Ads by
ޚަބަރު
ރަށު ތަރައްޤީއަށް ބޭނުންވާ ކަންކަން ބާރަށު ކައުންސިލުން ރައީސް އާ ހިއްސާކުރައްވައިފި
ރައީސް މުޢިއްޒު ބާރަށު ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުން - ފޮޓޯ:ރައީސް އޮފީސް

ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލުން ރަށުގެ ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާ ހިއްސާކުރައްވައިފިއެވެ.

Ads by Eki Online

ރައީސް، ބާރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވާފައި ވަނީ އާދިއްތަ ދުވަހުގެ ހަވީރު އެ ރަށު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާއި ކައުންސިލުން ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަން ފާހަގަކުރައްވާފައެވެ. އެގޮތުން ކައުންސިލް އިދާރާގައި ހުރި ޖާގައިގެ ދަތިކަން ފާހަގަކުރައްވައި، ރަށުގައި ހުރި ތާރީޚީ އަދި އާސާރީ ތަންތަން ދެމެހެއްޓުމަށް މަސައްކަތް ކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. އަދި ޒުވާނުންނަށް ސްޕޯޓްސް އެރީނާއެއް ތަރައްޤީ ކުރުމަށް ބޭނުންވާ ކަމުގައި ކައުންސިލުން ހާމަކުރެއްވިއެވެ. މީގެ އިތުރުން ރަށުގެ ޞިއްޙީ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ޑޮކްޓަރުން އިތުރުކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ދަތުރުފަތުރު ކުރުމުގައި ހުރި ގޮންޖެހުންތަކާއި ޒުވާނުންނަށް މަސްވެރިކަން ކުރުމަށް ‘ސްޕޯޓް ފިޝިންގ’ އަށް ޚާއްޞަކޮށް ކަނދުފައްޗެއް ބޭނުންވާ ކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.

ބާރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވެސް ވަނީ އެކަނބަލުންނަށް ކުރިމަތިވާ ގޮންޖެހުންތައް ރައީސް އާ ހިއްސާކުރައްވާފައެވެ. އެގޮތުން، ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާއި ބަޖެޓުގެ ދަތިކަން ފާހަގަކުރައްވައި، ރަށުގައި އަންހެން ކަނބަލުން މޫދަށް އެރުމަށް ޚާއްޞަ ސަރަޙައްދެއް ކަނޑައަޅައިދެއްވުމަށް އެކަނބަލުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން އ.ތ.މ ކޮމިޓީގެ މެންބަރުންނަށް ލިބޭ މުސާރަ އިތުރުކޮށްދެއްވުމަށާއި ނަރުދަމާގެ ޚިދުމަތް ގާއިމުކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ރަނގަޅު ނަތީޖާއެއް ނެރެދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *