރަށަކީ ޖަލެއްގެ ގޮތުގައި ކަނޑައަޅައި، އެ ރަށުގައި ގައިދީންނަށް ދިރިއުޅެވި، މަސައްކަތްތައް ކުރެވޭ ގޮތަށް، ރިހެބިލިޓޭޝަނަށް ފޯކަސްކޮށްގެން ރަށެއް ތަރައްޤީކުރުމަށް ނިންމައި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ ހަވާލުކޮށްފައިވާނެކަމަށް ރިޔާސީ ބަޔާން އިއްވަމުން ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ، މި ޖަލު ޤާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މި އަހަރުގެ މެދުތެރޭގައި ފަށައި، މި އަހަރުގެ ނިޔަލަށް އެތަނަށް ގައިދީންލުމަށް ޕްލޭންކޮށްފައިވާ ކަމަށެވެ. އެ ރަށަށް ގެންދެވޭނީ މިނިމަމް ސެކިއެރިޓީ ދޭންޖެހޭ ކުދި މައްސަލަތަކުގައި ގައިދުކުރެވޭ ފަރާތް އެކަނިކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ގައިދީންނަށް ދަނޑުވެރިކަން ފަދަ މަސައްކަތްތައް އެ ރަށުގައި ދަސްކޮށްދެވޭނެ ކަމަށެވެ.
ކުށްކޮށްގެން ޖަލަށް ލާން ހުކުމްކޮށްފައިވާ ފަރާތްތައް ޖަލުގައި ބަންދު ކޮށްފައި ތިބޭ އިރު އިންސާނީ ކަރާމާތާއި ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް އިންތިޒާމްތައް ހުރިކަން ކަށަވަރު ކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމުގައި ރައީސް ވަނީ އިތުރަށް ވިދާޅުވެފައެވެ.












