Ads by
ޚަބަރު
ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް އުތީމު ކައުންސިލުން ރައީސް އާ ހިއްސާކުރައްވައިފި
ރައީސް މުޢިއްޒު އުތީމު ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުން - ފޮޓޯ:ރައީސް އޮފީސް

ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލުން ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާ ހިއްސާކުރައްވައިފިއެވެ.

Ads by Eki Online

ރައީސް، އުތީމު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވާފައި ވަނީ އާދިއްތަ ދުވަހުގެ ހަވީރު ހއ. ބާރަށު ސްކޫލުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސް އާ ހިއްސާކުރައްވާފައެވެ. އެގޮތުން ރަށުގެ މިސްކިތް މަރާމާތު ކުރުމަށް ބޭނުންވާ ކަމަށާއި ބަނދަރު ހަލާކުވެފައިވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތައް ކައުންސިލުގެ ފަރާތުން ހާމަކުރެއްވިއެވެ. އަދި ރަށް ގިރުމުގެ މައްސަލަ ކުރިމަތިވާ ކަމަށާއި ޒުވާނުންނަށް ފުޓްސަލް ދަނޑެއް ބޭނުންވާ ކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު ރަށުގައި ފަށާފައި ހުރި މަޝްރޫޢުތައް އަވަސްކޮށްދެއްވައި، ރަށުގައި ހުރި އާސާރީ ތަންތަން އާބާތުރަ ފިލުވައި މަރާމާތުކުރަން ޖެހިފައިވާކަން ކައުންސިލުން ހާމަކުރެއްވިއެވެ. މީގެ އިތުރުން ގޯތިގެދޮރު ފޯރުކޮށްދިނުމަށް މަޝްރޫޢުތައް ހިންގަވައި ދެއްވުމަށާއި ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި ސްކޫލަށް ބޭނުންވާ ވަސީލަތްތަކާއި ސްޓޭޓް ހައުސްއެއް ރަށަށް ބޭނުންވާ ކަމަށާއި ރަށުގެ ރައްޔިތުންނަށް އޭޓީއެމްގެ ޚިދުމަތް ބޭނުންވާ ކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.

އުތީމުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ އެކަނބަލުން ބޭނުންވާ ކަންކަން ރައީސް އާ ހިއްސާކުރައްވާފައެވެ. އެގޮތުން، އ.ތ.މ ކޮމިޓީގެ މެންބަރުންނަށް ތަމްރީނު ޕްރޮގްރާމްތައް ހިންގަވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެ ކަމުގައި ވިދާޅުވިއެވެ. ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *